އެމްޓީސީސީގެ ދެ ޓަވަރު އަޅަން ސިންގަޕޫރު ކުންފުންޏަކާ ހަވާލުކޮށްފި

ހިޔާ މަޝްރޫއުގެ ދަށުން އެމްޓީސީސީ އިން ހުޅުމާލޭ ދެވަނަ ފިޔަވަހީގައި އަޅާ ދެ ޓަވަރުގެ މަސައްކަތް ސިންގަޕޫރުގެ ކުންފުންޏަކާ ހަވާލުކުރުން --- ފޮޓޯ: އެމްޓީސީސީ

ހިޔާ މަޝްރޫއުގެ ދަށުން އެމްޓީސީސީ އިން ހުޅުމާލޭ ދެވަނަ ފިޔަވަހީގައި އަޅާ ދެ ޓަވަރުގެ މަސައްކަތް ސިންގަޕޫރުގެ ކުންފުންޏަކާ ހަވާލުކޮށްފި އެވެ.

އެ މަސައްކަތް ހަވާލުކޮށްފައި ވަނީ ސިންގަޕޫރުގެ ރީ އިންޖިނިއަރިން ވޯކްސް ޕްރައިވެޓް ލިމިޓެޑާ އެވެ. އެ މަސައްކަތުގެ އެއްބަސްވުމުގައި މިއަދު ވަނީ ސޮއިކޮށްފައެވެ.

މިއަދު ސޮއިކުރި އެއްބަސްވުމާ ގުޅޭ ގޮތުން އެމްޓީސީސީގެ ސީއީއޯ އިބްރާހިމް ޒިޔަތު މިއަދު ސަން އަށް ވިދާޅުވީ މަސައްކަތް ހަވާލުކުރި ކުންފުންޏަކީ މިހާރު ވެސް ހުޅުމާލޭގައި މޮބިލައިޒް ވެފައިވާ ކުންފުންޏެއް ކަމަށެވެ. ލަސްވެގެން ދެ އަހަރުތެރޭ މަސައްކަތް ނިންމާލާނެ ކަމުގެ ޔަގީންކަން ކޮންޓްރެކްޓަރު ދީފައިވާ ކަމަށް ޒިޔަތު ވިދާޅުވި އެވެ.

"އެކުންފުނިން ފައިނޭންސް، ޑިޒައިން އަދި ޑިވެލޮޕް ކުރާ ގޮތަށް މި ހަވާލުކުރީ. އޯލްރެޑީ މޮބިލައިޒްޑް ކުންފުންޏެއް ވީމާ ދޮޅު އަހަރު ތެރޭ ވެސް ނިންމާލެވޭނެ ކަމަށް ކޮންޓްރެކްޓަރު މައުލޫމާތު ދޭ،" ޒިޔަތު ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ އެކުންފުނިން އަޅާ ދެ ޓަވަރުގައި ޖުމްލަ 362 އެޕާޓްމެންޓް ހިމެނޭ ކަމަށެވެ. އެއީ އެއްކޮޓަރީގެ 150 އެޕާޓްމެންޓާއި ދެ ކޮޓަރީގެ 210 އެޕާޓްމެންޓެވެ. މި ދެޓަވަރަކީ 15 ބުރީގެ ދެޓަވަރެވެ. ނަމަވެސް އެޕާޓްމެންޓްތަކުގެ ސީދާ އަދަދު ޔަގީން ވާނީ ޑިޒައިންގެ މަސައްކަތް ނިމުމުން ކަމަށް ވެސް ޒިޔަތު ވިދާޅުވި އެވެ.

"މީގެ ތެރެއިން ސަރުކާރާ ހަވާލުކުރަން ޖެހޭ ހަތަރު ފްލޯ އަށް މަސްތެރޭ ސަރުކާރާ ހަވާލު ކުރާނަން،" އެމްޓީސީސީގެ ސީއީއޯ ވިދާޅުވި އެވެ.

ޒިޔަތު އިތުރަށް ވިދާޅުވީ މި ދެ ޓަވަރުގައި ހިމެނޭ އެޕާޓްމެންޓުތައް އެކުންފުނީގެ މުވައްޒަފުންނަށް ދޫކުރާނީ ކުޑައަގެއްގައި ކަމަށެވެ.

"ދެ އަހަރުގެ ގްރޭސް ޕީރިއަޑަކާ އެކު ޖުމްލަ ފަސް އަހަރުން ކޮންޓްރެކްޓަރަށް ފައިސާ ދައްކަން ޖެހެނީ،" މި ދެ ޓަވަރު އެޅުމަށް ސިންގަޕޫރު ކުންފުންޏާ ހަވާލު ކުރި އަގު ޒިޔަތު ހާމައެއް ނުކުރައްވަ އެވެ.

ސަރުކާރުން ވަނީ "ހިޔާ"ގެ ނަމުގައި ބޯހިޔާވަހިކަން ފޯރުކޮށްދިނުމުގެ ބިޔަ މަޝްރޫއެއް އިފްތިތާހުކޮށްފަ އެވެ. އެ މަޝްރޫއުގެ ދަށުން 36 ޓަވަރުގައި 10،080 ޔުނިޓް އިމާރާތް ކުރަން ވަނީ ނިންމައިފަ އެވެ. އެ މަޝްރޫއު ކުރިއަށް ގެންދަނީ ސަރުކާރާއި ސަރުކާރު ކުންފުނިތައް އަދި އަމިއްލަ ބައެއް ކުންފުނިތައް ވެސް ބައިވެރިކޮށްގެންނެވެ. މިހާތަނަށް 10 މުވައްސަސާއަކުން ވަނީ ފްލެޓް އިމާރާތްކުރާނެކަން ހާމަކޮށްފަ އެވެ.

ފްލެޓް އިމާރާތްކުރުމަށް ނިންމާފައިވާ މުވައްސަސާތައް

  • އެމްޓީސީސީ
  • އެމްއެންޔޫ
  • އައިޔޫއެމް
  • ސްޓެލްކޯ
  • ކަސްޓަމްސް
  • އައިލެންޑް އޭވިއޭޝަން
  • އެމްޓީސީސީ
  • ވެމްކޯ
  • އެމްއާރްޑީސީ
  • އެމްޕީއެލް
  • އެމްޑަބްލިއުއެސްސީ
comment ކޮމެންޓް