އަންނަ އަހަރު އަމީނިއްޔާ ސްކޫލް ކުދިން ކިޔަވާނީ އާ އިމާރާތުގައި

އަމީނިއްޔާ ސްކޫލުގެ އިމާރާތް --- ސަން ފޮޓޯ: މުހައްމަދު އަފްރާހު

އަންނަ އަހަރުގެ ދިރާސީ އާ އަހަރާ އެކު އަމީނިއްޔާ ސްކޫލުގެ ދަރިވަރުން ކިޔަވާނީ އެ ސްކޫލުގެ އާއިމާރާތުގައި ކަމަށް އެޑިއުކޭޝަން މިނިސްޓްރީ އިން ބުނެފި އެވެ.

ސަން އާ ވާހަކަ ދައްކަވަމުން އެ މިނިސްޓްރީގެ އޮފިޝަލަކު ވިދާޅުވީ އަންނަ ދިރާސީ އާއަހަރާ އެކު އަމީނިއްޔާ ސްކޫލުގެ ހުރިހާ ދަރިވަރުން ވެސް ކިޔަވާނީ އެ ސްކޫލުގައި އަލަށް އިމާރާތްކުރި 10 ބުރީގެ އިމާރާތުގައި ކަމަށެވެ.

އަމީނިއްޔާ ސްކޫލްގެ އާއިމާރާތުގެ އެތެރެ --- ސަން ފޮޓޯ: މުހައްމަދު އަފްރާހު

އަމީނިއްޔާ ސްކޫލުގެ އާ އިމާރާތުގައި 54 ކްލާސްރޫމް ހުންނަ އިރު އެއީ 1620 ކުދިންގެ ޖާގައިގެ އިމާރާތެކެވެ. އެ އިމާރާތުގައި އޮފީސް ބައިގެ އިތުރުން ލައިބްރަރީ އާއި ކޮމްޕިއުޓާ ލެބް، ލެބޯޓްރީ، އޭވީ ރޫމް ފަދަ ހުރިހާ ފެސިލިޓީއެއް ވަނީ ގާއިމްކޮށްފަ އެވެ. ކުރީގެ އިމާރާތުގައި ހުރި ފެސިލިޓީތަކުގެ ތެރެއިން އަންނަ އަހަރުން ފެށިގެން ބޭނުންކުރާނީ ހޯލު އެކަންޏެވެ.

"ގްރައުންޑް ފްލޯގައި ސެން ހުންނާނެ ކްލާސްތަކުގެ ކުދިންނަށް ހާއްސަ ކުރެވިފައި ހުންނަ ކްލާސްރޫމްތައް. ލިފްޓް ހަރުކުރެވިފައި ހުންނާނީ. އެކުދިންނަށް އެހެން ފްލޯތަކަށް ވެސް އެކްސެސް ވެވޭނެ،" އޮފިޝަލް ވިދާޅުވި އެވެ.

އަމީނިއްޔާ ސްކޫލުގެ އާއިމާރާތުގެ މަސައްކަތް ކޮށްފައި ވަނީ އަމީން ކޮންސްޓްރަކްޝަންސް އިންނެވެ. އެކުންފުންޏާ މަސައްކަތް ހަވާލުކުރީ 2015 ވަނަ އަހަރުގެ ޖޫން މަހުގެ ތެރޭގަ އެވެ. އެ ސްކޫލުގެ އާއިމާރާތުގެ މަސައްކަތް ހަވާލުކުރީ 119 މިލިއަން ރުފިޔާ އަށެވެ.

އަމީނިއްޔާ ސްކޫލުގައި ގްރޭޑް 1 އިން 10 އަށް ކިޔަވައިދޭ އިރު 2010 ވަނަ އަހަރާ ހަމައަށް އެ ސްކޫލަކީ ހަމައެކަނި އަންހެން ކުދިން ކިޔެވި ސްކޫލެކެވެ. ދެހާސް ދިހަ ވަނަ އަހަރުގެ ފަހުން އަމީނިއްޔާގައި ކިޔަވައިދެނީ އަންހެން ފިރިހެން ދެ ޖިންސު އެއްކޮށްލައިގެންނެވެ.

comment ކޮމެންޓް