5 ފޯނާއި 6 ކާޓޫނު ސިނގިރޭޓު ވަގަށް ނެގިކަމުގެ ތުހުމަތުގައި ހިންނަވަރުން މީހަކު ހައްޔަރުކޮށްފި

ޅ. ހިންނަވަރު ފިހާރައަކުން ވައްކަންކުރި މައްސަލައެއްގައި ތުހުމަތުކުރެވޭ މީހަކު ހައްޔަރުކޮށް، އެ ފިހާރައިން ވަގަށް ނެގި ގިނަ އަދަދެއްގެ ތަކެތި ފުލުހުން ހޯދައިފިއެވެ.

ފުލުހުން ބުނީ، ހިންނަވަރު ފިހާރައަކުން ވައްކަންކޮށްފައިވާ މައްސަލައެއް ފުލުހުންނަށް ރިޕޯޓުކޮށްފައިވަނީ ވަނަ ދުވަހުގެ ރޭ ދަންވަރުގެ ވަގުތެއްގައި ކަމަށެވެ.

އަދި މިދިޔަ އާދީއްތަ ދުވަހުގެ ހެނދުނު މި މައްސަލަ ރަސްމީކޮށް ހުށަހެޅުމާއެކު، ވައްކަންކުރި މީހާ ދެނެގަތުމަށާއި ވަގަށް ނެގި ތަކެތި ހޯދުމަށް ފުލުހުންގެ ތަހުގީގު ޓީމުން ވަގުތުން މަސައްކަތް ފެށި ކަމަށް ވެސް ފުލުހުން މައުލޫމާތު ދެއެވެ.

ފުލުހުންގެ ތަހުގީގުގައި އެ ފިހާރައާއި އެ ސަރަހައްދުގެ ބައެއް ގޭގޭގައި ހަރުކޮށްފައިވާ ސީސީޓީވީ ކެމެރާ ފުޓޭޖުތައް ބަލައި ދިރާސާކުރުމަށްފަހު، މި ވައްކަން ކުރި ކަމަށް ތުހުމަތުކުރެވޭ މީހާ ވަނީ ދެނެގަނެފައެވެ.

އަދި ކޯޓު އަމުރެއްގެ ދަށުން އޭނާ ހައްޔަރުކޮށް، އޭނާ ދިރިއުޅޭ ގެ ބަލައިފާސްކުރިއިރު، އެ ފިހާރައިން ވަގަށް ނަގާފައިވާ ކަމަށް ބެލެވޭ ފަސް މޯބައިލް ފޯނާއި، ހަ ކާޓޫނު ސިނގިރޭޓުގެ އިތުރުން އެހެނިހެން ބައެއް ތަކެތި ފެނިފައިވާ ކަމަށް ފުލުހުން ބުންޏެވެ.

މި މައްސަލައާ ގުޅިގެން ހައްޔަރުކޮށްފައިވަނީ ޅ. ހިންނަވަރު، ތަރިފިޔަޖަހާގެ، އުމުރުން 39 އަހަރުގެ ރިފްނާޒު މޫސާއެވެ.

އޭނާގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން، ކޯޓުން ވަނީ އޭނާގެ ބަންދަށް 15 ދުވަހުގެ މުއްދަތެއް ދީފައެވެ.

ފުލުހުން ބުނީ މި މައްސަލަ އިތުރަށް ތަހުގީގު ކުރަމުން އަންނަ ކަމަށެވެ.

comment ކޮމެންޓް