ހުޅުމާލެއިން ފްލެޓް ލިބުނު މީހުންނަށް ތަޅުދަނޑި ހަވާލުކުރަން ފަށައިފި

ހުޅުމާލެއިން އެންމެ ފަހުން ދޫކުރި ފްލެޓްތައް. އެމީހުންނަށް ތަޅުދަނޑި ހަވާލުކުރަން ވަނީ ފަށާފައި --- ސަން ފޮޓޯ: އަފްރާހު

ހުޅުމާލެއިން އެންމެ ފަހުން ދޫކުރި ފްލެޓްތައް ލިބުނު މީހުންނަށް ފްލެޓްތަކުގެ ތަޅުދަނޑި ހަވާލުކުރަން ފަށައިފިއެވެ.

ހުޅުމާލެއިން އަލަށް ދޫކުރި 704 ފްލެޓު ލިބުނު މީހުންގެ ތެރެއިން ލިބޭނެ ފްލެޓެއް ބެލުމަށް ގުރުއަތުލުން ކުރިއަށް ގެންގޮސްފައިވަނީ މިމަހުގެ ކުރީކޮޅުއެެވެ.

ފްލެޓް ލިބުނު މިހަކު ސަން އަށް ބުނި ފްލެޓްގެ ތަޅުދަނޑި ހަވާލުކޮށްފައިވާ ކަމަށެވެ.

"މިހާރު ތަޅުދަނޑި ލިބިއްޖެ. އެކަމަކު ހުރިހާ އެންމެންނަށް އަދި ނުލިބޭ. ތަޅުދަނޑި ހަވާލު ކުރިނަމަވެސް އަދި އަންގާފަ އޮތީ ވަކި އެއްޗެއް އަންގަންދެން ފެނާ ކަރަންޓާ ބޭނުން ނުކުރަން. އެކޮޅުން އައިސް ރީޑިން ނަގަންދެން،" އޭނާ ބުންޏެވެ.

މި ޚަބަރާ ގުޅޭގޮތުން ހައުސިން މިނިސްޓްރީގެ ބަހެއް ލިބޭގޮތް ވަނީ ނުވެފައެވެ.

އަލަށް ދޫކުރި ފްލެޓް ތަކަކީ ތިން ކޮޓަރިއާއެކު އެޓޭޗްޑް ފާޚާނާ ހިމެނޭ ފްލެޓްތަކެކެވެ. ދެ ކެޓަގަރީއަކުން ފްލެޓް ދޫކޮށްފައިވާއިރު ކެޓަގަރީ އެކަކުން 500 މީހުންނަށް ފްލެޓް ލިބުނެވެ. ކެޓަގަރީ އެކެއްގައި ހިމެނޭ މީހުންނަކީ ދަފްތަރާއި މާލޭގެ ރަށްވެހިންގެ ގޮތުގައި ތިބި މީހުންނެވެ.

ކެޓަގަރީ ދޭއްގައި ހިމެނެނީ ގިނަ ދުވަހު މާލޭގައި ދިރިއުޅޭ، އަތޮޅުތަކުގެ މީހުންނެވެ. އެ ކެޓަގަރީން 161 މީހުންނަށް ފްލެޓް ލިބުނެވެ.

މި ފްލެޓްތަކުގެ ކުއްޔަކީ މަހަކު 6000 ރުފިޔާއެވެ. ޑައުން ޕޭމެންޓްގެ ގޮތުގައި ދައްކަން ޖެހެނީ 25000 ރުފިޔާއެވެ.

ނުކުޅެދުންތެރިކަން ހުންނަ މީހުން ހިމެނޭ 167 އާއިލާ އަކަށް މިފަހަރު ފްލެޓު ލިބިފައިވާ ކަމަށް ހައުސިން މިނިސްޓަރު ޑރ. މުހައްމަދު މުއިއްޒު ވަނީ މީގެ ކުރިން ވިދާޅުވެފައެވެ.

މި ފްލެޓްތަކުގައި އަންނަ އަހަރުގެ ޖެނުއަރީ މަހުގެ ތެރޭ މީހުން ދިރިއުޅެން ފަށާނެ ކަމަށް ހައުސިން މިނިސްޓަރު ޑރ. މުއިއްޒު ވަނީ ވިދާޅުވެފައެވެ.

ހުޅުމާލޭގައި ބޯހިޔާވަހިކަމުގެ ބިޔަ މަޝްރޫއެއް ހިންގުމަށް ސަރުކާރުން ވަނީ ނިންމައިފައެވެ. އެގޮތުން ބޯހިޔާވަހި ކަމުގެ މަޝްރޫއު "ހިޔާ"ގެ ދަށުން 80،000 ރައްޔިތުންނަށް ބޯހިޔާވަހިކަން ފޯރުކޮށްދެވޭނެ ކަމަށް ސަރުކާރުން ބުންޏެވެ.

comment ކޮމެންޓް