މޮޅަދޫ އިންޖީނުގޭ ތިޖޫރި ވަގަށްނެގި މައްސަލައިގައި ދެ މީހަކު ހައްޔަރުކޮށްފި

ހއ. މޮޅަދޫ: އެރަށުގެ އިންޖީނުގޭގެ ތިޖޫރި ވަގަށް ނެގި މައްސަލައިގައި ދެ މީހަކު މިޙާރު ވަނީ ހައްޔަރުކޮށްފައި ---

ހއ. މޮޅަދޫ އިންޖީނުގޭގެ ތިޖޫރީ ވަގަށް ނެގި މައްސަލައިގައި ދެ މީހަކު ހައްޔަރުކޮށްފިއެވެ.

ފުލުހުން ބުނީ އެ މައްސަލައިގައި ހައްޔަރުކޮށްފައި ވަނީ 20 އަހަރާއި 26 އަހަރުގެ ދެ ޒުވާނުން ކަމަށެވެ. އަދި ކޯޓުއަމުރެއްގެ ދަށުން ހައްޔަރުކުރި އެކެއްގެ ގޭގެ ދެ ތަނެއް ބަލައިފާސްކުރިއިރު ގިނަ އަދަދެއްގެ ފައިސާ ފެނިފައިވާ ކަމަށް ވެސް ފުލުހުން ބުންޏެވެ.

ތިޖޫރީ ވަގަށް ނެގި މައްސަަލައިގައި ފުލުހުންގެ ޓީމެއް މިއަދު އެރަށަށް ގޮސް ތިޖޫރީ ހޯދިއިރު، އޭގައި އެއްވެސް ފައިސާއެއް ނެތްކަމަށް މޮޅަދޫ ކައުންސިލްގެ ރައީސް މުހައްމަދު ނިޝާމް ވިދާޅުވިއެވެ.

ނިޝާމް ވިދާޅުވީ އިންޖީނުގޭގެ ތިޖޫރީ ވަގަށް ނަގާފައި ވަނީ ރޭ 12:00 އާއި ހެނދުނު 6:00 އާ ދެމެދުގެ ވަގުތެއްގައި ކަމަށެވެ. ތިޖޫރީ ވަގަށް ނެގި އިރު 38،740 ރުފިޔާ ހުންނާނެ ކަމަށް އިންޖީނުގެ އާ ހަވާލާދީ ނިޝާމް ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ މޮޅަދޫ އިންޖީނުގޭގައި ސެކިއުރިޓީ ގާޑުން ނުތިބޭ ކަމަށާއި ނަމަވެސް 24 ގަޑިއިރު އިންޖީނުގޭގައި ޑިއުޓީ ކުރާ ކަމަށެވެ.

"ލަފާ ކުރެވެނީ ކޮންޓްރޯލް ރޫމްގައި މުވައްޒަފަކު ނެތް ގަޑިއެއް ބަލާފައި ތިޖޫރީ ގެންދިޔައީ ކަމަށް." ނިޝާމް ވިދާޅުވި އެވެ.

comment ކޮމެންޓް