ރާއްޖޭގެ ފުޓްބޯޅަ ކުރިއެރުވުމަށް ބޭރުގެ ކުޅުންތެރިން ގެނެއައުމަކީ އޭގެ ސަބަބުން ފަތުރުވެރިކަން އިސްތިހާރުވެގެންދާނެ ކަމެއް ކަމަށް ޓޫރިޒަމް މިނިސްޓަރު މޫސާ ޒަމީރު ވިދާޅުވެއްޖެ އެވެ.
ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) އާއި މޯލްޑިވްސް ފުޓްބޯލް ޑޮޓްކޮމް ގުޅިގެން ރޭ ކުރިއަށްގެން ދިޔަ މޯލްޑިވްސް ފުޓްބޯލް އެވޯޑް ނައިޓްގެ ރެޑް ކާޕެޓްގެ ތެރެއިން ވާހަކަ ދައްކަމުން ޒަމީރު ވިދާޅުވީ ބޭރުގެ މަޝްހޫރު ކުޅުންތެރިން ރާއްޖެ އައުމަކީ ރާއްޖޭގެ އިގްތިސާދަށް ފައިދާތަކެއް ކުރާނެ ކަމެއް ކަމަށެވެ.
ޒަމީރު ވިދާޅުވީ ބޭރުގެ މޮޅެތި ކުޅުންތެރިން ރާއްޖެ އައިސް ރާއްޖޭގައި ޗުއްޓި ހޭދަކުރާ އިރު އެމީހުންގެ ފަރާތުން އެތައް ބަޔަކަށް ރާއްޖެ އިސްތިހާރުވާނެ ކަމަށެވެ.
"އެކުޅުންތެރިން ފޮލޯ ކުރާ ވަރަށް ގިނަ ފޭންސް ތިބޭނެ. އެކުޅުންތެރިން ރާއްޖޭގައި ނަގާ ފޮޓޯތަކާއި އަދި ރާއްޖެއާ ބެހޭ ގޮތުން ކުރާ ކޮމެންޓްތަކަކީ ވަރަށް މުހިންމު އެއްޗެއް، ރާއްޖެ އިސްތިހާރުވުމުގައި." ޒަމީރު ވިދާޅުވި އެވެ.
ޒަމީރު ވިދާޅުވީ ކުރިއަށް އޮތް ތަނުގައި ވެސް ތަފާތު މޮޅެތި ކުޅުންތެރިން ރާއްޖެ ގެނައުމުގެ މަސައްކަތް ސަރުކާރުން ކުރާނެ ކަމަށާއި އެ މަސައްކަތުގެ ތެރެއިން ޔޫރަޕްގެ މޮޅެތި ކުޅުންތެރިން ރާއްޖެ ގެނައުމުގެ މަސައްކަތް ކުރިއަށްދާނެ ކަަަމަށެވެ.
"ވެލާނާ އެއާޕޯޓްގެ ތަރައްގީގެ މަޝްރޫއު ނިމުމުން އެފަދަ ކުޅުންތެރިން ވީހާ ވެސް ގިނައިން ރާއްޖެ ގެނެވޭނެ ކަމަށް މިބަލަނީ،" ޒަމީރު ވިދާޅުވި އެވެ.
ފުޓްބޯޅައިގެ ބޮޑެތި ހަފްލާތަކަށާއި ބޮޑެތި މުބާރަތްތައް ޝަރަފްވެރިކުރުމަށް މިހާރު ވެސް އެކިއެކި ފަރާތްތަކުން ދަނީ ބޭރުގެ މަޝްހޫރު ކުޅުންތެރިން ގެންނަމުންނެވެ. އެގޮތުން ރޭ ބޭއްވި ފުޓްބޯޅަ އެވޯޑް ޝަރަފްވެރިކޮށްދެއްވާފައި ވަނީ ބާސެލޯނާގެ ކުރީގެ ކެޕްޓަން ކާލޮސް ޕިޔޯލް އެވެ. އަދި މިއަދު ކުޅޭ ޝިޔާމް މައުރޫފް ސޮކާ ކަޕްގެ ހާއްސަ މެހެމާނަކަށް ޗެލްސީގެ ލެޖެންޑް ޑިޑިއޭ ޑްރޮގްބާ ވަނީ އިއްޔެ ރާއްޖެ އައިސްފަ އެވެ.