ރައީސް، ބޫޓާނުގެ ގައުމީ ދުވަހުގެ ތަހުނިޔާ އެ ގައުމުގެ ވެރިންނަށް ފޮނުއްވައިފި

ބޫޓާންގެ ގައުމީ ދުވަހުގެ މުނާސަބަތުގައި އެ ގައުމުގެ ރަސްގެފާނު ޖިގްމޭ ކޭސަރު ނަމްޔެލް ވަންޗުކްއާއި ބޫޓާންގެ ބޮޑުވަޒީރު ލިޔޮންކޮއިން ޝެރިންގް ޓޮބްގޭއަށް ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ޢަބްދުލްގައްޔޫމް ތަހުނިޔާ ވިދާޅުވެއްޖެ އެވެ.

ރައީސް ވަނީ ދުވަހުގެ ތަހުނިޔާ ވިދާޅުވެ ދެބޭފުޅުންނަށް ވަކިވަކިން މެސެޖް ފޮނުއްވައިފަ އެވެ.

‏ބޫޓާންގެ ރަސްގެފާނަށް ރައީސުލްޖުމްހޫރިއްޔާ ފޮނުއްވި މެސެޖުގައި ވިދާޅުވީ ރާއްޖެ އާއި ބޫޓާނާ ދެމެދު ގާއިމްވެފައިވާ ގާތް އެކުވެރި ގުޅުން ކުރިއަށް އޮތް ތާނގައި ދެ ގައުމަށާއި ދެ ގައުމުގެ ރައްޔިތުންނަށް ފައިދާވާ ގޮތަށް، އިތުރަށް ބަދަހިވެގެންދާނެ ކަމަށް އުންމީދުކުރައްވާ ކަމަށާއ ސާކް ސަރަޙައްދުގެ ގައުމުތަކުގެ ރައްކާތެރިކަމާއި ކުރިއެރުމަށް ދެ ގައުމުން ގުޅިގެން މަސައްކަތްކުރާނެ ކަމަށް އުއްމީދުކުރައްވާ ކަމަށެވެ.

ބޫޓާންގެ ބޮޑުވަޒީރަށް ފޮނުއްވި މެސެޖުގައި ރައީސް ވިދާޅުވީ ރާއްޖެއާއި ބޫޓާނާ ދެމެދުގައި ގާއިމްވެފައިވާ ގާތް ގުޅުން ކުރިޔަށް އޮތް ތާނގައި ބަދަހިވާނެ ކަމަށް ޔަގީންކުރައްވާ ކަމަށާއި ސާކް ޗާޓާގެ ވަޢުދުތައް ފުރިހަމަ ކުރުމަށް ދެ ގައުމުން ވެސް ގުޅިގެން މަސައްކަތްކުރާނެ ކަމަށް އުއްމީދުކުރައްވާ ކަމަށެވެ.

ބޫޓާންގެ ގައުމީ ދުވަހުގެ ގޮތުގައި ފާހަގަކުރަނީ 17 ޑިސެންބަރު 1907 ވަނަ އަހަރު އެ ގައުމުގައި އުފެދުނު ފުރަތަމަ ރަސްކަމުގެ ވެރިއެއްގެ ގޮތުގައި އުގްޔެން ވަންޗުކް އިސްކުރެވުނު ދުވަހެވެ.

comment ކޮމެންޓް