އަމިއްލައަށް ދީނީ އިލްމުވެރިންނަށް ވެގެން އުޅޭ ބަޔަކު ނުފެނޭ: ޑރ. އިޔާޒު

އަދާލަތު ޕާޓިން ބޭއްވި ނޫސްކޮންފަރެންސްއެއްގައި ޑރ، އިޔާޒް (މ) --- ސަން ފޮޓޯ/ މުހައްމަދު އަފްރާހް

އަމިއްލައަށް ދީނީ އިލްމުވެރިންނަށް ވެގެން އުޅޭ ބަޔަކު މިހާތަނަށް ފެނިފައި ނުވާ ކަމަށް ރާއްޖޭގެ ދީނީ އިލްމުވެރިޔާ ޑރ. މުހައްމަދު އިޔާޒް އަބްދުލް ލަތީފް ވިދާޅުވެއްޖެ އެވެ.

އަމިއްލަ އަށް "ޝެއިޚުންނަށް ވެގެން އުޅޭ ބަޔަކު" ސިވިލް ސޮސައިޓީގެ ދިފާއުގައި ވާހަކަ ދައްކަމުންދާ މީހުންނަށް ހަމަލާތަކެއް ދެމުން އަންނަ ކަމަށާއި އެއީ ދިވެހި ދައުލަތުގެ ތެރެއިން އެހެން ދައުލަތެއް އުފެދިފައިވާ ކަމުގެ ހެއްކެއް ކަމަށް ވިދާޅުވެ ކުރީގެ ރައީސް މުހައްމަދު ނަޝީދު ކުރެއްވި ޓްވީޓަށް ރައްދު ދެއްވައި ޑރ. އިޔާޒް މިއަދު ވަނީ ފޭސްބުކްގައި ޕޯސްޓެއް ކުރައްވާފަ އެވެ.

ޑރ. އިޔާޒްގެ ޕޯސްޓުގައި ވިދާޅުވެފައިވަނީ، ރާއްޖޭގައި ރައީސްކަން ކުރެއްވި ބޭފުޅަކު އެހެން ވިދާޅުވިނަމަވެސް، އަދި މިހާތަނަށް އެފަދަ ޝެއިޚުންތަކެއް ފެނިފައި ނުވާ ކަމަށެވެ.

"ދީނުގެ ދައުވަތުގެ މައިދާނުގައި އަޅުގަނޑު މިހާތަނަށް ހޭދަކުރި މުއްދަތުގައި ވެސް އަދި އޭގެ ކުރިންވެސް، އެފަދަ 'ސެލްފް އެޕޮއިންޓެޑް' ޝެއިޚުންތަކެއް ފެނިފައި ނުވާކަން ފާހަގަ ކުރަމެވެ. އަދި އިސްލާމްދީން އުނގަންނައި ދިނުމުގައި ހަރަކާތްތެރިވާ އެހެން ބޭފުޅެއްގެ ފަރާތްޕުޅުންވެސް އެފަދަ ޚަބަރެއް ލިބިފައިނުވާކަން ފާހަގަ ކުރަމެވެ،" ޑރ. އިޔާޒްގެ ފޭސްބުކް ޕޯސްޓުގައި ވިދާޅުވެފައިވެ އެވެ.

އޭނާ ވިދާޅުވީ، އަމިއްލައަށް ދީނީ އިލްމުވެރިންނަށް ވެގެން އުޅޭ ބައެއްގެ މައުލޫމާތު ލިބިފައިވާ މީހަކު ލަސްނުކޮށް އިތުބާރު ހިފޭ ދީނީ އިލްމުވެރިއަކާ އެކަން ހިއްސާކޮށްދިނުމަށް އެދޭ ކަމަށެވެ.

އަދި ރާއްޖޭގެ ދީނީ އިލްމުވެރިން ރީތި ނަސޭހަތާއި ވައުޟުގެ ޒަރިއްޔާއިން އެފަދަ މީހެއް ނުވަތަ ބަޔަކު ހަމަމަގަށް އެޅުވުމުގައި އެހީތެރިކަން ފޯރުކޮށްދޭނެ ކަމުގެ ޔަގީންކަން އަރުވާކަމަށް ޑރ. އިޔާޒު ވިދާޅުވިއެވެ.

comment ކޮމެންޓް