މުމްބާއީގެ ޝޮޕިން ކޮމްޕްލެކްސްއެއްގައި ރޯވެ 15 މީހަކު މަރުވެއްޖެ

އަލިފާންގަނޑު ފުރަތަމަ ރޯވީ ކޮމްޕްލެކްސްގެ ރޫފްޓޮޕް ރެސްޓޯރެންޓުގައި -- ފޮޓޯ: އެންޑީޓީވީ

މުމްބާއީ (ޑިސެމްބަރު 29): އިންޑިއާގެ މުމްބާއީގެ ޝޮޕިން ކޮމްޕްލެކްސްއެއްގައި ރޭ ހިނގި އަލިފާނުގެ ހާދިސާއެއްގައި 15 މީހަކު މަރުވެއްޖެ އެވެ.

އިންޑިއާގެ މީޑިއާތަކުގައިވާ ގޮތުން ކަމާލާ މިލްސް ރެސްޓޯރެންޓް އެންޑް ޝޮޕިން ކޮމްޕައުންޑުގައި ފުރަތަމަ ރޯވީ އެއިމާރާތުގެ ރޫފްޓޮޕް ރެސްޓޯރެންޓުގަ އެވެ. އަދި އަލިފާންގަނޑުން ރައްކާތެރި ވުމަށް ގިނަ އަދަދެއްގެ މީހުން ވަނީ ފާހާނާ ތެރެއަށް ވަދެފައި ކަމަށާއި އޭގެ ސަބަބުން ގިނަ މީހުން މަރުވީ ނޭވާ ނުލެވިގެން ކަމަށް ޓައިމްސް އޮފް އިންޑިއާގައިވެ އެވެ.

ރޮއިޓާސްގައިވާ ގޮތުން އެހާދިސާގައި މަރުވި ގިނަ މީހުންނަކީ އެރެސްޓޯރެންޓުގައި އޮތް ޕާޓީއަކަށް ދިޔަ އަންހެނުންނެވެ. އަދި އެހާދިސާގައި 12 މީހަކަށް އަނިޔާވި ކަމަށާއި އެމީހުންނަށް މިހާރު ފަރުވާ ދެމުންދާ ކަމަށް އޭޝިއާ ނިއުސް އިންޓަނޭޝަނަލްއިން ބުންޏެވެ.

އިންޑިއާގެ ރައީސް ރާމް ނާތު ކޯވިންދު ވަނީ އެހާދިސާގައި މަރުވި މީހުންގެ އާއިލާތަކަށް ހަމްދަރުދީގެ މެސެޖެއް ފޮނުއްވައި، އަލިފާންގަނޑު ނިއްވާލުމުގައި ހަރަކާތްތެރިވި ފަޔާފައިޓަރުންގެ މަސައްކަތަށް ތައުރީފު ކުރައްވާފަ އެވެ. އެގައުމުގެ ފުލުހުން މިހާރު ދަނީ އެހާދިސާ ތަހުގީގު ކުރަމުންނެވެ. (ބީބީސީ)

comment ކޮމެންޓް