ހުޅުމާލޭ ފަޅުގައި އޮތް ސަފާރީއެއްގައި ގަވާއިދާ ޚިލާފަށް ގެންގުޅުނު ގިނަ އަދަދެއްގެ ބަނގުރާ އަތުލައިގަނެ ހަތަރު މީހަކު ހައްޔަރުކޮށްފި އެވެ.
ފުލުހުން ބުނީ ބަނގުރާ ކޭސްތަކަކާއި ބިޔަރު ކޭސްތައް އަތުލައިގެންފައި ވަނީ މިދިޔަ ބުރާސްފަތި ދުވަހު ހިންގި އޮޕަރޭޝަނެއްގައި ކަމަށެވެ. އެގޮތުން އެ ސަފާރީން އެކި ބްރޭންޑްތަކުގެ 87 ކޭސް ބަނގުރަލާއި 47 ބިޔަރު ކޭސް އަތުލައިގެންފައިވެ އެވެ.
އޭގެ އިތުރުން 25 ފުޅި ބަނގުރަލާއި 20 ފުޅި ބިޔަރުގެ އިތުރުން 46 ދަޅު ބިޔަރު ވެސް އަތުލައިގެންފައިވެ އެވެ.
ފުލުހުން ބުނީ އެ ސަފާރީ ބަލައި ފާސްކޮށްފައި ވަނީ ކޯޓު އަމުރެއްގެ ދަށުން ކަމަށެވެ. އަދި އެތަކެއްޗަކީ ގަވާއިދާ ޚިލާފަށް ގެންގުޅެމުން ދިޔަ ތަކެތި ކަމަށް ފުލުހުން ބުނެ އެވެ.
އެ އޮޕަރޭޝަނުގައި ހައްޔަރުކޮށްފައި ވަނީ ބަންގްލަދޭޝް ތިން ފިރިހެނުންނާއި 29 އަހަރުގެ ދިވެހި ފިރިހެނެއް ކަމަށް ފުލުހުން ބުނެ އެވެެ. އޭގެ ތެރެއިން އެއް މީހެއްގެ ދަބަސްތެރެއިން ހަތް ފުޅި ބަނގުރާ ފެނިފައިވާ ކަމަށް ފުލުހުން ބުނެ އެވެ.
އެމީހުންގެ ބަންދަށް ކޯޓުން ފަސް ދުވަހުގެ މުއްދަތެއް ދީފައިވާ ކަމަށް ފުލުހުން ބުނެ އެވެ. އަދި އެ މައްސަލަ ތަހުގީގު ކުރަމުންދާ ކަމަށް ވެސް ފުލުހުން ބުނެ އެވެ.