ލޯނު ނަގަނީ ގަނޑުވަރެއް ބިނާކުރާކަށް ނޫން، އަޅުގަނޑު އުޅެނީ ގަނޑުވަރަކު ނޫން: ރައީސް ޔާމީން

ރައީސް ޔާމީން ޅ. ހިންނަވަރު ރައްޔިތުންނާ ބައްދަލު ކުރައްވާ ވާހަކަފުޅު ދައްކަވަނީ --- ފޮޓޯ: ރައީސް އޮފީސް

ޕީޕީއެމްގެ ސަރުކާރުން ބޮޑެތި އަދަދުން ލޯން ނަގަނީ އަމިއްލަ ބޭނުންތައް ފުއްދައި ގަނޑުވަރެއް ބިނާކުރާކަށް ނޫން ކަމަށާއި މިހާރުގެ ރައީސް އުޅެނީ ގަނޑުވަރެއްގައި ނޫން ކަމަށް ރައީސް އަބްދުﷲ ޔާމީން އަބްދުލް ޤައްޔޫމް ވިދާޅުވެއްޖެ އެވެ.

ސަރުކާރުން ލޯނު ނަގާތީ އިދިކޮޅު ފަރާތްތަކުން ކިޔަމުންދާ ފާޑިކިޔުންތަކަށް މީގެ ކުރިން ވެސް ރައީސް ވަނީ ހޫނު ރައްދެއް ދެއްވައި ލޯނު ނުނަގައި މަޝްރޫއު ހިންގާނެ ގޮތެއް ކިޔައި ދިނުމަށް އެދިވަޑައިގެންފަ އެވެ. އަދި މި ފަހަރު ލޯނު ނަގަން ޖެހޭ ސަބަބުތައް ކިޔާދެއްވާފައި މިވަނީ ޅ. ހިންނަވަރަށް މިއަދު ވަޑައިގެން އެރަށުގެ ރައްޔިތުންނާ މުހާތަބަކޮށް ވާހަކަފުޅު ދައްކަވަމުންނެވެ.

"ސަރުކާރުން ދަރަންޏަށް ފައިސާ ނަގަނީ ކީއްކުރަން ތޯ. ސަރުކާރުން ދަރަންޏަށް ފައިސާ ނަގަނީ ރައީސް އުޅޭނެ ގަނޑުވަރެއް ބިނާކުރާކަށެއް ނޫނޭ. މިހާރުގެ ރައީސް އުޅެނީ ގަނޑުވަރެއްގައިއެއް ނޫނޭ. ސަރުކާރުން ލޯނު ނަގަނީ މިދެންނެވި ކަހަލަ ކަންކަން ފުއްދާކަށް ނޫން. ލައްޒަތާއި އަރާމާއި އިއްޒަތުގައި އުޅޭކަށް ނޫން،" ރައީސް ޔާމީން ވިދާޅުވި އެވެ.

ރައީސް ޔާމީން އެކޭ އެއްގޮތަށް އެ މަނިކުފާނުގެ ވަޒީރުންނަކީ ވެސް އަރާމާއި އިއްޒަތުގައި އުޅެން ބޭނުންވާ ބައެއް ނޫން ކަމަށް ރައީސް ވިދާޅުވި އެވެ. މިސާލެއްގެ ގޮތުގައި އެމަނިކުފާނު ފާހަގަކުރެއްވީ ވަޒީރުން ދުއްވާ ކާރު ކޮޅުތައް ގިނަ ދުވަސްވެ ބާވެފައި ހުރި ކަމެވެ. ސަތާރަ އަހަރަށް ވުރެން ގިނަ ދުވަސް ވެފައިވާ ކާރުތައް ހުރި ކަމަށާއި އޭގެ ތެރެއިން ދެބައިކުޅަ އެއްބައި ކާރު ވަރަށް ފަހުން އާ ކޮށްފައިވާ ކަމަށް ވެސް ރައީސް ވިދާޅުވި އެވެ.

"އަޅުގަނޑުމެން މި ލޯން ނަގަނީ މި މަސްރޫއު [ހިންނަވަރުގެ ފެނުގެ ނިޒާމް]ގައި ފެނިގެންދާހެން ރައްޔިތުންނަށް ބޭނުންވާ އަސާސީ ކަންތައްތައް ފުއްދައިދިނުމަށް ޓަކައި. އެއީ އަޅުގަނޑުމެން ލޯނު ނަގާ ސަބަބު،" ރައީސް ވިދާޅުވި އެވެ.

ބޭރުގެ ލޯނުގެ އެހީގައި ރާއްޖޭގައި އަޅާ ދަރުމަވަންތަ ހޮސްޕިޓަލް ބިނާކޮށް ނިމި ހިދުމަތް ދޭން ފެށުމުން އެތަނަށް އަންނަ ބަލި މީހުނަށް އެއީ ލޯނު ނަގައިގެން ހަދާފައިވާ ތަނެއް ކަމަށް ހިޔާލަށް އައިސްދާނެތޯ ރައީސް ސުވާލު ކުރެއްވި އެވެ.

"..މިއިން މީހަކު ފުރާނައަށް ނުރައްކާވާ ހިސާބަށް ގޮސްގެން ދަރުމަވަންތާގައި އޮންނަ އިރު އޭނަ ސުވާލު ކުރާނެތޯ އޭނާއަށް ހިދުމަތް އެ ދެނީ ލޯނަށް ފައިސާ ނަގައިގެންތޯ. ލޯނު ނެގުމާ އެންމެ ދެކޮޅު މީހާ އެވަގުތު ހާލުބޮޑުވެގެން އޮންނާނީ،" ރައީސް ވިދާޅުވި އެވެ.

އިންސާނާގެ ސިއްހަތަކީ ކޮންމެ މީހަކު ވެސް އެންމެ އިސްކަން ދޭން ޖެހޭނެ ކަންތައްކަން ފާހަގަކޮށް ރައީސް ވިދާޅުވީ އާސަންދަ ފަދަ ހިދުމަތެއް ރާއްޖޭގައި ނެތް ނަމަ ގެދޮރު ވިއްކައި ރަހުނުކޮށްގެން ލޯނު ނަގައިގެން ނަމަވެސް ހޮސްޕިޓަލްގެ ބިލް ދެއްކޭނެ ގޮތް ހޯދާނެ ކަމަށެވެ.

"..އަމިއްލަ މައްސަލައާ ހަމައަށް ޖެހުނީމާ ލޯނު ނަގައިގެން ކަންކަން ކުރަން ހުއްދަ. އެހެންވީމަ އެންމެ މީހަކަށް މި ދެންނެވި ކަހަލަ ނިކަމެތިކަމެއް އަންނަ ދުވަހު ލޯނު ނަގައިގެން ކަންކަން އެ ކުރަނީ. އެކަހަލަ ކިތައް ދިވެހި ރައްޔިތުންތޯ ރާއްޖޭގެ އެކި ހިސާބުތަކުގައި ނިކަމެތި ކަމާ އެކު މިތިބ،" ރައީސް ވިދާޅުވި އެވެ.

comment ކޮމެންޓް