ވެންޑައިކް ހޯދަން ބާސާއާއި ސިޓީން މަސައްކަތްކުރަނީ

ބާސާއާއި ސިޓީން ހޯދަން މަސައްކަތްކުރާ ސައުތުހެމްޕްޓަންގެ ޑިފެންޑަރު ވެންޑައިކް --

އަންނަ މަހު ފެށޭ ފިނި މޫސުމުގެ ޓްރާންސްފާ މާކެޓުގައި ސައުތުހެމްޓަނުގެ ޑިފެންޑަރު ވާޖިލް ވެންޑައިކްގެ ސޮއި ހޯދުމުގެ މަސައްކަތް ބާސެލޯނާއާއި މެންޗެސްޓާ ސިޓީން ފަށައިފިއެވެ.

މިފަހަރުގެ ޓްރާންސްފާގައި ވެންޑައިކް ސައުތްހެމްޓަން ދޫކޮށްލާނެ ކަމަށް ހަބަރުތައް ބުނެއެވެ. ވެންޑައިކް ސައުތްހެމްޓަންއާއެކު ހަދާފައިވާ ކޮންޓްރެކްޓް ހަމަވާނީ 2022 ވަނަ އަހަރުއެވެ.

ނެދަލޭންޑްސްއަށް އުފަން ވެންޑައިކްއަކީ މިދިޔަ ހޫނު މޫސުގެ ޓްރާންސްފާ މާކެޓުން ފެށިގެން ލިވަޕޫލުން ހޯދުމަށް މަސައްކަތް ކުރަމުންދިޔަ ކުޅުންތެރިޔެކެވެ. ވެން ޑައިކް ހޯދުމުގެ ރޭހުގެ ކުރީގައި މިވަގުތު އުޅެނީ ސިޓީއެވެ.

ސިޓީގެ ކެޕްޓަން އަދި ޑިފެންޑަރު ވިންސެންޓް ކޮމްޕެނީއަށް އަނިޔާގެ ގިނަ މައްސަލަތަކެއް ކުރިމަތިވަމުން އަންނާތީ އެތަން ފޫބެއްދުމަށް ޖެނުއަރީ ޓްރާންސްފާގައި އިތުރު ޑިފެންޑަރެއް ގެންނާނެ ކަމުގެ އިޝާރާތެއް ސިޓީގެ ކޯޗު ޕެޕް ގާޑިއޯލާ ދާދިފަހުން ވަނީ ދީފައެވެ.

ވެންޑައިކް ހޯދުމަށް ކުރާ މަސައްކަތް ސިޓީއަށް ކާމިޔާބުނުވެއްޖެނަމަ ދެން އެ ކްލަބުން މަސައްކަތްކުރާނީ ރެއާލް ސޮސިއެޑާޑަށް ކުޅެމުން އަންނަ އިނީގޯ މާޓިނޭޒް ނުވަތަ ވެސްޓްބްރޮމަށް ކުޅެމުން އަންނަ ޖޮނީ އެވަންސް ހޯދުމަށް ކަމަށް ރިޕޯޓުތައް ބުނެއެވެ.

ވެންޑައިކް ހޯދަން ބާސެލޯނާއިން މަސައްކަތް ފެށީ އެ ޓީމުގެ ފަހަތަށް ދިމާވެފައިވާ މައްސަލަތައް ހައްލުކުރުމަށެވެ. އެގޮތުން އަންނަމަހު އެ ޓީމުގެ އޭޖެންޓީނާގެ ޑިފެންޑަރު ހާވިއާ މަޝެރާނޯ ކުލަބު ދޫކޮށްލާނެ ކަމަށް ބެލެވޭތީއާއި ފުރަތަމަ 11ގައި ކުޅެމުން އަންނަ ސެމިއުލް އުމްޓިޓީ މިވަގުތު އަނިޔާގެ ސަބަބުން ކުޅުމާ ދުރުގައި ހުންނަން ޖެހިފައިވުމުން އެ ޓީމުގެ ޑިފެންސް ވަރުގަދަ ކުރުމަށް ވެންޑައިކް ގެނެސްދާނެ ކަމަށް ބެލެވެއެވެ.

comment ކޮމެންޓް