ރާއްޖެ ވަޑައިގަތުމަށް ބޫޓާންގެ ފޮރިން މިނިސްޓަރު ޑރ. ޓަންޑި ޑޯރްޖީއަށް ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު ދައުވަތު ދެއްވައުފިއެވެ.
މިނިސްޓަރު ޝާހިދު މި ދަތުރުފުޅުގެ ދައުވަތު ދެއްވީ ބޫޓާންގެ ފޮރިން މިނިސްޓަރާއިއެކު މިއަދު ފޯނުން ގުޅުއްވައި ކުރިޔަށް ގެންދެވި މަޝްވަރާތައް ނިންމަވާލަމުންނެވެ.
މިނިސްޓަރު ޝާހިދު އެދިވަޑައިގަތީ ފަސޭހަފުޅު ވަގުތެއްގައި ޑރ. ޓަންޑި ޑޯރްޖީ ރާއްޖެ ވަޑައިގަތުމަށެވެ.
މި މަޝްވަރާތަކުގައި މިނިސްޓަރު ޝާހިދު ވަނީ ރާއްޖެއާއި ބޫޓާނާ ދެމެދުގައި އޮންނަ ގާތް ގުޅުން އިތުރަށް ބަދަހިކޮށް ގިނަ ދާއިރާތަކުން ދެ ގައުމު ގުޅިގެން މަސައްކަތްކުރުމާ ގުޅޭގޮތުން މަޝްވަރާ ކުރައްވައިފަ އެވެ.
އެގޮތުން މަޝްވަރާކުރެވުނު ދާއިރާތަކުގެ ތެރޭގައި ސިއްހީ، ފަތުރުވެރިކަން، އަދި މޫސުމީ ބަދަލުތަކާ ގުޅޭ ގޮތުން ދެގައުމު ގުޅިގެން ކުރިއަށް އޮތްތަނުގައި މަސައްކަތްކުރުމާ ގުޅޭ ގޮތުން މިނިސްޓަރު ޝާހިދު ވާހަކަފުޅުދެއްކެވި އެވެ.
މިނިސްޓަރު ޝާހިދު ވަނީ މި ވާހަކަފުޅުތަކުގައި މިހާރު ދުނިޔެއަށް ކުރިމަތިވެފައިވާ ކޮވިޑް-19 ގެ ބަލިމަޑުކަމާ ދެކޮޅަށް ބޫޓާންގެ ސަރުކާރުން ކުރަމުންދާ މަސައްކަތްތަކަށްވެސް ތައުރީފްކުރައްވާފަ އެވެ.
ބޫޓާންގައި މިހާތަނަށް 27 މީހަކަށް ކޮވިޑް-19 ޖެހިފައިވާއިރު ހަ މީހަކު ވަނީ ބަލިން ރަނގަޅުވެފަ އެވެ.
މި ވާހަކަފުޅުތަކުގައި ދެ ގައުމުގެ ގުޅުމުގެ އިތުރުން ސަރަހައްދީ އަދި ބައިނަލްއަޤްވާމީ އެކިއެކި ކަންތައްތަކުގައި ރާއްޖެއާއި ބޫޓާން ގުޅިގެން މަސައްކަތްކުރުމާ ބެހޭ ގޮތުންވެސް ދެ ވަޒީރުން ވަނީ މަޝްވަރާކުރައްވާފަ އެވެ.