އަމިއްލައަށް މަރުވެގެން ހަމަލާދޭން އުޅުނު ދެ މީހުނަށް ވަކީލުން ހަމަޖައްސަން ފުރުސަތު ދީފި

ޓެރެރިޒަމްގެ ދައުވާ އުފުލާފައިވާ އަފީފް މިއަދު ކޯޓަށް ވައްދަނީ ---

އިސްލާމިކް ސްޓޭޓް (އައިއެސް) ޖަމާއަތާ ގުޅިގެން އަމިއްލައަށް މަރުވެގެން ހަމަލާއެއް ދޭން އުޅުނު ކަމުގެ ތުހުމަތުގައި ދެ ދިވެއްސެއްގެ މައްޗަށް އުފުލާފައިވާ ޓެރަރިޒަމްގެ ދައުވާއަށް ޖަވާބުދާރީ ވުމުގެ ގޮތުން ވަކީލަކު އައްޔަނުކުރުމުގެ ފުރުސަތު ކްރިމިނަލް ކޯޓުން ދީފިއެވެ.

އެ މައްސަލާގައި ދައުލަތުން ޓެރެރިޒަމްގެ ދައުވާ އުފުލާފައިވަނީ ރ. މަޑުއްވަރީ ވިލުދޮޅި އިސްހާގު އަލީ އާއި ޏ. ފުވައްމަލަކު އަލުވިމާގެ ހުސައިން އަފީފުގެ މައްޗަށެވެ. އެ ދެ މީހުންގެ ތެރެއިން އިސްހާގުގެ މައްޗަށް އުފުލާފައިވަނީ ޓެރަރިޒަމްގެ އަމަލެއްކުރަން ރޭވުމުގެ ކަމުގެ ދައުވާއެވެ. އަދި އަފީފުގެ މައްޗަށް އުފުލާފައިވަނީ ޓެރަރިޒަމްގެ އަމަލެއްކުރަން އުޅުނު ކަމުގެ ކުށުގެ ދައުވާއެވެ.

ޓެރެރިޒަމްގެ ދައުވާ އުފުލާފައިވާ އިސްހާގު މިއަދު ކޯޓަށް ހާޒިރުކުރަނީ ---

މިއަދުގެ އަޑުއެހުމުގައި ގާޒީ ވަނީ ދެ މީހުނަށް ވެސް ވަކީލަކު އައްޔަނު ކުރުމަށް 10 ދުވަހުގެ މުއްދަތެއް ދީފައެވެ. އަދި ވަކީލަކު ހަމަޖެއްސުމުގެ ގާބިލުކަން ނެތް ނަމަ ބޮޑެތި ކުށްތަކުގައި ދައުލަތުން ވަކީލުން ހަމަޖައްސައިދޭ އުސޫލުން ވަކީލުން ހަމަޖެއްސޭނެ ކަމަށް ވެސް ގާޒީ ވިދާޅުވިއެވެ.

މިއަދުގެ އަޑުއެހުން ގާޒީ ނިންމަވާލެއްވީ އެ މައްސަލައިގެ ދެން އަޑުއެހުމައް ބާއްވާނީ މިމަހުގެ 14 ވަނަ ދުވަހުކަމަށް އިއުލާންކުރެއްވުމަށްފަހުއެވެ.

comment ކޮމެންޓް