އިސްލާމްދީނާ ޚިލާފު ވާހަކަ ދައްކާ މީހުންނާ ދެކޮޅަށް ފިޔަވަޅު އަޅާނަން: ހޯމް މިނިސްޓަރު

ހޯމް މިނިސްޓަރު އަޒްލީން އަހުމަދު ޖަލްސާއެއްގައި ވާހަކަފުޅުދައްކަވަނީ --- ސަން ފޮޓޯ/ މުހައްމަދު އަފްރާހް

އިސްލާމްދީނާއި ރަސޫލާގެ ސުންނަތާ ޚިލާފު ވާހަކަތައް ދިވެހި ރާއްޖޭގައި ދައްކައިގެންނުވާނެ ކަމަށާއި އެފަދަ ވާހަތަކައް ދައްކާނަމަ އެމީހަކާމެދު ގާނޫނީ ފިޔަވަޅު އަޅާނެ ކަމަށް ހޯމް މިނިސްޓަރު އަޒްލީން އަހުމަދު ވިދާޅުވެއްޖެއެވެ.

"ސަން" އަށް މިރޭ ދެއްވި އިންޓަވިއުއެއްގައި މިނިސްޓަރު އަޒްލީން ވިދާޅުވީ އިސްލާމް ދީނާ ދެކޮޅު ވާހަކަތައް ދައްކަމުންދަނީ މީގެ ކުރިން ވެސް އެފަދަ ވާހަކަތަކެއް ދެއްކުމުގެ މާޒީއޮތް ބައެއް ކަމަށާއި އެމީހުންގެ ބޭނުމަކީ ބޭރު ދުނިޔޭގައި ދިވެހިރާއްޖޭގެ އަގު ވައްޓާލުން ކަމަށެވެ. ނަމަވެސް އެކަން އެ މީހުންނަށް ކާމިޔާބު ނުވާނެ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

"ދުނިޔޭގެ އެކި އެކި ބާރުގަދަ ގައުމުތަކުގެ ފަރާތްތަކާ ގުޅިގެން ރާއްޖޭގެ އަގުވައްޓާލައި ރާއްޖޭގެ ޓުއަރިޒަމް އަދަވަޅަކަށް ވައްޓާލައި، ޓުއަރިޒަމް ދަށްކޮށްލައި، ނިކަމެތިކޮށް އަގުވައްޓާލަމަށްޓަކައި މަސަތްކައްތަކެއް ކުރެވިއްޖެ. އެންމެފަހުން އަވައްޓެރިގައުމަތަކާ ރާއްޖެއާ ޖެއްސުމަށް މަސައްކަތްކޮށް އެކަން ވެސް ނާކާމިޔާބު ވެގެން އެ ދިޔައީ،" އަޒްލީން ވިދާޅުވިއެވެ.

އަޒްލީން ވިދާޅުވީ އެހުރިހާ ވާހަކަތަކެއް ދެއްކުމުން ވެސް ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމްގެ ވެރިކަމަށް ލޮޅުމެއް އަރުވާނުލެވުމުން މިހާރު އެމީހުން ފަށާފައި ވަނީ ދިވެހިރައްޔިތުންނާ ކުޅެން ކަމަށެވެ. އެގޮތުން ދިވެހި ރައްޔިތުންނާ ކުޅެލުމަށްޓަކައި އިސްލާމްދީން ރާއްޖެއިން "ފުނޑާލުމުގެ" މަސައްކަތް ކުރަމުން އަންނަ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

އިސްލާމްދީނާ ދެކޮޅަށް ވާހަކަދައްކާ މީހުންގެ އެންމެ ބޮޑު ކަންބޮޑުވުމަކީ ރާއްޖެ 100 ޕަސެންޓް އިސްލާމް ގައުމެއްގެ ގޮތުގައި އޮތުން ކަމަށާއި އެފަދަ މީހުން އިސްލާމްދީނަށް ގޮންޖެހުމުގެ ގޮތުން ކޮންމެފަދަ ވާހަކައެއް ވެސް ދައްކަފާނެ ކަމަށް އަޒްލީން ވިދާޅުވިއެވެ. ނަމަވެސް އެފަދަ އަމަލުތަކަކީ ސަރުކާރަަށް އެއްވެސް ގޮތަކަށް ބަލައިގަނެވޭނެ ކަންތައްތަކެއް ނޫން ކަމަށް ވެސް މިނިސްޓަރު ފާހަގަކުރެއްވިއެވެ.

