އެމްޑީޕީ ވެރިކަމުގައި ހިންނަވަރު ރައްޔިތުންނަށް ލިބުނީ މާޔޫސްކަން: ހެލްތު މިނިސްޓަރު

ހެލްތު މިނިސްޓަރު އަބްދުﷲ ނާޒިމް އިބްރާހީމް -- ސަން ފޮޓޯ/ ފަޔާޒު މޫސާ

ހިންނަވަރުން ކުރީގެ ރައީސް މުހައްމަދު ނަޝީދަށާއި އެމްޑީޕީއަށް ކުރި ތާއީދުގެ ބަދަލުގައި އެމްޑީޕީގެ ވެރިކަމުގައި ހިންނަވަރުގެ ރައްޔިތުން މާޔޫސްކުރުވައި ބިކަ ކުރުވި ކަމަށް ހެލްތު މިނިސްޓަރު އަބްދުﷲ ނާޒިމް އިބްރާހީމް ވިދާޅުވެއްޖެ އެވެ.

ޅ. ހިންނަވަރުގައި ގާއިމްކޮށްފައިވާ ފެނުގެ ނިޒާމް އިފްތިތާހު ކުރުމަށް އެ ރަށުގައި މިއަދުބ ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ނާޒިމް ވިދާޅުވީ، ހިންނަވަރަކީ އެމްޑީޕީއަށް ބޮޑު މެޖޯރިޓީއަކާއި ބޮޑު ތާއީދެއް ދިން ރަށެއް ކަމަށެވެ. އެހެން ނަމަވެސް އެމްޑީޕީގެ ވެރިކަން ނިމިގެން ދިޔަ އިރު އެ ރަށުގެ ހާލަތު ބޮއްސުން ލާފައިވާ ކަމަށް ނާޒިމް ވިދާޅުވި އެވެ.

އެގޮތުން އެމްޑީޕީގެ ވެރިކަމުގައި ކައުންސިލް އިންތިހާބާއި ރައްޔިތުންގެ މަޖިލީހުގެ އިންތިހާބު އަދި ރިޔާސީ އިންތިހާބުގައި އެމްޑީޕީ އަށް އެ ރަށުން ވޯޓު ދިން ކަމަށެވެ.

"ރައީސް ނަޝީދަށް ވެސް ވަރަށް ބޮޑު ތާއީދެއް ދެއްވި. އެހެން ނަމަވެސް އެމަނިކުފާނުގެ ތިން އަހަރުގެ ވެރިކަންވީ ހިންނަވަރުގެ ރައްޔިތުންނަށް މާޔޫސްކަން ގެނުވި ކަމަކަށް. ހިންނަވަރު ރައްޔިތުން ބިކަ ކުރުވި ވެރިކަމަކަށް. ހިންނަވަރުގެ ރައްޔިތުން ހާލުގައި ޖެއްސި ވެރިކަމަކަށް،" ނާޒިމް ވިދާޅުވި އެވެ.

ނާޒިމް ވިދާޅުވީ، އެމްޑީޕީގެ ވެރިކަމުގައި ރައީސް ނަޝީދުގެ އަރިހުން ކަމަކު އެދުމުން ދެއްވާފައި ވަނީ ރައީސަކު ދީގެން ނުވާނެ ފަދަ ޖަވާބެއް ކަމަށެވެ.

"އެމްޑީޕީގެ ސަރުކާރުގެ ރައީސް ރަށަށް ވަޑައިގެން ރަށުގެ ކައުންސިލަރުންނާ ބައްދަލުކޮށް ކައުންސިލަރުންގެ އުދާސްތައް ހުށަހެޅުމަށް ދެންނެވުނު ހިނދު، ކައުންސިލަރަކު ވިދާޅުވީ، އިއްޒަތްތެރި ރައީސް އޭ. މިރަށުގައި އެމްބިއުލާންސްއެއް ނެތީމާ ވަރަށް ހިތާމަ ކުރަމޭ، ވަރަށް ދެރަވޭ. ރައީސްގެ ޖަވާބު އެނގިލައްވާތޯ؟ ރައީސް ވިދާޅުވީ، 'ހިންނަވަރު ރައްޔިތުންނަށް ރަނގަޅުވާނޭ ފަތްޖެހި އެނދަކާއި ގައިގައި ވަރުހުރި ދެ ފިިރިހެނުން'،" ނާޒިމް ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ، އެއީ ރައީސް ކަމުގެ މަގާމުގައި ހުރި މީހެއްގެ ބަސްމަގު ހުންނަން ޖެހޭނެ ގޮތް ނޫން ކަމަށެވެ.

ނާޒިމް ވިދާޅުވީ، އެ ވެރިކަމުގައި ހިންނަވަރުގެ ބިން ހިއްކުން ފިޔަވައި ތަރައްގީއަށް ހިންގި ހަރުދަނާ އެއްވެސް މަޝްރޫއެއް ނެތް ކަމަށެެވެ. އެހެން ނަމަވެސް މިސަރުކާރުން ހިންނަވަރުގެ ރައްޔިތުން ބޭނުންވާ ކަންކަން ފުރިހަމަ ކޮށްދެމުންދާ ކަމަށް އޭނާ ވިދާޅުވި އެެވެ.

ނާޒިމް ވިދާޅުވީ، ރައީސް އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމްގެ ލީޑާޝިޕާއި މަސައްކަތްތައް ހިންނަވަރުގެ ރައްޔިތުން ކައިރިން ބަލާ ކަމަށާއި އެކަމަށް ހައްގު ތައުރީފާއި މަގާމު ރައީސް ޔާމީނަށް ދޭނެ ކަމަށެވެ. އަދި އެކަން އަންނަ އަހަރުގެ އިންތިހާބުގައި ސާބިތުކޮށްދޭނެ ކަމަށެވެ.

comment ކޮމެންޓް