100 މީހުންނާ އެކު ދަތުރުކުރަނިކޮށް އިންޖީނު ހުއްޓުނު ބޯޓު ކަމަދު އަށް ގެންގޮސްފި

އެމްއެންޑީއެފް ކޯސްޓް ގާޑް-- ސަން ފައިލް ފޮޓޯ

ހއ. އިހަވަންދޫން ފުރައިގެން 100 މީހުންނާ އެކު ރޭ މާލެ ދަތުރުކުރި "ކާވިޔާ" ބޯޓު އިންޖީނު ހުއްޓިގެން، އެމްއެންޑީއެފް އެހީތެރިކަމާ އެކު ބ. ކަމަދޫ އަށް ގެންގޮސްފި އެވެ.

"ކާވިޔާ" ބޯޓުގެ އިންޖީނު ކަމަދޫ ކަނޑަށް ހުއްޓުމާ އެކު އޭގައި ތިބި މީހުންނަށް ނޮދަން އޭރިއާގެ ކޯސްޓް ގާޑުން ވަނީ އެހީތެރިކަން ފޯރުކޮށްދީފަ އެވެ.

އިންޖީނު ހުއްޓުނު ނަމަވެސް ބޯޓުގެ އިންޖީނު ފަހުން ސްޓާޓް ކޮށްގެން މާލެއަށް ދިއުމަށް ވަނީ ދަތުރު ފަށައިފަ އެވެ. އެކަމަކު އިންޖީނުގެ ފިނިހޫނުމިން މަތިވަމުންދާތީ، ދަތުރުކުރީ ސްޕީޑް ދަށްކޮށްގެން ކަމަށް އެމްއެންޑީއެފުން ވަނީ ބުނެފަ އެވެ.

އެމްއެންޑީއެފުން ބުނީ ބޯޓް މިހާރު އޮތީ ކަމަދޫގައި ކަމަށާއި ބޯޓުގެ އެ ރަށަށް ގެންގޮސްފައި ވަނީ އެހެން ބޯޓެއްގެ އެހީގައި ކަފުޖަހައިގެން ރޭ ދަންވަރު 3:30 އެހާކަންހާއިރު ކަމަށެވެ. އަދި ވެރިފަރާތުން ދަނީ ބޯޓުގައި ތިބި މީހުން މާލެ ގެންދިއުމަށް މަސައްކަތް ކުރަމުން ކަމަށް ވެސް އެ ފަރާތުން ބުނެ އެވެ.

comment ކޮމެންޓް