އާ އަހަރު ފާހަގަކުރުމަށް މިރޭ އަލިމަސް ކާނިވަލް ސަރަހައްދުގައި ކުރިއަށްދާ ޝޯވްގައި ބިޕާޝާ ބާސޫ އަދި އޭނާގެ ފިރިމީހާ ކަރަން ގްރޯވަރު ސިންހް އަށް ބައިވެރި ނުވެވޭނެ ކަމަށް ބުނެފި އެވެ.
ޓޫރިޒަމް މިނިސްޓްރީއާއި މޯލްޑިވްސް އިންޓްގްރޭޓެޑް ޓޫރިޒަމް ކޯޕަރޭޝަން (އެމްއައިޓީޑީސީ) އިން އާ އަހަރާ ދިމާކޮށް ބާއްވާ ޝޯވްގައި އެ ދެ ތަރިންނަށް ބައިވެރި ނުވެވޭނެކަން އިއުލާންކޮށްފައި ވަނީ އެ ޝޯވް އަށް ހާއްސަކޮށްގެން ހިންގާ ފޭސްބުކްޕޭޖް 'ވެލްކަމްޓު 2018' ގަ އެވެ.
އެ ޕޭޖުގައި ބުނެފައި ވަނީ އެ ދެތަރިންނަށް ޝޯވްގައި ބައިވެރި ނުވެވެނީ ކުރިން ރާވާފައި ނެތް ކަންތައްތަކެއް އެ ދެތަރިންނަށް އިންޑިއާގައި ކުރަންޖެހުމުންނެވެ. ނަމަވެސް އެ ދެތަރިންނަށް ޝޯވްގައި ހުށަނޭޅުނު ކަމުގައި ވިޔަސް ވެސް ކުރިން ރާވާފައިވާ ކަންތައްތައް ޝޯވްގައި ކުރިއަށް ދާނެ ކަމަށް އެ ޕޭޖުގައި ވަނީ ބުނެފަ އެވެ.
އާ އަހަރުގެ ޝޯވް އަށް އިއްޔެ ބޮލީވުޑްގެ މަޝްހޫރު ލަވަކިޔުންތެރިޔާ މީކާ ސިންގް ރާއްކެ ރާއްޖެ އައިސްފައިވާ އިރު ރާހަތު ފަތެހު ރާއްޖެ އަންނާނީ މިއަދުގެ ވަގުތެއްގަ އެވެ.
ކުރީ ފަހަރުތަކެކޭއެއް ގޮތަށް މި ފަހަރުގެ އާ އަހަރުގެ ޝޯވް ވެސް ވަރަށް ފޯރިގަދަވާނެ އެވެ. ކާނިވަލް ސަރަހައްދުގައި ޝޯވްގައި ފާކިސްތާނުގެ ލަވަކިޔުންތެރިޔާ ރާހަތު ފަތޭހް އަލީ ހާން އާއި އިންޑިއާގެ ލަވަކިޔުންތެރިޔާ މީކާ ސިންގް ހުށައަޅާއިރު ހުޅުމާލޭ ސެންޓްރަލް ޕާކްގައި މޭނާ ހައްސާން އަދި ހަބޭސް ބޮޑުބެރު ގްރޫޕްގެ ރީތި ހުށައެޅުންތަކެއް ފެނިގެންދާނެ އެވެ.