ފޯނުތަކުގެ ސްޕީޑު ދަށްކުރާކަމަށް އެއްބަސްވެ، އެޕަލް އިން މައާފަށް އެދިއްޖެ

އައިފޯން 6އެސްއެއް -- ފޮޓޯ: ރޮއިޓާރސް

އައިފޯނުތަކުގެ ސްޕީޑު ގަސްތުގައި ލަސްކުރާކަމަށް އެޕަލް އިން އެއްބަސްވެއްޖެ އެވެ.

އެޕަލްގެ ވެބްސައިޓްގައި ބުރާސްފަތި ދުވަހު ޝާއިއު ކުރި ދިގު ޕޯސްޓެއްގައި ބުނީ ބައެއް ފޯނުތަކުގެ ސްޕީޑު ދަށްކުރީ އެ ފޯނުތަކުގެ ބެޓެރީގެ އުމުރު ދިގު ކުރަން ކަމަށެވެ. ނަމަވެސް އެކަމުގެ ސަބަބުން ކަސްޓަމަރުން ހިތްހަނުޖެހިފައި ތިބި ކަމަށާއި އެކަމަށް މައާފަށް އެދޭ ކަމަށް އެޕަލް އިން ބުންޏެވެ.

އެޕަލް އިން ބުނީ އައިފޯނުތަކުގެ ބެޓެރީ ބަދަލުކުރުމަށް ނަގާ އަގު ވަގުތީ ގޮތުން ދަށްކުރަން ނިންމާފައިވާ ކަމަށެވެ. އެގޮތުން އަންނަ އަހަރު އެޕަލް އައިފޯނުތަކުގެ ބެޓެރީ ބަދަލު ކުރަން ނަގާނީ 29 ޑޮލަރު ކަމަށާއި ކުރީގެ އަގު ކަމަށްވާ 79 ޑޮލަރު ނަގަން ފަށާނީ 2019 ވަނަ އަހަރު ކަމަށް އެޕަލް އިން ވަނީ ބުނެފަ އެވެ.

އެޕަލް އިން ބުނީ ކުރީގެ ވާޝަންތަކުގެ ފޯނުތަކުގެ ސްޕީޑް ދަށްކުރުުވީ ބެޓެރީގެ އުމުރު ދިގުކޮށް، ކުއްލިއަކަށް ފޯނު ނިވުން ދުރުކުރުމަށް ކަމަށެވެ.

އެޕަލްގެ ފޯނުތަކުގެ ސްޕީޑް ދަށްކުރުވީ ކަސްޓަމަރުން ލައްވާ އާ ފޯނުތައް ގަނުވަން ކަމަށް ބައެއް މީހުން ވަނީ ބުނެފަ އެވެ. އަދި އެކަމާ ގުޅިގެން އެޕަލްއާ ދެކޮޅަށް ބައެއް ފަރާތްތަކުން ވަނީ ކޯޓުގައި ދައުވާވެސް ކޮށްފަ އެވެ.

މީގެ ކުރިން އެޕަލް އައިފޯނުތަކުގެ ބެޓެރީ ހުސްނުވަނީސް ކުއްލިއަކަށް ނިވޭ މައްސަލަ ވެސް ވަނީ ފެންމަތިވެފަ އެވެ. އެކަން ހައްލު ކުރުމަށް އެޕަލް އިން ވަނީ ޕީކް ގަޑިތަކުގައި ފޯނުގެ ސްޕީޑް ދަށްކުރާ ފަންކްޝަންއެއް އައިއޯއެސްގައި ހިމަނައިފަ އެވެ. އައިފޯނު 6ގެ ވާޝަންތަކާއި އައިފޯން އެސްއީ އަށް މި މައްސަލަ ދިމާވިކަމަށް ރިޕޯޓުތައް ބުނެ އެވެ. އޭގެ ފަހުން އައިފޯން 7ގެ ވާޝަންތަކަށް ވެސް އެ އަޕްޑޭޓް ވަނީ ފޮނުވައިފަ އެވެ.

އައިފޯނުގެ ސްޕީޑް ދަށްވާ މައްސަލަ ހައްލުކުރުމަށް ފޯނުގެ ބެޓެރީ ބަދަލުކުުމުން އެ މައްސަލަ ހައްލުވާނެ ކަމަށް އެޕަލް އިން ބުނެ އެވެ.

(ސީއެންއެން)

comment ކޮމެންޓް