"އަޅުގަނޑުމެންގެ ޕާޓީތެރެއިން ވެސް ހަމަލާދީ ސަރުކާރު ބަލިކޮށިކޮށްލުމަށްޓަކައި އެމީހުނަށް މަސަތްކައްތަކެއް ކުރެވެއްޖި. މިއިން އެއްވެސް ކަމެއް ކާމިޔާބުކުރެވޭގޮތް ނުވީމަ މިހާރު އިސްލާމްދީނާ ޖެހިގެން އެއުޅެނީ. އެމީހުން ވެރިކަން ހޯދުމުގެ އަމާޒަކީ ވެސް ހަގީގަތުގައި މާތްވެގެންވާ އިސްލާމްދީން މި ރާއްޖެއިން ފުހެލުން،" މިނިސްޓަރު ވިދާޅުވިއެވެ.

އިސްލާމްދީނާ ދެކޮޅަށް ވާހަކަ ދެއްކުމަކީ ރާއްޖޭގެ ޑިމޮކްރަސީގެ ތެރެއިން ޚިޔާލުފާޅުކުރުމުގެ މިނިވަންކަން އައްޑަނައަކަށް ނަގައިގެން ކުރެވޭނެ ކަމެއް ނޫން ކަމަށް ވެސް ހޯމް މިނިސްޓަރު ވިދާޅުވިއެވެ. އަދި އެފަދަ މީހުންނާ މެދު ގާނޫނު އަރާ ހަމަކުރާނެ ކަން ވެސް ވިދާޅުވިއެވެ.

"ގުރުއާނާ ސުންނަތާ ދެކޮޅަށް ރާއްޖޭގައި ވާހަކައެއް ދައްކާ ކަމުގައި ވާނަމަ އެ މައްސަލަ ތަހުގީގުކޮށް އަޅަން ޖެހޭ ފިޔަވަޅުތައް ފުލުހުން އަޅަމުން ގެންދާނެ. އަދި ޕްރޮސިކިއުޓް ކުރަން ޖެހޭ ފަރާތްތައް ޕްރޮސިކިއުޓް ވެސް ކުރަމުން ގެންދާނެ،" މިނިސްޓަރު އަޒްލީން ވިދާޅުވިއެވެ.

"އަޅުގަނޑުމެން ތިބޭނީ ﷲ އެންގެވި މަގުގަ. ﷲ އެންގެވި ގޮތުގަ. މިގޮތުގަ އަޅުގަނޑުމެން ސާބިތިކަމާ އެކު ދާކަމުގައިވަނީ ނަމަ އަޅުގަނޑުމެން ތިބޭނީ ކާމިޔާބުކަމާ އެކުގަ. އެފަދަ ވާހަކައެއް ނުދެއްކޭނެ. ދައްކާކަމުގައިވާނަ ދައްކާ ފަރާތްތަކާ މެދު ފިޔަވަޅު އަޅާނެ ދިވެހި ރާއްޖޭގެ ސަރުކާރުން،"

އަޒަލީން މިހެން ވިދާޅުވެފައި މިވަނީ އިސްލާމްދީން ނޫން އެހެން ދީންތަކަށް ފުރުސަތު ދިނުމަށް ހިތްވަރު ލިބޭފަދަ ވާހަކަތަކެއް ހިމެނޭ ޓްވީޓެއް މޯލްޑިވިއަން ޑިމޮކްރަސީ ނެޓްވޯކުގެ ރައީސް ޝަހިންދާ އިސްމާއިލް ކުރައްވާފައި ވަނިކޮށެވެ.

ޝަހިންދާގެ ޓްވީޓަށްފަހު ދިވެހީންގެ އެތައް ބަޔަކު އަންނަނީ އެކަން ކުށްވެރިކުރަމުންނެވެ. ރާއްޖޭގެ ދީނީ ޖަމްއިއްޔާއެއް ކަމަށްވާ ޖަމްއިއްޔަތުއް ސަލަފުން ވެސް ވަނީ ދީނާ ޚިލާފު ވާހަކަތައް ދައްކާ މީހުންެގެ މައްސަލަތައް ތަހުގީގު ކުރުމަށް ރައީސުލްޖުމްހޫރިއްޔާ އަށާއި ސަރުކާރަށް ގޮވާލާފައެވެ.

comment ކޮމެންޓް