އަނަސް މަރާލިއިރު އަފްރާހު ހުރީ ހުޅުމާލޭގައި: ވަކީލު

އަނަސް މަރާލި ކަމުގެ ދައުވާ ލިބޭ މ. ލޮނުމިދިލިގޭ އަފްރާހް އަބްދުއްރައްޒާގު ފިލައިގެން އުޅެނިކޮށް ހައްޔަރުކޮށްގެން ގެންދަނީ --- ސަން ފޮޓޯ

މިދިޔަ ޖުލައި މަހުގެ 31 ވަނަ ދުވަހުގެ ރޭ ލިޓަސް ސާވިސް ސެންޓަރުގެ ތެރޭގައި ރ. މީދޫ ފެންފިޔާޒުގޭ މުހައްމަދު އަނަސް މަރާލިއިރު، އެ މައްސަލާގައި ތުހުމަތު ކުރެވޭ މ. ލޮނުމިދިލިގޭ އަފްރާހު އަބްދުއްރައްޒާގު ހުރީ ހުޅުމާލޭގައި ކަމަށް އޭނާގެ ގާނޫނީ ވަކީލު ވިދާޅުވެއްޖެއެވެ.

ތޫނު އެއްޗެއް ބޭނުންކޮށްގެން ގަސްތުގައި މީހަކު މަރާލުމުގެ ދައުވާ އަފްރާހުގެ މައްޗަށް އުފުލާފައި ވަނީ އިތުރު ތިން މީހަކާއެކު ޖުލައި 31 ވަނަ ދުވަހުގެ ރޭ 9:15 އެހައިކަންހާއިރު ވަޅިތަކެއް ހިފައިގެން ލިޓަސް ސާވިސް ސެންޓަރުގެ ތެރެއަށްވަދެ ވަޅިން ހަމަލާދީ އަނަސް މަރާލާފައިވާ ކަމަށް ތުހުމަތުކުރެވޭތީއެވެ.

ދައުލަތުން މިއަދު ދައުވާ އިއްވުމުން އަފްރާހު ބުނީ ދައުވާ ސާފުނުވާ ކަމަށާއި އެކަމުގެ ތަފްސީލުތައް ވަކީލު ކިޔައިދެއްވާނެ ކަމަށެވެ.

އަފްރާހުގެ ވަކީލު ވިދާޅުވީ އަނަސް މަރާލިއިރު އަފްރާހު ހުރީ ހުޅުމާލޭގައި ކަމަށާއި ތަހުގީގު މަރުހަލާގައި ވެސް އެކަން ފާހަގަކުރި ކަމަށެވެ. ނަމަވެސް އެކަން ސާބިތުކުރަން ހުށަހެޅި ހެކީންގެ ބަޔާންތައް ތަހުގީގު މަރުހަލާގައި ނަގާފައިނުވާ ކަމަށް ވަކީލު ވިދާޅުވިއެވެ.

ވަކީލު ވަނީ ތަހުގީގުގައި އަފްރާހާ ސުވާލުކުރިއިރު ނަގާފައިވާ ވީޑިއޯ އާއި އޯޑިއޯ ރެކޯޑިން ޝަރީއަތަށް ހުށަހެޅުމަށް އެދިފައެވެ. އެކަމާ ގުޅިގެން ދައުލަތުން އެއްވެސް އެއްޗެއް ބުނެފައެއްނުވެއެވެ.

ގާޒީ ވިދާޅުވީ އަނަސް މަރާލިއިރު މާލޭގައި ނެތް ކަމަށް އަފްރާހު ބުނާބުނުން ސާބިތުކޮށްދިނުމުގެ ފުރުސަތު ޝަރީއަތުގައި ވަނީ ހުޅުވާލެވިފައި ކަމަށެވެ.

އެ މައްސަލައާ ގުޅިގެން ފުލުހުން އަފްރާހު ހައްޔަރުކުރީ ފިލައިގެން އުޅެނިކޮށެވެ. އަދި އޭނާ ހޯދުމަށް ފުލުހުން އާންމުކޮށް އިއުލާން ވެސް ކުރިއެވެ.

އަނަސް މަރާލުމުގައި ބައިވެރިވި ކަމަށް ތުހުމަތު ކުރެވޭ ލ. ގަން، ތުނޑި، ނަންނާރިގޭ ޖުނައިހު އަބްދުﷲ ވެސް ބުނީ ހާދިސާ ހިނގިއިރު އޭނާ ވެސް މާލޭގައި ނެތް ކަމަށާއި ތަހުގީގު ބަޔާނުގައި އެކަން ފާހަގަކޮށްފައިވާނެ ކަމަށެވެ.

