މުޅި ރާއްޖޭގެ ކަނޑުގެ ހުރިހާ ސަރަހައްދެއް މެދުކެނޑުމެއްނެތި 24 ގަޑިއިރު ބެލެހެއްޓުމަށް ޓަކައި ކުރަންޖެހޭ މަސައްކަތްތައް މި މަހު ސަރުކާރުން ފަށައި އެ ނިޒާމު މި މަހު ގާއިމްކޮށްދެއްވާނެ ކަމަށް ރައީސް ޑރ. މުޙައްމަދު މުއިއްޒު މިރޭ ވިދާޅުވެއްޖެއެވެ.
ރ. މީދޫ ރައްޔިތުންނާ ބައްދަލުކުރެއްވުމަށް މިރޭ ބޭއްވި ޖަލްސާގައި ވާހަކަފުޅުދައްކަވަމުން ރައީސް ވިދާޅުވީ ރާއްޖޭގެ 99 ޕަސެންޓަކީ ކަނޑުކަމަށާއި ހުރިހާ ރަށްތަކެއްގެ ބިން އެއްކޮށްލުމުން ވެސް ކަނޑުގެ ސަރަހައްދުގެ ބޮޑުމިނާ ގާތް ނުކުރާކަމަށެވެ.
ރައީސް ވިދާޅުވީ ރާއްޖޭގެ ޚާއްސަ އިގްތިޞާދީ ސަރަހައްދަކީ ވެސް ވަރަށް ބޮޑު ސަރަހައްދެއް ކަމަށެވެ. އެ ސަރަހައްދަކީ ރާއްޖޭގެ ސަރަހައްދެއް ނަމަވެސް މިއަދާ ހަމައަށް ރާއްޖޭގެ އަމިއްލަ ބާރު އެ ހިސާބަށް ނުފޯރުވޭ ކަމަށް އެ މަނިކުފާނު ފާހަގަކުރެއްވިއެެވެ.
"އެ ސަރަހައްދު، [އީއީޒެޑް] ރާއްޖޭގެ ސަރަހައްދު ކަމުގައި ވިޔަސް މިއަދާ ހަމައަށް އައިއިރުގައި އަޅުގަނޑުމެންގެ އެއްވެސް ބާރެއް އަމިއްލަ ބާރެއް ނެތް އެ ތަންތަން ބެލެހެއްޓުމުގެ ކެޕޭސިޓީއެއް،" އެއީ މަސްވެރިކަަމުގެ ތެރެއިން އިގްތިޞާދު ފުޅާކުރެވެން އޮތް ބޮޑު ސަރަހައްދެއްކަން ފާހަގަކުރައްވައި ރައީސް ވިދާޅުވިއެވެ.
ރައީސް ވިދާޅުވީ ރާއްޖޭގެ 99 ޕަސެންޓުގެ ބޮޑުބައިގެ ސަލާމަތް މިއަދާ ހަމައަށް އައިރު ވެސް ނުބެލެހެއްޓޭކަމަށެވެ. ހަމައެކަނި ބެލެހެއްޓެނީ އަތޮޅުތަކުގެ އެތެރެވަރީގެ ކުޑަ މިންވަރެއްކަމަށް ވެސް ވިދާޅުވިއެވެ.
"އެއީ އަޅުގަނޑުމެންގެ ކެޕޭސިޓީ ޒަމާނުއްސުރެ އޮތްވަރު. އެހެންވީމާ މި ބޮޑު ސަރަހައްދުން އެހެން ބަޔަކު ވަދެ ބޭނުމެއް ކުރިއަސް ހަގީގަތުގައި އަޅުގަނޑުމެން ކުރާނެ ބޭނުމެއް ނެތް. އަދި އޭގެން ކޮންމެ ފަދަ ނުރައްކަލެއް އަޔަސް އަޅުގަނޑުމެންނަށް ކުރެވޭނެ ކަމެއް ނޯވޭ. އެހެން ބައެއްގެ އެހީތެރިކަން ހޯދައިގެން ނޫނިއްޔާ އަޅުގަނޑުމެންނަށް ވާނެ ކަމެއް ނެތް،" ރައީސް ވިދާޅުވިއެވެ.
މިއީ ހަގީގީ މިނިވަންކަމާއި، އަމިއްލަ ފައިމައްޗަށް ތެދުވެތިބިކަމުގެ ފުރިހަމަ އިހުސާސް ނުކުރެވޭ ސަބަބު ކަމަށާއި
"އިރާދަކުރެއްވިއްޔާ މި މާޗު މަހުގެ ތެރޭގައި އަޅުގަނޑުމެންނަށް [ރާއްޖޭގެ ސަރަހައްދު ބެލެހެއްޓުމުގެ] އެ މަސައްކަތް ފެށޭނެ. ހުއްޓުމެއްނެތި، 24 ގަޑިއިރު ހުއްޓުމެއްނެތި މި ސަރަހަައްދު ބެލެހެއްޓޭނެ ނިޒާމު އިރާދަކުރެއްވިއްޔާ މި މަސް ތެރޭ ގާއިމްކުރާނަން،" ރައީސް ވިދާޅުވިއެވެ.
ރައީސް ވިދާޅުވީ މިއީ ގައުމު އަމިއްލައަށް ބެލެހެއްޓޭކަމުގެ އިހުސާސް ގެނުވާނެ ކަމެއް ކަމަށެވެ.
މިހާރު ރާއްޖޭގެ ކޯސްޓުގާޑުން ރާއްޖޭގެ ކަނޑުގެ ސަރަހައްދު ބެލެހެއްޓުމުގައި އަވަށްޓެރި ގައުމުތަކުގެ އެހީ ވެސް ހޯދައެވެ. އަދި ބައެއް ޚާއްސަ އޮޕަރޭޝަންތައް ވެސް ގައުމުތައް ގުޅިގެން ހިންގައެވެ.
ރާއްޖޭގެ މިނިވަންކަން ކަށަވަރުކުރުމަކީ ރައީސްގެ ރިޔާސީ ވައުދުފުޅުތަކުގެ ތެރޭގައި ހިމެނޭ ކަމެކެވެ. ހަމައެއާއެކު އަސްކަރިއްޔާއަށް ޒަމާނީ ހަތިޔާރާއި ވަސީލަތްތައް ހޯއްދަވައިދެއްވާނެކަމަށް ވެސް ރައީސް މީގެ ކުރިން ވިދާޅުވިއެވެ.
ވެރިކަމަށް ވަޑައިގެން އެންމެ ފުރަތަމަ ވެސް ފެއްޓެވި ބައެއް މަސައްކަތްތަކުގެ ތެރޭގައި އިންޑިއާއިން ރާއްޖެއަށް ހަދިޔާކުރި ހެލިކޮޕްޓަރުތަކާއި، ސާވައިލެންސް ޑޯނިއާ މަތިންދާ ބޯޓު އޮޕަރޭޓުކުރާށާއި އެހެނިހެން ބޭނުންތަކުގައި ރާއްޖޭގައި ތިބި އިންޑިއާ ސިފައިން ބޭލުވުން ހިމެނެއެވެ.