ހުސްވި ނޮވެމްބަރު މަހުގެ ނިޔަލަށް ދައުލަތުގެ އަރަނި 277.6 މިލިއަން ރުފިޔާ އަށް އަރާފައިވާ ކަމަށް ފިނޭންސް މިނިސްޓްރީގެ ތަފާސްހިސާބުތަކުން ދައްކައިފި އެވެ.
އެ މިނިސްޓްރީން ކޮންމެ މަހަކު ވެސް އާންމުކުރާ ދައުލަތުގެ އާމްދަނީ އާއި ހަރަދުތަކުގެ ތަފާސްހިސާބުތައް ދައްކާ ގޮތުން ނޮވެމްބަރު މަހުގެ ނިޔަލަށް އާމްދަނީ އާއި ހިލޭ އެހީގެ ގޮތުގައި ދައުލަތަށް ލިބިފައި ވަނީ 18.2 ބިލިއަން ރުފިޔާ އެވެ. މިދިޔަ މަހުގެ ނިޔަލަށް ދައުލަތުގެ ހަރަދު އުޅެނީ 18.01 ބިލިއަން ރުފިޔާގަ އެވެ.
އެ ތަފާސްް ހިސާބުތައް ދައްކާގޮތުން މިދިޔަ މަހުގެ ނިޔަލަށް ދައުލަތަށް އާމްދަނީގެ ގޮތުގައި 17.9 ބިލިއަން ރުފިޔާ ލިބިފައިވެ އެވެ. އަދި މިދިޔަ މަހުގެ ނިޔަލަށް ދައުލަތުގެ ހަރަދު 13 ބިލިއަނަށް އަރާ ކަމަށާއި އޭގެ ތެރެއިން ކެޕިޓަލް ހަރަދުގެ ގޮތުގައި 4.9 ބިލިއަން ރުފިޔާ ހަރަދުކޮށްފައިވާ ކަމަށް ފިނޭންސްގެ ތަފާސްހިސާބުތައް ދައްކައިފަ އެވެ.
ފިނޭސްގެ ތަފާސްހިސާބުތައް ދައްކާ ގޮތުން ފާއިތުވި ނޮވެމްބަރު މަހު ދައުލަތަށް ހިލޭ އެހީ އާއި އާމްދަނީގެ ގޮތުގައި ލިބިފައި ވަނީ 1.15 ބިލިއަން ރުފިޔާ އެވެ. ހަރަދު އުޅެނީ 1.50 ބިލިއަން ރުފިޔާގަ އެވެ.
މި އަހަރުގެ ބަޖެޓުގައި ދައުލަތަށް އާމްދަނީގެ ގޮތުގައި ލިބޭނެ ކަމަށް ލަފާކޮށްފައި ވަނީ 21.9 ބިލިއަން ރުފިޔާ އެވެ. އަދި ހަރަދުވާނެ ކަމަށް ލަފާކޮށްފައި ވަނީ 22.2 ބިލިއަން ރުފިޔާ އެވެ.