ކާށިދޫ ކައުންސިލްގެ ކުރީގެ ރައީސް ޑިންގީއެއްގެ ތެރޭގައި މަރުވެފައި އޮއްވައި ފެނިއްޖެ

ކާށިދޫ ކައުންސިލްގެ ކުރީގެ ރައީސް މަރުވެފައި އޮއްވައި ފެނުނު ޑިންގީ ސަން --- ފޮޓޯ: ކިޔުންތެރިއެއް

ކ. ކާށިދޫ ކައުންސިލްގެ ކުރީގެ ރައީސް އީސާ ޚަލީލް ކުއްލިގޮތަކަށް މަރުވެފައި އޮއްވައި ފެނިއްޖެއެވެ.

މަންޒަރު ދުށް މީހަކު "ސަން" އަށް ކިޔައިދިންގޮތުގައި އޭނާ މަރުވެފައި އޮއްވައި ފެނުނީ ޑިންގީއެއްގެ ތެރެއިންނެވެ.

"އީސާ ޚަލީލް މަރުވެފައި އޮއްވަވައި ފެނުނީ މިރަށު ދެކުނު އަވަށު ހުރަސްތޮށި ކައިރި ފަޅުތެރޭގައި ލައްގާފައި އޮތް ޑިންގީއެއްގެ ތެރެއިން،" މަންޒަރު ފެނުނު މީހާ ކިޔައިދިނެވެ.

އޭނާ ބުނީ އެ ޑިންގީ އަކީ ޚަލީލްގެ އަމިއްލަ ޑިންގީއެއް ކަމަށާއި މަރުވެފައި އޮއްވައި ފެނުމުގެ ގާތްގަނޑަކަށް 15 މިނިޓް ކުރިން އޭގައި ޚަލީލް ބަޔަކު ގޮވައިގެން ކައިރީގައި އޮތް ވެލިގަނޑު ނަމަކަށް ކިޔާ ފަޅުރަށަކަށް ދަތުރެއްކޮށްފައިވާ ކަމުގެ މައުލޫމާތު ލިބިފައިވާ ކަމަށެވެ.

ކާށިދޫ ކައުންސިލްގެ ކުރީގެ ރައީސް މަރުވެފައި އޮއްވައި ފެނުނު ޑިންގީ އޮތް ސަރަހައްދު ---- ސަން ފޮޓޯ: ކިޔުންތެރިއެއް

"އީސާ ޚަލީލު އެކަނި ދިޔައީ ވެލިގަނޑު ނަމަކަށް ކިޔާ ފަޅު ރަށުގައި ދަތުރުގޮސް އުޅުނު ބަޔަކު ބަލާ. އެ މީހުން ގޮވައިގެން އެނބުރި ރަށަރަށް އައިފަހުން މިކަމެއްވީ. އެމީހުން ގޮވައިގެން އައިސް ޑިންގީ އަޅަންވެގެން ވާ އައްސަން އީސާ ޚަލީލު އުޅުނު މަންޒަރު ފެނުނު މީހުން ވެސް އެބަތިބި،" މަންޒަރު ފެނުނު މީހަކު ސަން އަށް ކިޔައިދިނެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވީ އުމުރުން 57 އަހަރުގެ ފިރިހެނަކު ކާށިދޫ ބަނދަރުގައި އޮތް ޑިންގީއެއްގެ ތެރޭގައި ވެއްޓިފައި އޮތް ކަމުގެ މައުލޫމާތު ލިބިގެން އެމީހާ ކާށިދޫ ސިއްހީ މަރުކަޒަށް ވަނީ ގެންގޮސްފައި ކަމަށެވެ. އަދި ސިއްހީ މަރުކަޒަށް ގެންދިޔައިރުވެސް މަރުވެފައިވާ ކަމަށް ޑޮކްޓަރާ ހަވާލާދީ މީޑިއާ އޮފިޝަލް ވިދާޅުވިއެވެ.

ފުލުހުން އަންނަނީ އެ މައްސަލަ ތަހުގީގު ކުރަމުންނެވެ.

comment ކޮމެންޓް