އެމްއެޗް370 ހޯދުމުގެ މަސައްކަތް އަލުން ފެށުމަށް މެލޭޝިއާ ސަރުކާރުން ހުއްދަ ދީފި

މެލޭޝިއަން އެއާލައިންސްގެ ފްލައިޓެއް އެއާޕޯޓެއްގައި ---

މީގެ ގާތްގަނޑަކަށް ހަތަރު އަހަރު ކުރިން ގެއްލިފައިވާ މެލޭޝިއަން އެއާލައިންސްގެ ފްލައިޓް އެމްއެޗް370 ހޯދުމުގެ މަސައްކަތް އަލުން ފަށަން ތައްޔާރުވެފައިވާ އެމެރިކާގެ އަމިއްލަ ކުންފުންޏަށް އެ މަސައްކަތް ކުރިއަށް ގެންދިއުމުގެ ހުއްދަ މެލޭޝިއާ ސަރުކާރުން ދީފި އެވެ.

މާޗް، 2014 ވަނަ އަހަރު 239 ފަސިންޖަރުންނާއެކު މެލޭޝިއާ އިން ފުރައިގެން ޗައިނާއަށް ދަތުރު ކުރި ބޮއިން 777 މަރުކާގެ އެ މަތިންދާ ބޯޓު ގެއްލުނު ފަހުން ބޯޓާ ބެހޭ އެއްވެސް މައުލޫމާތެއް ލިބިފައެއް ނުވެ އެވެ.

އެ ބޯޓު ހޯދަން އިންޑިއާ ކަނޑުގެ ސަރަހައްދުގައި މެލޭޝިއާ، ޗައިނާ އަދި އޮސްޓްރޭލިއާ ގުޅިގެން ކުރި މަސައްކަތުން ވެސް ބޯޓުގެ ބަލްކުގެ ބައެއް ފެނިފައެއް ނުވެ އެވެ.

އެގޮތުން ބޯޓު ހޯދުމަށް 1000 އަށްވުރެ ގިނަ ދުވަސް ވަންދެން ހިންގި އޮޕަރޭޝަން ވަނީ މިދިޔަ އަހަރުގެ ޖަނަވަރީ މަހުގެ ތެރޭގައި ހުއްޓާލައިފަ އެވެ.

އެމްއެޗް370 ހޯދުމުގެ މަސައްކަތް އަލުން ފެށުމުގެ ހުއްދަ މެލޭޝިއާ ސަރުކާރުން މިފަހަރު ދިނީ ކަނޑުއަޑި ބަލާ ހޯދުމުގެ އެމެރިކާގެ ތަޖުރިބާކާރު ކުންފުނި އޯޝަން އިންފިނިޓީ އަށެވެ.

އެ ކުންފުންޏާ އެ މަސައްކަތް ހަވާލުކުރީ "ނޯ ފައިންޑް، ނޯ ފީ" ނުވަތަ ބޯޓު ހޯދިއްޖެނަމަ އަގެއް ދޭ ގޮތަށެވެ.

އެމެރިކާގެ ކުންފުންޏާ މަސައްކަތް ހަވާލު ކުރުމުގެ ގޮތުން މެލޭޝިއާގެ ޓްރާންސްޕޯޓް މިނިސްޓަރު ލިއޯ ތިއޮން ލައި އިއްޔެ ވިދާޅުވީ، ބޯޓު ހޯދުމުގެ މަސައްކަތަށް ސަރުކާރުން އެއްބާރުލުންދޭނެ ކަމަށެވެ. ނަމަވެސް ބޯޓުން ދަތުރުކުރި ފަސިންޖަރުންގެ އާއިލާތަކަށް މާ ބޮޑު އުއްމީދުތަކެއް ދޭން ބޭނުން ނުވާ ކަމަށް ވިދާޅުވި އެވެ.

ބޯޓު ހޯދުމުގެ މަސައްކަތް ކުރަން ތައްޔާރުވެފައިވާ އޯޝަން އިންފިނިޓީން ކުރިން ބުނީ، ބޯޓު ހޯދުމަށް އެ ކުންފުނިން ބަލާނީ އިންޑިއާ ކަނޑުގެ ދެކުނުން ކުރިން ބެލި ސަރަހައްދުގެ އުތުރުން 25،000 އަކަ ކިލޯމީޓަރުގެ ކުޑަ ސަރަހައްދެއް ކަމަށެވެ.

(ސްކައި ނިއުސް)

comment ކޮމެންޓް