ސިންގަޕޫރުން ފުރާ އެސްކިއު ފްލައިޓުތަކަށް ކްރެޑިޓް ކާޑު ފީ ނުނަގަން ނިންމައިފި

ސިންގަޕޫރުގެ ޗަންގީ އެއާޕޯޓުގައި ސިންގަޕޯ އެއާލައިންސްގެ ލޯގޯ ކައިރިން މީހަކު ހިނގާފައި ދަނީ -- ފޮޓޯ/ ރޮއިޓާރސް

ސިންގަޕޫރުން އެހެން ގައުމުތަކަށް ފުރާ، އެގައުމުގެ ގައުމީ އެއާލައިން ސިންގަޕޯރ އެއާލައިންސް (އެސްކިއު)ގެ ފްލައިޓުތަކުން ފުރާ ފަސިންޖަރުންގެ އަތުން ނަގާ ކްރެޑިޓް ކާޑު ފީ ނުނެގުމަށް އެ އެއާލައިނުން ނިންމައިފިއެވެ.

މި މަހުގެ 20 ވަނަ ދުވަހުން ފެށިގެން، ސިންގަޕޫރު އެއާލައިންސްގެ ފްލައިޓުތަކުގެ ބައެއް ކްލާސްތަކުން ކްރެޑިޓު ކާޑު ފީ ނެގުމަށް ނިންމައި، އެ އެއާލައިނުން އެކަން އިއުލާންކުރީ މި މަސް ފެށުނުތަނުގައެވެ.

ނަމަވެސް އެ އިއުލާނާ އެކު، ބައެއް ކަސްޓަމަރުން ނުރުހުން ފާޅުކުރަން ފެށުމުން ސިންގަޕޯ އެއާލައިންސްއިން ވަނީ، އެކަން މުރާޖާކުރުމަށް ނިންމައިފައެވެ.

ސިންގަޕޯ އެއާލައިންސްއިން މިއަދު އެކުންފުނީގެ އޭޖެންޓުންނާއި ޕަޓްނަރުންނަށް ފޮނުވި ސާކިއުލާއެއްގައި ބުނެފައިވަނީ، އެ ނިންމުން މުރާޖާ ކުރުމަށް ނިންމާފައިވާތީ، މިވަގުތަށް ކްރެޑިޓު ކާޑު ފީ ނުނަގާނެ ކަމަށެވެ.

ސިންގަޕޫރުން ފުރާ އެސްކިއު ފްލައިޓުތަކުގެ ކަސްޓަމަރުންގެ އަތުން ކްރެޑިޓު ކާޑު ފީ ނަގަން ނިންމާފައި އޮތީ 1.3 ޕަސަންޓުގައެވެ. އަދި މި ފީ ނަގަން ނިންމާފައި އޮތީ ސިންގަޕޯރ އެއާލައިންސްއިން އަލަށް ތައާރަފުކުރުމަށް ނިންމާފައިވާ "އިކޮނޮމީ ލައިޓް" ކެޓަގަރީއަށެވެ.

އެ އެއާލައިނުން ބުނީ އެ ފީ ނެގުމަށް ނިންމީ، ކްރެޑިޓު ކާޑުން ފައިސާ ބަލައިގަތުމުގެ ކަންކަމުގައި ކުރާ ޚަރަދު އަނބުރާ ނެގުމަށް ކަމާށެވެ. ނަމަވެސް އެ ފީ ނެގުމުގެ ކަންތައް އަލުން މުރާޖާ ކުރުމަށް ނިންމި ސަބަބެއް އެސްކިއުއިން ހާމައެއް ނުކުރެއެވެ.

މިވަގުތު ސިންގަޕޯރ އެއާލައިންސްއިން ކްރެޑިޓު ކާޑު ސާވިސް ފީ ނަގަނީ، އޮސްޓްރޭލިއާ، ބެލްޖިއަމް، ނެދަލެންޑްސް، ނިއުޒިލެންޑް އަދި އިނގިރޭސި ވިލާތުން ފުރާ އެ އެއާލައިނުގެ ފްލައިޓުތަކަށެވެ. އަދި މި ފީ ނަގާ މިންވަރު އެކި ގައުމުތަކުގައި ތަފާތެވެ.

comment ކޮމެންޓް