މަރާލުމުގައި ބައިވެރިވި ކަމުގެ ދައުވާ ލިބޭ މާލޭ ދަފްތަރު 1746 ސިމާހު މޫސާ އާއި އޭނާ މަރާލި ކަމުގެ ދައުވާ ލިބޭ މ. ދިމިޝްގު އުސްމާން ޝަރީފް ވެސް ވަނީ ދައުވާއަށް އިންކާރުކޮށްފައެވެ. އެ ދެ މީހުންގެ ތެރެއިން ސިމާހު ބުނީ ދައުވާއަށް އިންކާރުކުރާ ސަބަބުތައް ތަހުގީގު ބަޔާނުގައި ފާހަގަކޮށްފައިވާނެ ކަމަށެވެ.

އަނަސް މަރާލި ކަމުގެ ދައުވާ ލިބޭ ޅ. ކުރެންދޫ، އަސްރުމާގެ އަހުމަދު ޒަޔާން ބުނީ އޭނާގެ ވަކީލު ވަނީ ސަސްޕެންޝަންގައި ކަމަށާއި ދައުވާއަށް ޖަވާބުދާރީވާން ބޭނުންވަނީ ވަކީލެއްގެ އެހީތެރިކަމާއެކު ކަމަށެވެ.

ޒަޔާން އެގޮތަށް އެދުމުން ގާޒީ ވަނީ ވަކީލަކު ހަމަޖައްސަން ހަތް ދުވަހުގެ މުއްދަތެއް އޭނާއަށްދީފައެވެ.

އަނަސް މަރާލި ކަމުގެ ދައުވާ ލިބޭ ސ. ފޭދޫ ވެސްޓަންވިލާ، ހަސަން މަހުފޫޒުގެ ވަކީލު ޗުއްޓީގައި ހުންނެވުމުން އޭނާގެ މައްސަލަ މިއަދު ކުރިއަށްގެންގޮސްފައެއްނުވެއެވެ.

ދައުވާ ލިބޭ މީހުންގެ ތެރެއިން ތ. ކިނބިދޫ، ގުލްފާމްގެ، މުހައްމަދު ޝާޒް ވަނީ މީގެކުރިން ބޭއްވި އަޑުއެހުމުގައި ދައުވާއަށް ޖަވާބުދާރީވެފައެވެ. އަދި މިއަދުވެސް އޭނާގެ ވަކީލު ވަނީ ބައެއްކަންކަން ފާހަގަކޮށްފައެވެ. ޝާޒަކީ އަނަސް މަރާލުމުގައި ބައިވެރިވި ކަމަށް ތުހުމަތު ކުރެވޭ މީހެކެވެ.

މިއަދުގެ އަޑުއެހުމުގައި ދައުލަތުން ވަނީ އެ މީހުންނާ ދެކޮޅަށް ހުރި ހެކިތަކަކީ ކޮބައިކަން ކިޔައިދީފައެވެ. ހެކީގެ ތެރޭގައި ސިއްރު ނުވަ ހެއްކަކު ހިމެނޭ ކަމަށް ދައުލަތުގެ ވަކީލާ ވިދާޅުވިއެވެ.

ދައުވާ ސާބިތުކުރުމަށް ހުށަހެޅި ހެކިތަކުގެ ތެރޭގައި އިންޓެލިޖެންސް ރިޕޯޓެއް ހިމެނޭތީ ދިފާއީ ވަކީލުން ވަނީ އެއީ ހެކީގެ ގޮތުގައި ހުށަހެޅޭނެ އެއްޗެއް ނޫން ކަމަށް ވިދާޅުވިއެވެ.

ވަކީލުން ވިދާޅުވީ އިންޓެލިޖެންސް ރިޕޯޓަކީ ކަމެއް ހިނގުމުގެކުރިން އެކަމާ ގުޅޭ މައުލޫމާތު ދުރާލައި ހޯދުމަށް ބޭނުންކުރާ އެއްޗެއް ކަމަށެވެ. އެ ރިޕޯޓަކީ ތަހުގީގުގެ ބޭނުމަށް ބޭނުންކުރާ އެއްޗެއް ކަމަށާއި ޝަރީއަތަށް މައްސަލައެއް ސާބިތުކުރުމުގައި އެއްވެސްގޮތަކަށް އިންޓެލިޖެންސް ރިޕޯޓު ބޭނުމެއް ނުކުރެވޭނެ ކަމަށް ވަކީލުން ވިދާޅުވިއެވެ.

