ޑްރަގްގެ ބޮޑު މައްސަލައަކުން ސަލާމަތްވި ސަބާހު 10 އަހަރަށް ޖަލަށް

ރ. މަޑުއްވަރީ، މުޝްތަރީގެ، ހުސައިން ސޮބާހު

މަސްތުވާތަކެތީގެ ބޮޑު މައްސަލައަކުން މީގެކުރިން ސަލާމަތްވެފައިވާ ރ. މަޑުއްވަރީ މުޝްތަރީގެ ހުސައިން ސަބާހްގެ މައްޗަށް މަސްތުވާއެއްޗެއް ޓްރެފިކްކުރުމުގެ ކުށް ސާބިތުވެ 50,000 ރުފިޔާއިން ޖޫރިމަނާކޮށް 10 އަހަރަށް ޖަލަށް ލުމަށް ހުކުމްކޮށްފިއެވެ.

މިދިޔަ މަހުގެ 24 ވަނަ ދުވަހު އޭނާގެ މައްޗަށް އެ ހުކުމްކޮށްފައިވަނީ މިދިޔަ އަހަރުގެ މާޗް 23 ވަނަ ދުވަހު މަސްތުވާތަކެތި ގެންގުޅުނުކަން ޝަރީއަތައް ސާބިތުވުމުންނެވެ.

ސަބާހުގެ އަތުން މަސްތުވާތަކެތި ފެނިފައިވަނީ އޭނާ އެތަކެތީގެ ވިޔަފާރި ކުރާ ކަމަށް ފުލުހުންނަށް ލިބުނު އިންޓަލިޖެންސް މައުލޫމާތަކާ ގުޅިގެން ހިންގި އޮޕަރޭޝަނެއްގައި އަރަބިއްޔާ ސްކޫލް ކުރިމަތިން ހިފަހައްޓައި ބަލައިފާސްކުރުމުން ކަމަށް އެ ހުކުމުގައިވެއެވެ. އަދި އޭނާގެ ޖީބުން ފެނެފައިވަނީ 9.62 ގްރާމްގެ މޯފިން ކަމަށް ވެސް ކްރިމިނަލް ކޯޓުގެ ހުކުމުގައިވެއެވެ.

ސަބާހުގެ މައްޗަށް މީގެކުރިން 25 އަހަރު ދުވަހުގެ ޖަލު ހުކުމެއްކޮށްފައިވަނީ 2011 ވަނަ އަހަރު ތިން ކިލޯއަށް ވުރެ ގިނަ މަސްތުވާތަކެތި މާލޭ އޮފީހެއްހެ ތެރޭގައި ފޮރުވާފައި ހުރި މައްސަލައެއް ސާބިތުވުމުންނެވެ. އެ ހުކުމުން އޭނާ ސަލާމަތް ވެފައިވަނީ މަސްތުވާތަކެތި ފޮރުވާފައި ހުރި އޮފީހަށް ކޯޓު އަމުރަކާ ނުލާ ވަދެފައިވާތީ ހައިކޯޓުން އެ ހުކުމް ބާތިލް ކުރުމުންނެވެ.

comment ކޮމެންޓް