ޒަކާތު ފަންޑުން އިންވެސްޓުކޮށް، އެ ފައިސާ މަރުކަޒީ ބޭންކު، އެމްއެމްއޭއިން ބަލަހައްޓާ ގޮތަށް މިއަދު ހަދައިފިއެވެ.
އެ ގޮތަށް ހެދުމަށްޓަކައި، ރައީސް ޑރ. މުޙައްމަދު މުއިއްޒު ވަނީ، ޒަކާތާ ބެހޭ ބިލު ތަސްދީގުކުރައްވާފައެވެ.
ވިލުފުށި ދާއިރާގެ ޕީއެންސީ މެންބަރު ހަސަން ވަހީދު ހުށަހެޅުއްވި، އެބިލު މިދިޔަ ބުދަ ދުވަހު ވަނީ މަޖިލީހުން ފާސްކޮށްފައެވެ. އެއީ، ވޯޓުގައި ބައިވެރިވެވަޑައިގެން 63 މެންބަރުންގެ އިއްތިފާގުންނެވެ.
އެ ބިލުގެ މަގުސަދުގެ ގޮތުގައި ބަޔާންކޮށްފައިވަނީ، އިސްލާމީ ޝަރީއަތުގައި ޒަކާތް ޝަރުއުކޮށްފައިވާ މަގުސަދުތައް ހާސިލްކުރެވޭނެ ގޮތެއްގެ މަތިން ރާއްޖޭގައި ޒަކާތް ދެއްކުމާއި ބަލައިގަތުމާއި، ޒަކާތުގެ ގޮތުގައި ލިބޭ މުދަލާއި ފައިސާ ބެހުމުގެ ކަންކަން ހަރުދަނާ އޮނިގަނޑެއްގެ ދަށުން ހިންގުމެވެ.
މި ބިލުގައި ޒަކާތުގެ ގޮތުގައި ބަލައިގަންނާނެ ބާވަތްތަކާއި، ބަލައިގަންނާނެ ގޮތް ބަޔާންކޮށްފައިވެއެވެ. އެގޮތުން ފިތުރު ޒަކާތާއި މުދަލުގެ ޒަކާތް ބަލައިގަންނާނެ ގޮތްތަކާއި ޒަކާތު ފައިސާ ލިބޭނެ މީހުންގެ ތަފުސީލު ވެސް ހިމަނައިފައިވެއެވެ.

ރައީސް މުއިއްޒު ޒަކާތާ ބެހޭ ބިލު ތަސްދީގު ކުރައްވަނީ ---- ފޮޓޯ/ ރައީސް އޮފީސް
އޭގެއިތުރުން، ދެ މަހުގެ ތެރޭ ޒަކާތު ކައުންސިލްގެ ނަމުގައި ކައުންސިލެއް އުފައްދަން ޖެހޭނެ ކަމަށް ބިލުގައި ވެއެވެ. ބިލުގައިވާ ގޮތުން އެ ކައުންސިލްގައި ތިއްބަވާނީ އިސްލާމިކް މިނިސްޓަރާއި، ޑިރެކްޓަރު ޖެނެރަލަކާއި، އެމްއެމްއޭއިން ކަނޑައަޅާ މުވައްޒަފަކާއި، ޤުރުއާނާ ބެހޭ މަރުކަޒުގެ މުވައްޒަފަކާއި، ފިނޭންސް މިނިސްޓްރީގެ މުވައްޒަފަކާއި، ފަތުވާދޭ މަޖިލީހުގެ މުވައްޒަފަކާއި، މިނިސްޓްރީގެ މުވައްޒަފެއްގެ އިތުރުން، ޒަކާތުގެ ކަންކަން ދަންނަ ދެ މާހިރުންނެވެ.
ހަމަ އެއާއެކު، ބިލު ގާނޫނަކަށްވާ ހިސާބުން "މޯލްޑިވްސް ޒަކާތު ހައުސް"ގެ ނަމުގައި ޒަކާތުގެ ގޮތުގައި ލިބޭ މުދަލާއި ފައިސާ ނެގުމުގެ އިދާރީ އެންމެހާ ކަންކަން ރާވައި، ޒަކާތް ލިބޭ މީހުންގެ ދަފްތަރު ބެލެހެއްޓުމާއި ޒަކާތް ލުއިފަސޭހަކޮށް ދެއްކޭނެ އިންތިޒާމު ހަމަޖެއްސުން ފަދަ މަސްއޫލިއްޔަތުތައް އަދާކުރުމަށް ސަރުކާރުގެ އިދާރާއެއް އުފެދިގެން ދާނެ ކަމަށް ވެސް ބިލުގައި ވެއެވެ. އެ ތަން ހިންގާނީ މިނިސްޓަރުގެ ލަފާގެ މަތިން ޑިރެކްޓަރު ޖެނެރަލަކު ކަމަށް ބިލުގައިވެއެވެ.
މި ގާނޫނަށް އަމަލު ކުރަން ފަށާނީ އަންނަ ޖަނަވަރީ އެކަކުން ފެށިގެންނެވެ.