ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުން ގިނަ އަދަދެއްގެ ޑޮލަރުތަކެއް ފޭރުނު މައްސަލައިގައި އެންމެ ފަހުން ހައްޔަރު ކުރި މީހަކީ، ފުލުހަކަށް، ހަމަލާދިން މައްސަލައެއްގައި ކުރިން ދައުވާކުރި މީހެއްކަން އެނގިއްޖެއެވެ.
މިދިޔަ އޮކްޓޯބަރު މަހުގެ ފަހުކޮޅު ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުން ގިނަ އަދަދެއްގެ ޑޮލަރުތަކެއް ފޭރުނު މައްސަލައިގައި އެންމެ ފަހުން ހައްޔަރު ކޮށްފައިވަނީ ރ. މަޑުއްވަރި، މީޒާން، އިސްމާޢީލް ސިރްޙާން، އެވެ. މިދިޔަ އަންގާރަ ދުވަހު ހައްޔަރު ކުރި, އިސްމާޢީލް ސިރްޙާން ހުރީ، މިހާރު 30 ދުވަހަށް ބަންދުކޮށްފައެވެ.
ރިކޯޑްތައް ދައްކާ ގޮތުން އިސްމާޢީލް ސިރްޙާންއަކީ މީގެ ކުރިން، ފުލުހުންގެ ދައުރު އަދާކުރަން ހުރިމީހަކަށް ހަމަލަދިނުމުގެ ކުށުގެ ދައުވާ އުފުލާފައިވާ މީހެކެވެ. އެ މައްސަލައާ ގުޅިގެން އޭނާ ހޯދުމަށް ފުލުހުން، 2018 ވަނަ އަހަރު އިއުލާންވެސް ކޮށްފައިވާކަން ރެކޯޑްތަކުން ދައްކައެވެ. އެކަމަކު މައްސަލަ ނިމުނު ގޮތެއް ސާފުވެފައެއް ނުވެއެވެ.
އެ މައްސަލައިގައި ދައުލަތުން ކޮށްފައިވާ ދައުވާއާ ގުޅިގެން، އިސްމާއިލް ސިރްހާން، ބަންދުގައި ބަހައްޓައިގެން މަޑުއްވަރީ މެޖިސްޓްރޭޓް ކޯޓަށް ހާޒިރުކުރުމަށް ފުލުހުންގެ މައްޗަށް ކުރިން އަމުރުކޮށްފައި ވެސްވެއެވެ.
ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުން ގިނަ އަދަދެއްގެ ޑޮލަރުތަކެއް ފޭރުނު މައްސަލައިގެ ތުހުމަތުގައި މިހާތަނަށް ޖުމުލަ އަށް މީހަކު ހައްޔަރުކޮށްފައިވެއެވެ. މި އެންމެންވެސް ތިބީ ބަންދުގައި ކަމަށް ފުލުހުން ބުންޏެވެ.
މި މައްސަލައިގައި ހައްޔަރު ކޮށްފައިވާ އިތުރު މީހުން:
1- ގއ. ވިލިނގިލި، ބިނާ، ޢަބްދުލްއައްވަލް އިބްރާހީމް އަބޫބަކުރު (27އ)
2- ތ. ވިލުފުށި، އެހީވާގެ، އަޙްމަދު މާޙިދު (44އ)
3- ސ. ހިތަދޫ، ވަށަގުލިމާގެ، ޢަލީ އަފްޒަލް (21އ)
4- ލ. މާވަށް، ރޭޝަމް، މާޒިން މޫސާ (25އ)
5- މާލެ، މ. ކޯރަސް، އަޙްމަދު ރައިހާން ނަޢީމް (20އ)
6- ކ. ގުރައިދޫ، އަޅިވިލާގެ، އިބްރާހީމް އަނޫފް (24އ)
7- ކ. ގުރައިދޫ، އަޅިވިލާގެ، ޙުސައިން ޝަހުދު (30އ)
8- ރ. މަޑުއްވަރި، މީޒާން، އިސްމާޢީލް ސިރްޙާން (30އ)
އަދި، އިތުރު ހަތަރު މީހަކު ފުރުން މަނާކޮށްފައިވާ ކަމަށް ފުލުހުން ބުނި ނަމަވެސް، އެ މީހުންގެ ވަނަވަރު ހާމައެއް ނުކުރެއެވެ.
ޓެކްސީއެއްގައި ބަޔަކު އެއާޕޯޓަށް ގޮސް ޑޮލަރު ހުރި ސޫޓުކޭސްތައް ފޭރިގަނެގެން ފިލީ ލޯންޗެއްގައެވެ.
އެ ލޯންޗު އަތުލައިގަތްކަން ހޯމްލޭންޑް ސެކިއުރިޓީ މިނިސްޓަރު ޢަލީ އިޙްސާން އެ ދުވަހު ވިދާޅުވި ނަމަވެސް، ގެއްލުނު ފައިސާއަށްވީ ގޮތް އަދިވެސް ފުލުހުން ހާމަކޮށްފައި ނުވެއެވެ.
ގެއްލުނީ ސީދާ ކިހާ އަދަދެއްގެ ފައިސާއެއް ކަމެއް ވެސް ފުލުހުން ނުބުނެއެވެ.
އެކަމަކު، އިތުބާރު ހުރި މަސްދަރަކުން 'ސަން'އަށް އޭރު ބުނި ގޮތުގައި އެ މީހުން ވަގަށް ނެގި ކަމަށް ބުނާ ސޫޓް ކޭހުގައި ލައްކައެއްހާ ޑޮލަރު ހުންނާނެއެވެ.
އެއީ، ފުރާ މީހުންނަށް ފައިސާ މާރުކުރާ ކައުންޓަރަށް ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް)އިން ގެންދިޔަ ފައިސާކަން ވަނީ އެނގިފައެވެ. އަދި، ޑޮލަރުގެ އިތުރުން ވެސް ޔޫރޯއާއި އެ ނޫން ވެސް ފައިސާ ހުންނާނެ ކަމަށް އޭނާ ބުނެފައިވެއެވެ.