މަތީ ފަންތީގެ ޓޫރިޒަމަށް އެންމެ ކަމުދާ މަންޒިލަކީ ރާއްޖެ: ދިރާސާ

ރާއްޖޭގެ ރިސޯޓެއްގެ މަލަމަތި---ސަން ފޮޓޯ/ މުހައްމަދު އަފްރާހް

ރާއްޖެއަކީ، ލަގްޒަރީ ފެންވަރުގެ ޓޫރިޒަމަށް އެންމެ ކަމުދާ މަންޒިލުކަމަށް އިޓަލީ ވިލާތުގައި ކުރިޔަށް ގެންދިޔަ މާކެޓް ރީސާޗަކުން ދައްކައިފި އެވެ.

އިޓަލީގައި ޓޫރިޒަމާއި ދަތުރުފަތުރުގެ ދާއިރާއަށް ޚާއްސަކޮށްގެން މަސައްކަތްކުރާ މާކެޓިންގް އޭޖެންސީ "އައިގޯ ޕެންގެއާ"އިން ކުރިޔަށް ގެންދިޔަ މާކެޓު ރިސާޗު ބިނާކުރީ ލަގްޒަރީ ޓޫރިޒަމްގެ މައްޗަށެވެ. އެ ރިސާޗުގައި، ދުނިޔޭގެ ނުވަ ސަރަހައްދަކުން، ގާތްގަނޑަކަށް 700 ޓްރެވަލް އޭޖެންސީއާއި އޮޕަރޭޓަރުން ބައިވެރިވެފައިވެ އެވެ.

އައިގޯ ޕެންގެއާ އިން ބުނި ގޮތުގައި، ދުނިޔޭގައި ލަގްޒަރީ ޓޫރިޒަމަށް އެންމެ މަގުބޫލު މަންޒިލުގެ ގޮތުގައި ފާހަގަވީ ދިވެހިރާއްޖެ އެވެ. އަދި ސާވޭގައި ބައިވެރިވި ފަރާތްތަކުން އެންމެ ގިނައިން ދައްކާފައި ވަނީ ދިވެހިރާއްޖޭގެ ވާހަކަ ކަމަށް ވެސް ބުނެފައިވެ އެވެ.

ރާއްޖެއަށް ފަހު ދެން އެންމެ މަގުބޫލު މަންޒިލުތަކުގެ ގޮތުގައި ފާހަގަވެގެން ދިޔައީ އިރު ދެކުނު އޭޝިއާ، އެމެރިކާ، ކެރީބިއަން ސަރަހައްދު، އަދި ދެކުނު އެފްރިކާ އެވެ.

އެ މާކެޓު ރިސާޗުގައި އިތުރަށް ފާހަގަވި ގޮތުގައި، ބިއުޓީ ޓްރީޓްމެންޓް ހެދުމަށް އިސްކަންދޭ މީހުން އެންމެ ގިނައިން ދަތުރުކުރަނީ ބްރެޒިލް، ފްރާންސް، އިޓަލީ، އިނގިރޭސިވިލާތް އަދި އެމެރިކާއަށެވެ.

ސްކެންޑެނޭވިއާ، ޖަރުމަނު، ނެދަލެންޑްސް އަދި ބްރެޒިލްއަށް ދަތުރުކުރާ ފަތުރުވެރިންގެ މެދުގައި ޝޮޕިންގްއަކީ މާ މަގުބޫލު ކަމަކަށް ނުވި ނަމަވެސް، އެމެރިކާ، އިނގިރޭސި ވިލާތް އަދި ސްޕެއިނަށް ދާ ފަތުރުވެރިންނަށް އެއީ ވަރަށް މުހިންމު ކަމެއް ކަމުގައި ވެސް މާކެޓު ރިސާޗުން ދެއްކި އެވެ.

ރާއްޖެއަށް ދަތުރުކުރާ ފަތުރުވެރިންގެ އަދަދު ދަނީ އަހަރުން އަހަރަށް އިތުރުވަމުންނެވެ. ނިމިދިޔަ އަހަރު ރާއްޖެ އައި ފަތުރުވެރިންގެ އަދަދަކީ 1.3 މިލިޔަނެވެ. އެއީ 2016 ވަނަ އަހަރާ އަޅާ ބަލާއިރު ހަތް ޕަސަންޓުގެ ކުރިއެރުމެކެވެ.

comment ކޮމެންޓް