ފުޓުބޯޅަ ތަރި ޖޯޖް ވޭއާހް، ލައިބީރިއާގެ ރައީސްކަމަށް އިންތިޚާބުވެއްޖެ

ލައިބީރިއާގެ ރައީސްކަމަށް އިންތިހާބުވި ޖޯޖް ވޭއާހް -- ފޮޓޯ/ ގެޓީ

ނަވާރަ ސަތޭކަ ނުވަދިހަ ފަސް ވަނަ އަހަރު ދުނިޔޭގެ އެންމެ މޮޅު ފުޅުބޯޅަ ކުޅުންތެރިޔާގެ އެވޯޑު ލިބުނު ލައިބީރިއާގެ ޖޯޖް ވޭއާހް، އެގައުމުގެ ރައީސްކަމަށް އިންތިޚާބުވެއްޖެއެވެ.

ލައިބީރިއާގެ ރިޔާސީ އިންތިޚާބުގެ ފުރަތަމަ ބުރަށްފަހު، ދެވަނަ ބުރުގައި ވާދަކުރީ ވޭއާހްގެ އިތުރުން، ލައިބީރިއާގެ ނައިބު ރައީސްކަމުގައި މިހާރު ހުންނެވި ޖޯސެފް ބޮއަކައިއެވެ. ވޭއާހް އިންތިޚާބު ކާމިޔާބުކުރީ 61.5 ޕަސަންޓު ވޯޓާ އެކުގައެވެ.

މިއީ 1944 ވަނަ އަހަރަށްފަހު، ލައިބީރިއާގައި ސަރުކާރު ޑިމޮކްރެޓިކް އުސޫލުން ބަދަލުވާ ފުރަތަމަ ފަހަރެވެ. އެގައުމުގައި ހިނގި ދެ ދާޚިލީ ހަނގުރާމައާއި، އެއަށްފަހު އެގައުމު ކަޑައްތުކުރި ސިޔާސީ ހަމަނުޖެހުންތަކާ ހުރެ، އެގައުމުގައި ސުލްހަވެރިކޮށް ސަރުކާރުތައް ބަދަލުވެފައެއް ނުވެއެވެ.

އިންތިޚާބު ކާމިޔާބުކުރެއްވި ޖޯޖް ވޭއާހްއަކީ ޔޫރަޕުގެ ބޮޑެތި ލީގުތަކުގެ ކްލަބުތަކުގައި ކުޅުއްވި ބޭފުޅެކެވެ. 1992 އިން 1995 އަށް ފްރާންސްގެ ޕީއެސްޖީއަށް އޭނާ ކުޅުއްވި އިރު، 1995 އިން 1999 ވަނަ އަހަރަށް އޭނާ ކުޅުއްވީ އިޓަލީގެ އޭސީ މިލާނަށެވެ. އެއަށްފަހު އިނގިރޭސިިވިލާތުގެ ޗެލްސީއާއި މެންޗެސްޓަރ ސިޓީއަށާއި ފްރާންސްގެ މާސޭއަށްވެސް އޭނާ ކުޅުއްވިއެވެ.

ޖޯޖް ވޭއާހް، 1995 ވަނަ އަހަރު އޭނާއަށް ލިބުނު ފީފާ ބެލޮންޑޯ އެވޯޑާ އެކު --

ޖޯޖް ވޭއާހްއަށް 1989، 1994 އަދި 1995 ވަނަ އަހަރު އެފްރިކާ ބައްރުގެ ފުޓްބޯލާ އޮފް ދަ އިޔާ އެވޯޑު ލިބިފައިވެއެވެ. އަދި ފީފާއިން ދޭ ފުޓްބޯލާ އޮފް ދަ އިޔާއާއި ބެލޮންޑޯ އެވޯޑު، 1995 ވަނަ އަހަރު އޭނާއަށް ލިބިފައިވެއެވެ.

ޖޯޖް ވޭއާހްގެ ދުވުމުގެ ސްޕީޑާއި، ބޯޅަ ޑްރިބްލް ކުރުމުގެ ހުނަރާއި ގޯލް ޖެހުމުގެ މޮޅުކަމަށް ތައުރީފުކޮށް، ފީފާއިން އޭނާ ސިފަކުރީ ހުރިހާ ކަމަކަށް މޮޅު ސްޓްރައިކަރެއްގެ ގޮތުގައެވެ.

ލައިބީރިއާގެ ދެވަނަ ދާޚިލީ ހަނގުރާމަ ނިމުމާ އެކު، ޖޯޖް ވޭއާހް ވަނީ ކޮންގްރެސް ފޯރ ޑިމޮކްރެޓިކް ޗޭންޖްގެ ނަމުގައި ސިޔާސީ ޕާޓީއެއް އުފައްދައިފައެވެ. އަދި 2005 ވަނަ އަހަރުގެ ރިޔާސީ އިންތިޚާބަށް އޭނާ ކުރިމަތިލެއްވި ނަމަވެސް، އެފަހަރު ކުރިމަތިވީ ނާކާމިޔާބާއެވެ.

ގުޅޭ ޓެގު
comment ކޮމެންޓް