ރާއްޖޭގެ އަމަން އަމާންކަން ދެމެހެއްޓުމަށް މިގައުމުގައި އޮތް ދީނީ އެއްބައިވަންތަކަން ދެމެހެއްޓުމަކީ ލާޒިމް ކަމެއް ކަމަށް މިއަދުގެ ހުކުރު ޚުތުބާގައި ބުނެފި އެވެ.
މީގެ 13 އަހަރުކުރިން ރާއްޖެއަށް އެރި ސުނާމީއާ ގުޅިގެން ފާހަގަ ކުރާ އެއްބަައިވަންތަކަމުގެ ދުވަހަށް އަލިއަޅުވާލައި މިއަދުގެ ޚުތުބާގައި ބުނީ، އެއްބައިވަންތަ ގައުމެއްގެ ގޮތުގައި ރާއްޖެ އޮތުމުގެ އެންމެ އަސާސީ ސަބަބަކީ ދިވެހިންނަކީ މުސްލިމުން ކަމުގައި ވުން ކަމަށެވެ. އެހެންކަމުން ގައުމުގައި އޮތް އެކުވެރިކަމާއި އަމާންކަން ދެމެހެއްޓުމަށް، ގައުމުގައި އޮތް ދީނީ އެއްބައިވަންތަކަން ދެމެހެއްޓުމަކީ ލާޒިމް ކަމެއް ކަމަށް ޚުތުބާގައި ބުންޏެވެ.
"މިއަދާ ހަމައަށްވެސް މި ގައުމުގައި އެއްބައިވަންތަކަން ހިފެހެއްޓިފައިވަނީ އަޅުގަނޑުމެންގެ މެދުގައި މި އޮތް ދީނީ އެއްބައިވަންތަކަމުގެ ސަބަބުން. މި އެއްބައިވަންތަކަމުގެ އަސާސަކީ އަޅުގަނޑުމެންގެ އިސްލާމީ އަގީދާ،" ޚުތުބާގައި ބުންޏެވެ.
ހުތުބާގައި ބުނީ، އެއްބައިވަންތަކަމުގެ ދުވަސް ފާހަގަ ކުރާއިރު ސުނާމީގެ ސަބަބުން ދިވެހި އުއްމަތަށް ވެރިވެގެން ދިޔަ ހިތާމަވެރިކަމާއި ކަންބޮޑުވުމުގެ ހަނދާންތައް އާކޮށްދޭކަމަށެވެ. އަދި އެދުވަހު ފެނިގެން ދިޔައީ އެކަކު އަނެކަކަށް އެހީތެރިކަން ފޯރުކޮށްދެމުން ދިޔަ މަންޒަރުކަމަށް ޚުތުބާގައި ބުންޏެވެ.
ސުނާމީގައި ބައެއް ރަށްތަކަށް ބޮޑެތި ގެއްލުންތަކެއްވުމުގެ ސަބަބުން އެރަށްރަށުގެ މީހުން ރަށުން ފައިބަން ޖެހުނު ކަމަށް ޚުތުބާގައި ބުންޏެވެ. އަދި އެމީހުން އަވައްޓެރި ރަށްތަކަށް ދިއުމުން އޯގާތެރި މަރުހަބާއެއް ކިޔައި ދީލަތި މެހެމާންދާރީއެއް އަދާކުރި ކަމަށް ޚުތުބާގައި ފާހަގަ ކުރި އެވެ.
އެއްބަޔަކު އަނެއްބަޔަކަށް އޯގާތެރިވެ އަޅާލުމަކީ ކުރިންސުރެވެސް ދިވެހިންގެ ކިބައިގައި އޮންނަ ކަމެއް ކަމަށާއި، އެކަމަކީ ދިވެހިންގެ ތަބީއަތުގައި މާތްﷲ ލައްވަވާފައިވާ ސިފައެއް ކަމަށް ޚުތުބާގައި ބުންޏެވެ.
ސުނާމީ ކާރިސާއާ ގުޅިގެން ހާލުގައި ޖެހުނު ރައްޔިތުންނަށް އެހީތެރިކަން ފޯރުކޮށްދިނުމަށް އާއްމުންނާއި ސަލާމަތީ ބާރުތަކުން ވީ ގުރުބާނީއާއި، ދެއްކި އެއްބައިވަންތަކަމަކީ، ދިވެހި ތާރީޚުގައި ރަންއަކުރުން ލިޔެވި ބިންވަޅު ނެގިފައިވާ ހަގީގަތްތަކެއް ކަމަށް ޚުތުބާގައި ފާހަގަކުރި އެވެ. އަދި އެއީ އަސަރުން ފުރިފައިވާ ވާހަކަތަކެއް ކަމަށް ޚުތުބާގައި ބުންޏެވެ.
މިއަދުގެ ޚުތުބާގައި ބިންހެލުމާއި ސުނާމީއާއި ވިއްސާރައިގެ ތޫފާންތަކަކީ މާތްﷲ އިންސާނުން އިމްތިހާން ކުރެއްވުމަށްޓަކައި ކުރިމަތި ކުރައްވާ ކަންތައްތަކެއް ކަމަށް ފާހަގަކުރި އެވެ. އަދި އެފަދަ މުސީބާތްތަކުން ސަލާމަތްވުމަށް މުސްލިމުންނަށް ލިބިފައިވާ އެންމެ ބޮޑު ހަތިޔާރަކީ ދުއާއާއި އިސްތިޣްފާރާއި ތައުބާ އަދި މާތްﷲ ގެ އަމުރުފުޅުތަކަށް ބޯލަނބައި ކިޔަމަންވުން ކަމަށް ޚުތުބާގައި ބުންޏެވެ.