މިއަހަރުގެ ފުޓްބޯޅަ ސީޒަނުގެ އެންމެ މޮޅު ބިދޭސީ ކުޅުންތެރިއާގެ އެވޯޑް ނިއުރޭޑިއަންޓުގެ އެދްރިއަން ވަލްޑޭސް ގަލާޑޯ އަށް ލިބިއްޖެއެވެ.
ގަލާޑޯ އަށް އެ އެވޯޑު ލިބިފައި ވަނީ ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) އާއި މޯލްޑިވްސް ފުޓްބޯލް ޑޮޓްކޮމް ގުޅިގެން ރޭ ކުރިއަށްގެންދިޔަ މޯލްޑިވްސް ފުޓްބޯލް އެވޯޑް ނައިޓްގައެވެ.
އެ އެވޯޑު ގަލާޑޯ އަށް ލިބުނީ ނިއުގެ ރުއިޒް ޕަޒް އެންހަލް ލުއިޒް (ކަންޑޭލާ) އާއި ޓީސީ ސްޕޯޓްސް ގެ ސްޓެވާޓް ކޯނެލިއަސް އެޒެކިއެލް އާއި ލިމްބޫ ކިރަން ކުމާރު އަދި ގްރީން ސްޓްރީޓްސް ގެ ސޮބޮލް އިލިއާއާ ވާދަކޮށްގެންނެވެ.
މިއަހަރުގެ ފުޓްބޯޅަ ސީޒަނުގައި ނިއު އާ ގުޅުނު ގަލާޑޯގެ ފަރާތުން ވަނީ މޮޅު ކުޅުމެއް ފެނިގެން ގޮސްފައެވެ. އެގޮތުން ނިއު އަށް މި ސީޒަނުގައި 20 ލަނޑު އޭނާ ވާނީ ކާމިޔާބު ކޮށްދީފައެވެ. މީގެއިތުރުން ނިއުއިން މި ސީޒަނުގައި ހޯދި ކާމިޔާބީތަކުގައި ވެސް ގަލާޑޯގެ ދައުރު ބޮޑެވެ. ނިއު އިން ވަނީ މި ސީޒަނުގައި އުރީދޫ ދިވެހި ޕްރިމިއަ ލީގާއި އެފްއޭ ކަޕުގެ އިތުރުން ގައުމީ މުބާރާތް ކާމިޔާބުކޮށްފައެވެ.
މިއީ ފުޓްބޯލް އެވޯޑްސްގައި އެންމެ މޮޅު ބިދޭސީ ކުޅުންތެރިއާގެ މަގާމު ހޮވި ފުރަތަމަ ފަހަރެވެ.