އިއްޔެ ރ. މަޑުއްވަރިން ގެއްލުނު އެރަށު ކޯދު، އުމުރުން 19 އަހަރުގެ އާމިނަތު ޝަބާ ފެނިއްޖެ އެވެ.
މަޑުއްވަރީ ކައުންސިލްގެ ރައީސް އަބްދުﷲ އަހުމަދު ވިދާޅުވީ، އެކުއްޖާ ފެނުނީ ރ. މަޑުއްވަރީ އުޑުވިލާ ގޭގައި ހުރި ގުދަނެއްގެ ތެރޭން ކަމަށެވެ.
ރަށުގެ ރައްޔިތުންނާ ކައުންސިލް އިދާރާ އަދި ފުލުހުން ގުޅިގެން ރަށުގެ ހުރިހާ ގެއެއް ބަލަމުން ދަނިކޮށް، ގުދަނު ތެރޭގައި އިށީނދެ އިންދައި ފެނިފައިވާ ކަމަށް އެ ރަށުން ވާހަކަދެއްކި މީހަކު ބުންޏެވެ.
ދުވާލެއްގެ ހަތަރުދަމު ނުކައި ހުރުމުގެ ސަބަބުން ވަރުދެރަވެފައިވާ އެކުއްޖާ މިހާރު ވަނީ މަޑުއްވަރީ ސިއްހީ މަރުކަޒުގައި އެޑްމިޓްކޮށްފަ އެވެ.
ޝަބާގެ އާއިލާގެ ފަރާތުން މަންމަ، އަޒީޒާ އަހްމަދު ރޭ "ސަން"އަށް ބުނި ގޮތުގައި، ޝަބާ ހިތްހަމަނުޖެހިގެން އުޅުނީ އޭނާ ލޯބީގެ ގޮތުން ގުޅިގެން އުޅުނު މީހާއާ އާއިލާ ނުގަބޫލުވުމުންނެވެ.
"ޝަބާގެ ބައްޕައާ އާއިލާއިން ދިޔައީ އޭނާގެ އުޅުން ގޯސްކަމަށް ދެކިގެން އޭނާއަށް ނަސޭހަތްދެމުން. އެކަމާ ހިތްހަމަނުޖެހިގެން ގެއިން ނުކުމެގެން ދިޔައީ. ޝަބާގެ ބައްޕަ ސައިތައްޓެއް ބޯލުމަށް ހަވީރު ގޭތެރެއަށް ވަން ވަގުތުކޮޅު އޭނާ ދިޔައީ،" ޝަބާގެ މަންމަ އިއްޔެ ބުންޏެވެ.