"މީސްތަކުންނަށް ޝުކުރުވެރިނުވާ މީހަކީ ﷲ އަށް ޝުކުރުވެރިނުވާ މީހެއް"

މީހަކު ޒަކާތް ދައްކަނީ: ތިމާއަށް ލިބިފައިވާ ނިޢުމަތްތަކަށް ޝުކުރުވެރިވުމަށް މިއަދުގެ ޚުތުބާގައި ގޮވާލާފައިވޭ-- ފޮޓޯ/ ޒަކާތު ހައުސް

މީސްތަކުން ކޮށްދޭ ކަންކަމަށް އެމީހުންނަށް ޝުކުރުވެރި ނުވާ މީހާއަކީ، ﷲ ތަޢާލާއަށްވެސް ޝުކުރުވެރިވާ މީހެއް ނޫންކަމަށް، މާތް ނަބިއްޔާގެ ހަދީސްފުޅެއްގެ އަލީގައި މިއަދުގެ ހުކުރު ޚުތުބާގައި ބުނެފިއެވެ.

"ނިޢުމަތްތަކަށް ޝުކުރުވެރިވުމުގެ މުހިންމުކަން" މި މައުޟޫޢަށް މިއަދު އިއްވި ޚުތުބާގައި ބުނެފައިވަނީ މުޖުތަމަޢުގެ އެއްބައިވަންތަކަމާއި ލޯބި ދެމެހެއްޓުމަށްޓަކައި އިސްލާމްދީން ދަސްކޮށްދޭ އެންމެ މުހިންމު އެއް ސިފައަކީ ތިމާއަށް ލިބިފައިވާ ނިޢުމަތްތަކަށް ޝުކުރުވެރިވުންކަމަށެވެ. ﷲ ތަޢާލާ ދެއްވި ނިޢުމަތްތައް ގުނައި ޢަދަދު ނުކުރެވޭހައި ގިނަ ނަމަވެސް އިންސާނާއަކީ އެ ނިޢުމަތްތަކަށް ޝުކުރުކުން ނެތް، އަނިޔާވެރި މީހެއްކަން އިބްރާހީމް ސޫރަތުގެ 34 ވަނަ އާޔަތުގެ އަލީގައި ޚުތުބާގައި ގެނެސްފައިވެއެވެ.

ޚުތުބާގައި ބުނެފައިވަނީ އެކަލާނގެ ނިޢުމަތްތަކަށް ޝުކުރުވެރިވުމަކީ ﷲ ތަޢާލާގެ ފަޟްލުވަންތަކަމަށް އިއުތިރާފުވެ، އެކަލާނގެ ރުހިވޮޑިގެންވާނެ ފަދައިން އެ ނިޢުމަތްތަކުގެ ބޭނުންހިފުން ކަމަށެވެ. މިއީ، އަޅާގެ ދީނަށާއި ދުނިޔޭގެ ކަންކަމަށް ހެޔޮކަން ގެނެސްދީ، ﷲގެ ލޯތްބާއި ރުހިވޮޑިގަތުން ލިބޭނެ މަތިވެރި އަޅުކަމެއްކަމަށް ޚުތުބާގައި ބުނެފައިވެއެވެ.

ނިޢުމަތްތަކަށް ޝުކުރުވެރިވުމަކީ ނަބީބޭކަލުންގެ މަތިވެރި ސިފަފުޅެއްކަން ބަޔާންކޮށް، ޚުތުބާގައިވަނީ ނަބީބޭކަލުންގެ ބަފައިކަލުން، އިބްރާހީމްގެފާނުގެ އިތުރުން ސުލައިމާންގެފާނާއި މޫސާގެފާނުގެ ވާހަކަތަކުން މިކަމުގެ ޢިބުރަތްތެރި މިސާލުތަކެއް ގެނެސްފައެއެވެ.

