ރ. މީދޫ ފެންފިޔާޒުގޭ މުހައްމަދު އަނަސްގެ މަރުގެ މައްސަލައިގައި ދައުވާ ރައްދުވާ މީހުން ބަންދު ނުކުރުމަށް ހައިކޯޓުން ނިންމައިފައެވެ.
ލިޓަސް ސާވިސް ސެންޓަރު ތެރޭގައި އަނަސްއަށް ހަމަލާދީ މަރާލާފައިވަނީ ޖުލައި 31، 2017ގެ ރެއެވެ.
މި މައްސަލައިގައި ދައުލަތުން ދައުވާކޮށްފައިވަނީ ލ. ގަން ނަންނާރިގެ، ޖުނައިހު އަބްދުﷲ އާއި ސ. ފޭދޫ ވެސްޓަންވިލާ، ހަސަން މަހްފޫޒާއި ދަފްތަރު ނަމްބަރު 1746، ސިމާހު މޫސާއާއި ޅ. ކުރެންދޫ އަސަރުމާގެ، އަހުމަދު ޒަޔާނާއި މ. ދިމިޝްގު، އުސްމާން ޝަރީފާއި މ. ލޮނުމިދިލިގެ އަފްރާހު އަބްދުއްރައްޒާގާއި ތ. ކިނބިދޫ ގުލްފާމްގެ، މުހައްމަދު ސާޒްގެ މައްޗަށެވެ.
އަނަސްއަށް ހަމަލާ ދީފައިވަނީ އަހުމަދު ޒަޔާނާއި އަފްރާހާއި އުސްމާން ކަމަށް ދައުލަތުން ތުހުމަތު ކުރެއެވެ. އަދި އެ ތިން މީހުންގެ މައްޗަށް ކުރީ ތޫނު އެއްޗެއް ބޭނުންކޮށްގެން ގަސްދުގައި މީހަކު މެރުމުގެ ދައުވާއެވެ.
އެ މީހުންގެ ތެރެއިން، ސާޒާއި ޖުނައިހާއި މަހްފޫޒު އަދި ސިމާހުގެ މައްޗަށް ކޮށްފައި ވަނީ ތޫނު އެއްޗެއް ބޭނުންކޮށްގެން ގަސްދުގައި މީހަކު މެރުމުގައި ބައިވެރިވުމުގެ ދައުވާއެވެ. އެ ހަތަރު މީހުންނަކީ އަނަސްއަށް ހަމަލާ ދިންމީހުން ގޮވައިގެން ސައިކަލްތަކުގައި އައި މީހުން ކަމަށް ބުނެ ދައުވާކުރިއެވެ.
އަނަސް މަރާލިތާ ހަތް އަހަރު ފަހުން ކްރިމިނަލް ކޯޓުން އިއްވި ހުކުމުގައި ބުނީ މައްސަލައިގައި ދައުލަތުން ހުށަހަޅާފައިވާ ހެއްކާއި ގަރީނާތަކަށް ރިއާޔަތްކޮށް، އެ ހަތް މީހުން ކުށުގައި ބައިވެރިވާ ކަމަށް އެކަށީގެންވާ ޝައްކެތް ނެތް މިންވަރަށް ސާބިތުވާ ކަމަށް ކަނޑައެޅެން ނެތް ކަމަށެވެ. އެއާއެކު އެ މީހުން މިނިވަންކުރީއެވެ.
ދައުލަތުގެ ފަރާތުން މި މައްސަލަ ހައިކޯޓުގައި އިސްތިއުނާފުކޮށް، އެދިފައިވަނީ ދައުވާ ލިބޭ ހަތް މީހުން ވެސް ޝަރީއަތް ނިމެންދެން ބަންދު ކުރުމަށެވެ. އެހެން ނަމަވެސް ހައިކޯޓުން އިއްޔެ ނިންމީ، އެ މީހުން ބަންދު ކުރަންޖެހޭ ހާލަތެއް ނެތް ކަމަށެވެ.
އެއީ ދައުވާ ލިބޭ މީހުން އިސްތިއުނާފީ މަރުހަލާގައި ބަންދުކުރަންޖެހޭ އެއްވެސް ސަބަބެއް ދައުލަތަށް ދެއްކިފައިނުވާތީ ކަމަށް ކޯޓުން ބުންޏެވެ. ހައިކޯޓުން ފާހަގަކޮށްފައިވާ ކަންކަމުގެ ތެރޭގައި ތުހުމަތެއް ކުރެވޭ ވަރުގެ ހެކިތަކެއް، އަދި ދައުވާ ލިބޭ މީހުން ކަށަވަރުކުރަން ވެސް ބާރު ލިބިދޭ އެއްވެސް ހެއްކެއް ދައުލަތުން ހުށަހަޅާފައެއް ނުވުން ހިމެނެއެވެ.
ހައިކޯޓުން ބުނެފައިވަނީ މި މައްސަލައިގައި ފުލުހުން ހުށަހަޅާފައިވާ ކޯލް ރިކޯޑިންއާއި އިންޓެލިޖެންސް އަދި ތަހުގީގު ރިޕޯޓަށް ބުރަދަނެއް ނުދެވޭނެ ކަމަށެވެ. އެއީ ފުލުހުން އަމިއްލައަށް ތައްޔާރުކޮށްފައިވާ އެއްޗަކަށްވާތީ ކަމަށް ހައިކޯޓުގެ ނިންމުމުގައި ބުނެފައިވެއެވެ.
އެހެން ކަމުން ކޯޓުން ނިންމީ ދައުވާ ލިބޭ މީހުން ބަންދުނުކުރުމަށެވެ.
ހަމަލާއަށް ފަހު އަނަސް އޭޑީކޭ ހޮސްޕިޓަލަށް ގެންދިޔައިރު ވެސް އޮތީ މަރުވެފައި ކަމަށް އޭނާ ބެއްލެވި ޑރ. އިބްރާހިމް މުބީން ވިދާޅުވެފައިވެއެވެ. އަދި، އޭނާގެ 24 ތަނަކަށް ތޫނު އެއްޗަކުން ހަމަލާދީފައިވާއިރު ލިބިފައިހުރި ޒަޚަމްތަކަކީ ވަގުތުން މީހާ މަރުވާފަދަ ޒަޚަމުތަކެއް ކަމަށް ވެސް ޑޮކްޓަރު ވިދާޅުވެފައިވެއެވެ.