އެކަމާ ގުޅޭގޮތުން ދައުލަތުގެ ވަކީލާ ވިދާޅުވީ އިންޓެލިޖެންސް ރިޕޯޓު ހުށަހެޅީ ފުރިހަމަ ހެއްކެއްގެ ގޮތުގައި ނޫން ކަމަށާއި އެ ރިޕޯޓު ހުށަހެޅީ އެ މައްސަލާގައި ހިމެނޭ ހެކިތަކާ ގުޅުވާލެވޭ ގަރީނާއެއްގެ ގޮތުގައި ކަމަށެވެ. އިންޓެލިޖެންސް ރިޕޯޓު ހުށަހެޅީ ސިއްރު ހެކީގެ ގޮތުގައެވެ.

ދައުވާ ލިބޭ އަފްރާހުގެ ވަކީލު ވިދާޅުވީ އިންޓެލިޖެންސް ރިޕޯޓަކީ ޝަރީއަތަށް ބަލައިގަނެވޭނެ އެއްޗެއް ކަމަށް ގަބޫލުނުކުރައްވާ ކަމަށާއި އެ ރިޕޯޓު ހުށަހަޅާނަމަ ރިޕޯޓު ތައްޔާރުކުރި މީހާ ވެސް ހާޒިރުކޮށް ސުވާލު ކުރެވެންވާނެ ކަމަށެވެ.

އަފްރާހުގެ މައްޗަށް ދައުވާކުރިއިރު ކޯޓަށް ހުށަހަޅާފައި ވަނީ އޭނާ ތަހުގީގަށް ދިން ބަޔާނާއި ވީޑިއޯ ފްޓޭޖްގެ އެނަލިސިސް ރިޕޯޓު ކަމަށް އޭނާގެ ވަކީލު ވިދާޅުވިއެވެ.

ވަކީލު ވިދާޅުވީ އެނަލިސިސް ރިޕޯޓު ހުށަހެޅިއިރު ވީޑިއޯ ފުޓޭޖު ވެސް ހުށަހަޅާފައިނުވާ ކަމަށެވެ. ޖިނާއީ އިޖުރާއަތުގެ ގާނޫނުގައި ބުނެފައި ވަނީ ދައުވާ ކުރާއިރު މައްސަލައާ ގުޅޭ އެންމެހައި ހެކިތައް ކޯޓަށް ހުށަހަޅަންވާނެ ކަމުގައި ކަމަށާއި އެހެންކަމުން ވީޑިއޯ ފްޓޭޖާއި އެހެނިހެން ހެކިތައް ދެން ހުށަނޭޅޭނެ ކަމަށް ވަކީލު ވިދާޅުވިއެވެ.

"އެހެންނަމަވެސް ރެފަރެންސެއްގެ ގޮތުގައި އެ ހެކިތައް ހުށަހެޅިދާނެ. ހެއްކެއްގެ ގޮތުގައި ހުށައެއް ނޭޅޭނެ،" ވަކީލު ވިދާޅުވިއެވެ.

ދައުވާ ލިބޭ އެހެން މީހުންގެ ވަކީލުން ވެސް ވަނީ އެ މައްސަލައިގެ ހުރިހާ ލިޔުންތައް ލިބިފައިނުވާ ކަމަށް ވިދާޅުވެފައެވެ.

ދައުލަތުން މިއަދު ވަނީ އަންނަ ބުރާސްފަތި ދުވަހުގެ ކުރިން ދައުވާ ލިބޭ އެންމެނަށް ނުލިބިވާ ލިޔުންތައް ދޭނެކަމުގެ ޔަގީންކަން ދީފައެވެ.

ގާޒީ މިއަދުގެ އަޑުއެހުން ނިންމާލީ އަންނަ ޖެނުއަރީ މަހުގެ ފުރަތަމަ އަފްތާގެ ތެރޭގައި އެ މައްސަލައިގެ އަޑުއެހުމެއް ބާއްވާނެ ކަމަށް އިއުލާން ކުރެއްވުމަށްފަހުއެވެ.

comment ކޮމެންޓް