އިސްރާއީލުގައި ހުންނަ ގުއާޓަމާލާގެ އެމްބަސީ ގުދުސަށް ބަދަލު ކުރަނީ

މިދިޔަ އަހަރު ގުދުސްގައި އޮތް ބައްދަލުވުމެއްގައި ގުއާޓަމާލާގެ ރައީސް ޖިމީ މޮރާލޭސް އާއި އިސްރާއީލުގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫ --

ގުއަޓެމާލާ ސިޓީ (ޑިސެމްބަރު 25): އިސްރާއީލުގައި ހުންނަ ގުއާޓަމާލާގެ އެމްބަސީ ގުދުސަށް ބަދަލު ކުރަން އެގައުމުގެ ރައީސް ޖިމީ މޮރާލޭސް އަމުރު ކުރައްވައިފި އެވެ.

ފޭސްބުކް މެދުވެރިކޮށް ރައީސް މޮރާލޭސް ވިދާޅުވި ގޮތުގައި އެމްބަސީ ބަދަލު ކުރަން ނިންމެވީ އިސްރާއީލުގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫއާ ވާހަކަ ދެއްކެވުމަށް ފަހުގަ އެވެ. އަދި ފާއިތުވި 70 އަހަރު ތެރޭގައި އިސްރާއީލަކީ ގުއާޓަމާލާއާ ގާތް ގައުމެއް ކަމަށް ވެސް ރައީސް މޮރާލޭސް ފާހަގަ ކުރެއްވި އެވެ.

ގުދުސަކީ އިސްރާއީލުގެ ވެރިރަށް ކަމަށް އެމެރިކާ އިން ބަލައިގަތުމާ ގުޅިގެން އެކަމާ ދެކޮޅަށް އދ.ގައި ނެގި ވޯޓުގައި އެގަރާރާ ދެކޮޅަށް ވޯޓު ދިން ނުވަ ގައުމުގެ ތެރޭގައި ގުއާޓަމާލާ ހިމެނެ އެވެ.

އެވޯޓުގެ ކުރިން އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވަނީ އެގައުމާ ދެކޮޅަށް ވޯޓު ދޭ ގައުމުތަކަށް އެމެރިކާ އިން ފޯރުކޮށްދޭ އެހީ ހުއްޓާލާނެ ކަމުގެ އިންޒާރު ދެއްވައިފަ އެވެ.

ގުއާޓަމާލާ އަކީ އެމެރިކާގެ އެހީއަށް ވަރަށް ބޮޑަށް ބަރޯސާވެފައިވާ ގައުމެކެވެ.

އިސްރާއީލުން 1967ގައި އިރުމަތީ ގުދުސް ހިފައި، ގުދުސަކީ އެ ގައުމުގެ ވެރިރަށް ކަމަށް ބުނި ނަމަވެސް ބައިނަލްއަގުވާމީ ދުނިޔެ އިން އެކަން ބަލައިގަނެފައެއް ނުވެ އެވެ. އަދި ގުދުސަކީ އިސްރާއީލްގެ ވެރިރަށް ކަމަށް އެމެރިކާ އިން މިމަހު ބަލައިގަތް ނަމަވެސް، އދ.އިން ވަނީ އެނިންމުން އަނބުރާ ގެންދިޔުމަށް ފާސްކޮށްފަ އެވެ. (ބީބީސީ)

comment ކޮމެންޓް