ދެކުނު ކޮރެއާގައި ބާއްވާ އޮލިމްޕިކް ގޭމްސްއަށް އުތުރުން ޑެލިގޭޝަނެއް ފޮނުވަން ނިންމައިފި

އެބައްދަލުވުމުގެ ކުރިން އުތުރު ކޮރެއާ އާއި ދެކުނު ކޮރެއާގެ ޑެލިގޭޝަނުން ވަނީ މީޑިއާއާ ވާހަކަ ދައްކާފައި -- ފޮޓޯ: އީޕީއޭ

ސޯލް (ޖެނުއަރީ 9): އަންނަ މަހު ދެކުނު ކޮރެއާގައި ބާއްވާ ވިންޓާ އޮލިމްޕިކް ގޭމްސްއަށް އުތުރު ކޮރެއާ އިން ޑެލިގޭޝަނެއް ފޮނުވާނެ ކަމަށް ދެކުނު ކޮރެއާ އިން އިއުލާންކޮށްފި އެވެ.

ދެކުނު ކޮރެއާގެ ޔުނިފިކޭޝަން މިނިސްޓަރުގެ ނައިބު ޗުން ހައެ ސަންގް އެފަދައިން ވިދާޅުވީ ދެ ކޮރެއާ ގުޅޭ ޑީމިލިޓަރައިޒްޑް ޒޯން (ޑީއެމްޒެޑް)ގައި އޮންނަ އަވަށެއް ކަމަށްވާ ޕަންމުންޖޮމްގައި މިއަދު ދެ ގައުމުން ބޭއްވި ބައްދަލުވުމަކަށް ފަހުގަ އެވެ.

މިނިސްޓަރު ޗުން ވިދާޅުވި ގޮތުގައި އެބައްދަލުވުމުގައި އުތުރު ކޮރެއާއިން ވަނީ އެގައުމުގެ އޮލިމްޕިކް ކޮމިޓީގެ ޓީމަކާއި އެތްލީޓުންނާއި ސަޕޯޓަރުންނާއި އޮބްޒާވަރުންނާއި ޓައިކްވޮންޑޯ ޓީމަކާއި ނޫސްވެރިން ހިމެނޭ ޑެލިގޭޝަނެއް ދެކުނަށް ފޮނުވަން ހުށަހަޅައިފަ އެވެ.

ދެ ގައުމުން ވެސް ފަސް މެމްބަރުން ބައިވެރިވި އެބައްދަލުވުމުގައި ދެކުނު ކޮރެއާގެ ޑެލިގޭޝަނުގައި އިސްކޮށް ހުންނެވީ އެގައުމުގެ ޔުނިފިކޭޝަން މިނިސްޓަރު ޗޯ މުޔޮން ގުޔޮން އެވެ.

އެބައްދަލުވުމުގެ ކުރިން މީީޑިއާއާ ވާހަކަ ދައްކަވަމުން މިނިސްޓަރު ޗޯ ވަނީ މި އަހަރު ބާއްވަނީ "ސުލްހައިގެ އޮލިމްޕިކްސް" ކަމަށާއި ދެ ގައުމުގެ ގުޅުން ރަނގަޅު ކުރުމަށް ރައްޔިތުން ބޭނުންވާ ކަމަށް ވިދާޅުވެފަ އެވެ.

އަދި އުތުރު ކޮރެއާގެ ޑެލިގޭޝަނުގައި އިސްކޮށް ހުންނެވި ރީ ސޮންގްވޮން ވިދާޅުވީ އެ ބައްދަލުވުމުން ރަނގަޅު ނަތީޖާއެއް ފެންނާނެ ކަމަށާއި އެއީ އެ ގައުމުން ދެކުނަށް ދޭ އާ އަހަރުގެ ފުރަތަމަ ހަދިޔާ ކަމަށެވެ. ރީ ސޮންގްވޮން އަކީ އުތުރުގައި ހުންނަ ދެ ކޮރެއާގެ ގުޅުމާ ބެހޭ އޭޖެންސީގައި އިސްކޮށް ހުންނަވާ ފަރާތެވެ.

ދެ ކޮރެއާ އިން އެބައްދަލުވުން ބާއްވަން އެއްބަސްވީ އޮލިމްޕިކްސްއަށް އުތުރު ކޮރެއާގެ ޑެލިގޭޝަނެއް ފޮނުވުމާ ބެހޭ ގޮތުން އެގައުމުން ވިސްނަމުންދާ ކަމަށް ލީޑަރު ކިމް ޖޮންގްް އުން ވިދާޅުވި ފަހުންނެވެ. އަދި އެއީ ދެ ގައުމުގެ ގުޅުން ވަރުގަދަ ކުރަން ރަނގަޅު ފުރުސަތެއް ކަމަށް ދެކުނު ކޮރެއާގެ ރައީސް މޫން ޖޭ އިން ވިދާޅުވި ފަހުންނެވެ.

އެއީ 2015 ވަނަ އަހަރުގެ ފަހުން ދެ ކޮރެއާއިން ބޭއްވި ފުރަތަމަ މަތީ ފަންތީގެ މަޝްވަރާ ބައްދަލުވުމެވެ. އެ އަހަރު ދެގައުމުގެ ގުޅުން ގޯސްވީ އުތުރު ކޮރެއާ އިން ނިއުކްލިއާ ޓެސްޓެއް ކުރުމާ ގުޅިގެން ދެކުނު ކޮރެއާ އިން ޖޮއިންޓް އިކޮނޮމިކް ޕްރޮޖެކްޓެއް ސަސްޕެންޑު ކުރުމާ ގުޅިގެންނެވެ. (ބީބީސީ)

comment ކޮމެންޓް