ޚުތުބާގައި ވަނީ، ﷲ ތަޢާލާ ދެއްވި ނިޢުމަތްތަކަށް ޝުކުރުވެރިވާފަދައިން މީސްތަކުން ކޮށްދޭ ކަންކަމަށްވެސް ޝުކުރުވެރިވުމަކީ އިސްލާމީ ތަރުބިއްޔަތު، އެކަމަކަށް ނުހަނު ބޮޑު އަހަންމިއްޔަތުކަމެއް ދީފައިވާ އަޅުކަމެއްކަން ބަޔާންކޮށްފައެވެ. މީގެ ތެރެއިންވެސް ވަކީން ޚާއްސަކޮށް މައިންބަފައިންނަށް ޝުކުރުވެރިވުމަށް އަންގަވާފައިވާ އާޔަތެއް ޚުތުބާގައި ގެނެސްފައިވެއެވެ. މިއާއެކު، ޚުތުބާގައި ވަނީ މީސްތަކުން ކޮށްދޭ ކަންކަމަށް ޝުކުރުވެރި ނުވާ މީހަކީ މާތް ﷲ އަށްވެސް ޝުކުރުވެރިވާ މީހެއް ނޫންކަމަށް މާތް ނަބިއްޔާ ހަދީސްކުރައްވާފައިވާ ބަސްފުޅެއް ގެނެސްފައެވެ.

މިއާ ޚިލާފަށް، މީހަކު ހެއުކަމެއް ކޮށްދިނުމުން ހަމައެކަނި "ﷲ ތިބާއަށް ހެއު ޖަޒާ ދެއްވާށި"އޭ ބުނެލުމުން ޝުކުރުވެރިކަމުގެ އެންމެ މަތީ ދަރަޖައަށް ވާސިލުވެވޭނެކަމަށް އެކަލޭގެފާނު ހަދީސްކުރައްވާފައިވާ ބަސްފުޅެއްވެސް ޚުތުބާގައި ގެނެސްފައިވެއެވެ. މީގެ އިތުރުން، އިތުރު އެކަލޭގެފާނުގެ ހަޔާތްޕުޅުންވެސް ޝުކުރުވެރިކަމުގެ ޢިބުރަތްތެރި މިސާލުތަކެއް ގެނެސްފައިވެއެވެ.

ޚުތުބާގައި ވަނީ ﷲ ތައާލާ ދެއްވި ނިޢުމަތްތަކުގެ މަތީން ހަނދުމަކޮށް، ދަތި ޙާލުގައި ވާ މީހުނަށް ޢިބުރަތެއްގެ ގޮތުން އެފަދަ ވާހަކަތައް ކިޔައިދީ އުޅުމަށް ގޮވާލައިފައެވެ. އެކަމަކީ ނިޢުމަތްތަކަށް ޝުކުރުވެރިވުމުގެ ތެރެއިންވާ ކަމެއްކަމަށް ޢިލްމުވެރިން ބަޔާންކުރައްވާފައިވާކަމަށް ޚުތުބާގައި ބުނެފައިވެއެވެ.

ދިރިއުޅުމުގައި ޝުކުރުވެރިވުން ދެމެހެއްޓޭނީ ތިމާއަށްވުރެ ތަނަވަސް މީހުންގެ ބަދަުގައި ތިމާއަށްވުރެ ދަތި ޙާލުގައި އުޅޭ މީހުނަށް ބަލައި، ތިމާއަށް ﷲ ދެއްވި ނިޢުމަތްތަކުގެ އަގު ވަޒަންކޮށްގެން ކަމަށް ޚުތުބާގައި ބުނެފައިވެއެވެ. އަދި، މީސްތަކުން ކޮށްދޭ ކަންކަމަށް ޝުކުރުވެރިވުމާއެކު އިސްރާފުކުރުމާއި ބޮޑާކަމުން ދުރުހެލިވެ، ނިޢުމަތްތަކަށް ރައްކާތެރިވެގެންކަމަށް ޚުތުބާގައި ބުނެފައިވެއެވެ.

comment ކޮމެންޓް