ހިތާނީ ފެސްޓިވަލްގައި ހިތާނުކުރި ކޮންމެ ކުއްޖަކަށް ރައީސް ޔާމީންގެ ފަރާތުން ޓެބްލެޓެއް

ސަދާގާތު ފައުންޑޭޝަނުން ކުރިއަށްގެންދާ ހިތާނީ ފެސްޓިވަލަށް ރައީސް ޔާމީން ކުރެއްވި ޒިޔާރަތުގެ ތެރެއިން--ސަން ފޮޓޯ/ މުހައްމަދު އަފްރާހް

ސަދަގާތު ފައުންޑޭޝަނުން މިހާރު ކުރިއަށްގެންދާ ހިތަނީ ފެސްޓިވަލްގައި ހިތާނުކުރި ކޮންމެ ކުއްޖަކަށް ރައީސުލްޖުމުހުރިއްޔާ އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމް ޚާއްސަ ހަދިޔާއެއްގެ ގޮތުން ޓެބްލެޓެއް ދެއްވައިފިއެވެ.

ފަސްޓް ލޭޑީ މެޑަމް ފާތިމަތު އިބްރާހިމް ދަރުމައަށް ހިންގަވަމުން ގެންދަވާ ސަދަގާތު ފައުންޑޭޝަންގެ ހިތާނީ ފެސްޓިވަލަށް މިއަދު މެންދުރު ރައީސް ޔާމީން ޒިޔާރަތް ކުރައްވައި އެމަނިކުފާނު ވަނީ ހިތާނީ ފެސްޓިވަލުގައި ބައިވެރިވި ކުދިންނާއި އެކު ވަގުތުކޮޅެއް ހޭދަކުރައްވާފައެވެ.

ރައީސްގެ އެ ޒިޔާރަތުގައި ހިތާނީ ފެސްޓިވަލްގައި ބައިވެރިވި ކުދިންގެ އާއިލާތަކާ ބައްދަލުކޮށް ވަގުތުކޮޅެއް ހޭދަކުރެއްވިއެވެ. އެމަނިކުފާނުވަނީ މިއަދު ކުރިއަށް ގެންދިޔަ ކޭކް ފެޅުމުގެ ހަރަކާތެއްގައިވެސް ބައިވެރިވެވަޑައިގެންފައެވެ.

މި މަހުގެ 13 ވަނަ ދުވަހު ފެށި ހިތާނީ ފެސްޓިވަލުގައި 500 ކުދިން ހިތާނުކުރާނެއެވެ. މި މަހުގެ 30 ވަނަ ދުވަހާ ހަމައަށް އެ ހަރަކާތް ކުރިއަށް ގެންދާނެއެވެ. ރެހެންދީ ސްކޫލުގައި އެއްފަހަރާ 73 ކުދިން ހިތާނުކޮށްފައި ބޭއްވޭނެ އިންތިޒާމް ވަނީ ހަމަޖައްސާފައެވެ. އަދި ގޭޓްވޭ ސްކޫލުގައި 32 ކުދިންނަނަށް އެއްފަހަރާ ތިބެވޭ ޖާގަ ވަނީ ހަމަޖައްސާފައެވެ. މިހާތަނަށް 200 އަށް ވުރެ ގިނަ ކުދިންވަނީ އެ ފެސްޓިވަލުގެ ތެރެއިން ހިތާނުކޮށްފައެވެ.

މީގެކުރިން ޕީޕީއެމްގެ މަޖިލިސް މެމްބަރުންނާއި އެކިއެކި ވުޒާރާތަކުގެ މުވައްޒަފުންނައި އަދި ބައެއް ވިޔަފާރިވެރިންވެސް ވަނީ ހިތާނީ ފެސްޓިވަލުގައި ބައިވެރިވި ކުދިންނަށް ހަދިޔާ ބައްސަވާފައެވެ.

މިދިޔަ އަހަރުވެސް ރައީސް ޔާމީން ވަނީ އެމަނިކުފާނުގެ އަނބިކަނބަލުން ބާއްވާ ހިތާނީ ފެސްޓިވަލަށް ޒިޔާރަތް ކުރައްވާފައެވެ.

comment ކޮމެންޓް