400 އަށް ވުރެ ގިނަ ޓީޗަރުން ހޯދަން އިއުލާންކޮށްފި

"ކެންގަރޫ ކިޑްސް" ޕްރީ ސްކޫލު ދަރިވަރުންތަކަކާއެކު ފްރީ ސްކޫލު ޓީޗަރެއް -- ސަން ފައިލް ފޮޓޯ/ ހުސައިން ހަސަން

މިއަހަރު ސްކޫލުތައް ހުޅުވެން ވާއިރަށް އެކި މާއްދާތަކަށް ބޭނުންވާ 400 އަށް ވުރެ ގިނަ މުދައްރިސުން ހޯދަން އެޑިއުކޭޝަން މިނިސްޓްރީން އިއުލާންކޮށްފިއެވެ.

އެ މިނިސްޓްރީން ކޮށްފައިވާ އިއުލާނުގައި ބުނެފައިވަނީ އިކޮނަމިކް ސްޓަޑީސް، ޖެނަރަލް ސައިންސް، ކޮމްޕިއުޓަރ ސްޓަޑީޒް، ދިވެހި އަދި އިސްލާމް މާއްދާ ކިވައިދޭނެ މުދައްރިސުން އެކިއެކި ސްކޫލުތަކަށް ބޭނުންވާ ކަމަށެވެ.

މިއަހަރުގެ ދިރާސީ އައު އަހަރު ޖަނަވަރީ މަހުގެ 14 ވަނަ ދުވަހު ފަށާ އިރު، މުދައްރިސުން ހޯދަން އެކިއެކި ސްކޫލުތަކުން އަންނަނީ މަސައްކަތް ކުރަމުންނެވެ. އެޑިއުކޭޝަނުން ކޮށްފައިވާ އިއުލާންތަކަށް ބަލާ އިރު އެންމެ ގިނައިން މުދައްރިސުން ހޯދަން އިއުލާންކޮށްފައިވަނީ އަތޮޅު ތެރޭގެ ސްކޫލު ތަކުންނެވެ.

އެޑިއުކޭޝަން މިނިސްޓްރީން ޓީޗަރުން ހޯދަން ފަށާފައިވާ އިރު އެ މިނިސްޓްރީން ދަނީ ހާއްސަ އެހީއަށް ބޭނުންވާ ކުދިންނަށް ކިޔަވައިދޭނެ މުދައްރިސުންވެސް ހޯދަމުންނެވެ. އަދި އެ މިނިސްޓްރީން ވަނީ އެކިއެކި ޕްރީ ސްކޫލުތަކަށް ބޭނުންވާ 600 އަށް ވުރެ ގިނަ މުދައްރިސުން ހޯދަންވެސް އިއުލާންކޮށްފައެވެ.

އެޑިއުކޭޝަން މިނިސްޓްރީން ބުނީ މިއަހަރު ސްކޫލުތަކަށް މުދައްރިސުން ހަމަ ކުރުމުގައި ދިވެހިންނަށް ހާއްސަ އިސްކަމެއް ދޭނެ ކަމަށެވެ. އެގޮތުން ވޭތުވެދިޔަ އަހަރެކޭ އެއްގޮތަށް ބިދޭސީ ޓީޗަރުންނަށް ފުރުސަތުދޭނީ ދިވެހި މުދައްރިސުން ނުލިބިއްޖެނަމައެވެ.

comment ކޮމެންޓް