ރިޒާވް ދަށްވީ ދަރުމަވަންތަ ހޮސްޕިޓަލަށް ފައިސާ ދެއްކުމުން: އެމްއެމްއޭ

އެމްއެމްއޭ އިމާރާތް --- ސަން ފޮޓޯ

ރާއްޖޭގެ ރަސްމީ ރިޒާވް ދަށްވީ މިހާރު އިމާރާތްކުރަމުންދާ ދަރުމަވަންތަ ހޮސްޕިޓަލަށް ފައިސާ ދެއްކުމުން ކަމަށް މަރުކަޒީ ބޭންކް، އެމްއެމްއޭ އިން ބުނެފިއެވެ.

އެ ބޭންކުން އާންމުކޮށްފައިވާ ކުއާޓާލީ އިކޮނޮމިކް ބުލެޓިންގައި ބުނެފައިވާގޮތުން ތިންވަނަ ކުއާޓަރު ނިމުނުއިރު ރާއްޖޭގެ ރަސްމީ ރިޒާވުގައި ހުރީ 529.4 މިލިއަން ޑޮލަރެވެ. މި އަދަދަކީ އޭގެ ކުރީ އަހަރުގެ މި މުއްދަތާ އަޅާ ބަލާއިރު ހަތަރު ޕަސެންޓް ދަށް އަދަދެކެވެ.

މީގެ އިތުރުން ރާއްޖޭގެ ޔޫޒަބަލް ރިޒާވްގައި ހުރީ 191.9 މިލިއަން ޑޮލަރު ކަމަށާއި، ރިޒާވް ދަށްވި އަނެއް ސަބަބަކީ ދައުލަތުގެ ދަރަނިތައް އަދާކުރުން ކަމަށްވެސް އެ ބުލެޓިންގައި ވެއެވެ. މީގެއިތުރުން ބޭރު ފައިސާގެ މާކެޓް ހަމައަކަށް އެޅުވުމަށްޓަކައި ބޭންކްތަކަށް ޑޮލަރު ދޫކުރުމުގެ ސަބަބުންވެސް ރިޒާވަށް އަސަރުކޮށްފައިވާ ކަމަށް އެމްއެމްއޭ އިން ބުންޏެވެ.

މި އަހަރުގެ ސެޕްޓެމްބަރު މަހުގެ ނިޔަލަށް ސަރުކާރުން ވިއްކާފައިވާ ބޮންޑާއި ނަގާފައިވާ ލޯނުތަކާ އެކު އެތެރޭގެ ދަރަނީގެ ޖުމްލަ އަކީ 25.5 ބިލިއަން ރުފިޔާއެވެ. މިއަހަރުގެ ދެވަނަ ކުއާޓަރުގައި މި އަދަދު ހުރީ 27 ބިލިއަން ރުފިޔާގައެވެ. ދަރަނި އަދާކުރުމަށް 1.5 ބިލިއަން ރުފިޔާ ހޭދަކޮށްފައިވާކަމަށް އެމްއެމްއޭ އިން ބުންޏެވެ.

comment ކޮމެންޓް