ޒާކިރުނައިކު ހައްޔަރުކުރުމަށް އިންޓަޕޯލުން ނެރުނު ރެޑް ނޯޓިސް ކެންސަލްކޮށްފި

ޑރ. ޒާކިރު ނައިކް. ޒާކިރުނައިކު ހައްޔަރުކުރުމަށް އިންޓަޕޯލްއިން ނެރުނު ރެޑް ނޯޓިސް މިހާރު ވަނީ ކެންސަލްކޮށްފައި--

ޓެރަރިޒަމަށް ހިތްވަރުދޭ ކަމަށް ބުނެ އިންޑިއާއިން ހައްޔަރުރުމަށް ބޭނުންވެގެން އުޅޭ މަޝްހޫރު ދާއީ، ޑރ. ޒާކިރު ނައިކްގެ މައްޗަށް އިންޓަޕޯލުން ނެރެފައިވާ ރެޑް ނޯޓިސް އެ ޖަމިއްޔާ އިން ކެންސަލްކޮށްފިއެވެ.

އިންޓަޕޯލުން ބުނީ އެ ޖަމިއްޔާއިން ޒާކިރު ނައިކާ ދެކޮޅަށް ނެރެފައިވާ ރެޑް ނޯޓިސް ކެންސަލްކުރީ އޭނާއާ މެދު ކުރެވިފައިވާ ތުހުމަތުތަކުގައި އެކަށީގެންވާ ހެކި ނެތުމުގެ ސަބަބުންނެވެ. އަދި ބުނީ އިންޑިއާއިން ޒާކިރު ނައިކު ހައްޔަރުކުރުމަށް އިންޓަޕޯލުގެ އެހީހޯދީ މާ އަވަހަށް ކަމަށާއި، އޭނާއާ ދެކޮޅަށް ކުރިއަށްދާ މައްސަލައިގެ ތަހުގީގުވެސް ނިމިފައިނުވާ ކަމަށެވެ.

ޒާކިރު ނައިކާ ދެކޮޅަށް ރަސްމީކޮށް މިހާތަނަށް ދައުވާ އުފަލައިފައެއް ނުވެއެވެ. އިންޓަޕޯލުން ބުނީ މީހަކާ ދެކޮޅަށް ރެޑް ނޯޓިސް ނެރެން ބޭނުންނަމަ، އެ ޝަރުތު ހަމަވާންޖެހޭނެ ކަމަށެވެ.

އިންޓަޕޯލުން މިހާރުވަނީ ޑރ. ޒާކިރު ނައިކުގެ ނަން އެޖަމިއްޔާގެ ޑޭޓާ ބޭސްތަކުން ނެގުމަށް އެކި ގައުމުތަކުގައި ހުންނަ އެ ޖަމިއްޔާގެ ގޮފިތަަކަށް އަންގައިފައެވެ.

ޒާކިރު ނައިކް ވަނީ އިންޓަޕޯލްގެ ނިންމުމަށް މަރުހަބާ ކިޔައިފައެވެ. އިންޑިއާގެ އެކި އޭޖެންސީތަކުން އޭނާއާ މެދު ކުރަމުންދާ ތުހުމަތުތައް އަނބުރާގެންގޮސްފިނަމަ އަދި މާއުފާވާނެ ކަމަށް އޭނާ ވިދާޅުވިއެވެ.

ޑރ. ނައިކުގެ މައްޗަށް ކުރެވިފައިވާ ތުހުމަތު ތަކުގެ ތެރޭގައި ޓެރެރިޒަމަށް ހިތްވަރުދޭ ވާހަކަތައް ދެއްކުމާއި، މަނީ ލޯންޑަރިންގެ މައްސަލަތައް ހިމެނެއެވެ.

ޑރ. ނައިކްގެ މަައްސަލަ އެންމެ ފުރަތަމަ ސަމާލުކަމަށް އައީ މިދިޔައަހަރު ބަންގްލަދޭޝްގައި ހިނގި ޓެރެރިސްޓް ހަމަލާއަކަށް ފަހުއެވެ. ބަންގްލަދޭޝުން ބުނެފައިވާގޮތުގައި އެ ހަމަލާގައި ބައިވެރިވިމީހުން އެއަމަލު ހިންގައިފައިވަނީ ޑރ. ނައިކް ދެއްވާ ދަރުސުތަކުން ހިތްވަރު ލިބިގެންނެވެ. އެއަށްފަހު އިންޑިއާއިންވެސް ވަނީ އެމައްސަލައިގެ ތެރެއަށް ވަދެ ވަގުތުން ހާއްސަ ތަހުގީގެއް ފައްޓައިފައެވެ. އޭގެ ފަހުން ޒާކިރު ނައިކް އުޅުއްވަމުން ގެންދަވަނީ އަމިއްލައަށް އަރުވާލެވިގެން މެލޭޝިއާގައެވެ.

ޑރ. ޒާކިރު ނައިކް ވަނީ އޭނާއާ މެދު ކުރެވިފައިވާ ހުރިހާ ތުހުމަތުތައް ދޮގުކުރައްވައިފައެވެ. އަދި މިއީ މުސްލިމަކަށް ވީތީ ޒާތީ ގޮތުން ވަކިއަތަކަށް ޖެހިފައިވާ މައްސަލައެއްކަމަށް ޑރ. ނައިކްވަނީ ވިދާޅުވެފައެވެ.

comment ކޮމެންޓް