މާޒިޔާއާ އެކު ސަމޫހު ހަދާފައިވާ އެއްބަސްވުން އާކޮށްފި

މި އަހަރުގެ އުރީދޫ ދިވެހި ޕްރިމިއާ ލީގުގައި ޓީސީ އާއި މާޒިޔާ ބައްދަލު ކުރި މެޗުގައި ސަމޫހު ކުޅެނީ ---ސަން ފޮޓޯ/ މުހައްމަދު އަފްރާހް

ފާއިތުވެ ދިޔަ ދެ ސީޒަނުގައި މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަން ކްލަބުގެ ޑިފެންސްގައި އިސްދައުރެއް އަދާކުރަމުން އައި ސަމޫހު އަލީ އެ ކްލަބާއެކު ހަދާފައިވާ އެއްބަސްވުން އާކޮށްފި އެވެ.

މަހިބަދޫ ޓީމުން ވިދާލި ސަމޫހަކީ ޑިފެންސް ލައިނުގެ ކޮންމެ މަގާމަކަށް ވެސް ކުޅުމުގެ ގާބިލުކަން ހުރި ކުޅުންތެރިއެކެވެ.

އަންނަ ސީޒަނުގައި މާޒިޔާގެ ސްކޮޑު ވަރުގަދަކުރުމުގެ ގޮތުން އެ ކްލަބުން ދަނީ އާ ކުޅުންތެރިންތަކެއް ހޯދުމަށް މަސައްކަތްކޮށް، މިހާރު ޓީމުގައި ތިބި ކުޅުންތެރިންގެ އެއްބަސްވުން އާކުރުމަށް މަޝްވަރާކުރަމުންނެވެ. އެގޮތުން ފާއިތުވެ ދިޔަ ސީޒަންތަކުގައި އެ ކުލަބުގެ މެދުތެރޭގައި އިސްދައުރެއް އަދާކުރާ މުހައްމަދު އިރުފާން (އިރޭ) އާއި މޫސާ ޔާމީން (ޔާމްބެ)، ވެސް ވަނީ އެ ކުލަބާ އެކު ހަދާފައިވާ އެއްބަސްވުން އާކޮށްފި އެވެ.

ސަމޫހު، އިރޭ އަދި ޔާމްބެގެ އެއްބަސްވުން އާކުރި ނަމަވެސް، މާޒިޔާގެ ތަޖުރިބާކާރު މިޑްފީލްޑަރު މުހައްމަދު އުމައިރު ވަނީ އެ ކްލަބު ދޫކޮށް އެނބުރި ނިއު ރޭޑިއަންޓް ސްޕޯޓްސް ކްލަބާ ގުޅިފަ އެވެ. މިސީޒަނުގައި މާޒިޔާގެ ކެޕްޓަން އަސަދުﷲ އަބްދުﷲ (އަސައްކޮ)އަށް އަނިޔާވުމާ ގުޅިގެން އެ ކްލަބަށް ނަތީޖާތައް ހޯދުމުގައި އެންމެ އިސް ދައުރެއް އަދާކޮށްދިން ކުޅުންތެރިޔަކީ އުމައިރެވެ.

މިސީޒަނުގައި މާޒިޔާއަށް އެންމެ އެދެވޭ ކާމިޔާބީތަކެއް ހޯދިފައެއް ނުވެ އެވެ. މާޒިޔާއަށް މިސީޒަނުގެ މާލޭ ލީގު ކާމިޔާބުކުރެވުނު ނަމަވެސް، އުރީދޫ ދިވެހި ޕްރިމިއާ ލީގާއި އެފްއޭ ކަޕް އަދި ޕްރެޒިޑެންޓްސް ކަޕްގައި ރަނގަޅު ނަތީޖާތަކެއް ހޯދިފައެއް ނުވެ އެވެ. ނަތީޖާއެއްގެ ގޮތުން، 2013 ވަނަ އަހަރަށް ފަހު ފުރަތަމަ ފަހަރަށް މާޒިޔާއަށް ވަނީ އޭއެފްސީ ކަޕުން ޖާގަ ގެއްލިފަ އެވެ.

comment ކޮމެންޓް