ބައެއްގެ ތެރޭ ފާޙިޝް ކަންކަން ޢާންމުވެއްޖެ ނަމަ، އެބައެއްގެ ތެރޭގައި ޠާޢޫން ބައްޔާއި، މީގެ ކުރިން ދެކެފައި ނުވާފަދަ ނުރައްކާތެރި ބަލިތައް ނުފެތުރި ނުދާނެކަމަށް، މާތް ނަބިއްޔާގެ ޙަދީޘްފުޅެއްގެ އަލީގައި މިއަދުގެ ޚުތުބާގައި ބުނެފިއެވެ.
"ފާޙިޝް ޢަމަލުތަކާ ދުރުހެލިވާށެވެ!" މި މައުޟޫޢުގައި މިއަދު އިއްވި ޚުތުބާގައި ބުނީ ފާޙިޝް ކަންކަން މާނަކޮށްފައިވަނީ ބަހާއި ޢަމަލުގެ ތެރެއިން އޭގެ ހުތުރުކަމާއި ފާފަ ބޮޑުވެގެންވާ ކޮންމެ ކަމެއްގެ ގޮތުގައެވެ. އަދި އޭގެ ތެރެއިން ސިއްރާއި ފާޅުގައި ކުރެވޭ ކޮންމެ ޢަމަލަކީވެސް ޙަރާމް ކަމެއްކަން ކީރިތި ޤުރްއާނުގެ އެތައް އާޔަތެއްގެ އަލީގައި ޚުތުބާގައި ބުނެފައިވެއެވެ.
ފާޙިޝް ކޮންމެ ކަމަކީ ޙަރާމް ކަމަކަށް ވީހިނދު، އެފަދަ ކަންކަން މުޖުތަމަޢުގައި ފަތުރަން މަސައްކަތްކުރާ މީހުނަށް، ﷲ ތަޢާލާގެ ލަޢުނަތްހުރިކަން ނޫރު ސޫރަތުގެ 19 ވަނަ އާޔަތުގެ އަލީގައި ޚުތުބާގައި ގެނެސްފައިވެއެވެ. މިފަދަ ކަންކަމުގެ ތެރެއިންވެސް ޒިނޭ އާއި ލިވާޠުގެ ވާހަކަ، ވަކީން ޚާއްސަކޮށް ޚުތުބާގައި ގެނެސްފައިވެއެވެ.
އެއަށްފަހު، މާތް ނަބިއްޔާގެ ޙަދީޘްފުޅެއްގެ އަލީގައި ޚުތުބާގައި ވަނީ، ބައެއްގެ ތެރޭގައި ފާޙިޝް ކަންކަން ޢާންމުވެއްޖެ ނަމަ، އެބައެއްގެ ތެރޭގައި ޠާޢޫން ބައްޔާއި، މީގެ ކުރިން ދެކެފައި ނުވާފަދަ ނުރައްކާތެރި ބަލިތައް ނުފެތުރި ނުދާނެކަމުގެ އިންޒާރު ދީފައެވެ.
"ބަޔަކު މީހުންގެ މެދުގައި ފާޙިޝު ޢަމަލުތައް ފެތުރި، އެކަން ޢާންމުކޮށްފި ކޮންމެ ހިނދަކު، އެބައިމީހުންގެ މެދުގައި ޠާޢޫން ބައްޔާއި (ޖަރާސީމެއްގެ ސަބަބުން ޖެހޭ ގަދައަށް ހުން އައުމާއި ބޮލުގައި ރިއްސުންފަދަ އެތައް ކަމެއް އެކުލެވޭ ވޭންހުރި ބައްޔެއް) އެބައިމީހުންގެ ކާބަފައިންގެ ޒަމާނުގައި ނުދެކޭ ވޭންދެނިވި ބަލިތައް ނުފެތުރި ނުދެއެވެ." - އިބްނު މާޖާ
މިކަން ބަޔާންކުރުމަށްފަހު ޚުތުބާގައި ވަނީ އިންސާނާގެ ޠަބީޢަތުގައިވާ އެދުންތައް ފުއްދުމުގައި އިސްލާމްދީން ހުއްދަކުރާ މަގު އިޚްތިޔާރުކުރުމަށް ގޮވާލާފައެވެ. އެހެނީ އިންސާނުންގެ ތެރެއިން ފިރިހެނުންނާއި އަންހެނުން އުފައްދަވާފައިވަނީ އެބައިމީހުންގެ ނަސްލު ދެމެހެއްޓުމަށްޓަކައި ކައިވެނީގެ އުފާ ލިބިގަތުމަށްޓަކައިކަމަށް އައްރޫމް ސޫރަތުގެ 21 ވަނަ އަޔަތުގެ އަލީގައި ޚުތުބާގައި ބުނެފައިވެއެވެ.
އެހެންކަމުން މުސްލިމުންގެ ތެރޭގައި ފާޙިޝް ކަންކަން ނައްތާލައި، ހެއުގޮތުގައި ކައިވެނިކުރަން ބާރުއެޅުމުގެ ގޮތުން އެފަދަ މާލީ ތަނަވަސްކަމެއް ނެތް މީހުނަށް، ތަނަވަސްކަން ހުރި މީހުން އެހީވުމަށްވެސް ނޫރު ސޫރަތުގެ 32 ވަނަ އާޔަތުގެ އަލީގައި ޚުތުބާގައި ގޮވާލާފައިވެއެވެ. އެހެން ނަމަވެސް، އެއްވެސް ގޮތަކުން ކައިވެނިކުރުމަށް ނުކުޅެދޭނަމަ، އެފަދަ މީހުންނަށް އޮތީ ރޯދަހިފުންކަން، މާތް ނަބިއްޔާގެ ޙަދީސްފުޅެއްގެ އަލީގައި ޚުތުބާގައި ބުނެފައިވެއެވެ.
ޚުތުބާގައި ވަނީ، ދުނިޔޭގެ އުފަލާއި އަރާމަކީ ވަގުތީ ކަމެއްކަން ދަނެ، އެ އުފަލާއި އަރާމު ޙާސިލުކުރުމުގައި އިސްލާމްދީން ދައްކަވާފައިވާ ރިވެތި ގޮތްތަކުގެ މަތީގައި ސާބިތުވުމަށް ގޮވާލާފައެވެ.