އުމަރާމެދު ނަފުރަތުނުވޭ: ގާސިމް

ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް ---- ސަން ފޮޓޯ/ މުހައްމަދު އަފްރާހް

ޖުމުހުރީ ޕާޓިއާ ދާދި ފަހުން ގުޅިވަޑައިގެންނެވި ކުރީގެ ހޯމް މިނިސްޓަރު އުމަރު ނަސީރާމެދު ނަފުރަތު ނުވުމަށްށާއި އިޚްލާސްތެރި ހިތަކުން އެނާ ބަލައިގަތުމަށް އެޕާޓީގެ ލީޑަރު އަދި ރައްޔިތުންގެ މަޖިލީހުގެ މާމިގިލި ދާއިރާގެ މެމްބަރު ގާސިމް އިބްރާހިމް ވިދާޅުވެއްޖެއެވެ.

ގާސިމް މިހެން ވިދާޅުވީ ޖަރުމަނުގައި ހުންނަވައިގެން ޖުމްހޫރީ ޕާޓީގެ އިސްވެރިންނަށް ފޮނުއްވި މެސެޖެއްގައެވެ.

ގާސިމް އެ މެސެޖުގައި ވިދާޅުވެފައިވަނީ ޖުމްހޫރީ ޕާޓީ އަކީ ޑިމޮކްރަސީގެ އުސޫލުތަކަށް ތަބާވާ އަދި ހުރިހާ ދިވެހި ރައްޔިތުންނަށްވެސް ހުޅުވާލެވިފައިވާ ޕާޓީއެެއްކަމަށެވެ.

ގާސިމް ވިދާޅުވީ އެ ޕާޓިއާ ގުޅުމުގެ ހައްގު ކޮންމެ މީހަކަށްވެސް އޮންނާނެ ކަމަށެވެ.
ތިން އަހަރުގެ ޖަލު ހުކުމެއް އިއްވާފައިވާ ގާސިމް ވިދާޅުވީ މިވަގުތަކީ އިސްލާހަށްޓަކައި ޚާއްސަ މަސައްކަތްތަކެއް ކުރަންޖެހިފައިވާ ވަގުތެއްކަމަށާއި އެހެންކަމުން އެ މަސަކަތާ ގުޅޭ ކޮންމެ މީހަކަށްވެސް އިޚްލާސްތެރިކަމާއެކު މަރުހަބާ ކިޔާ ކަމަށެވެ.

ޖޭޕީއާ ކުރިއަށް އޮތް ތަނުގައި މުހިންމު އަދި ވަރުގަދަ ސިޔާސީ ބޭފުޅުން ގުޅިވަޑައިގަންނަވާނެ ކަމުގެ އުންމީދު އެބައޮތް ކަމަށާއި އުމަރަކީ އެ ގޮތުގެ މަތިން ގުޅިވަޑައިގެންނެވި ފުރަތަމަ މެމްބަރު ކަމަށް އޭނާ ވިދާޅުވިއެވެ.

އުމަަރަކީ ތަޖުރިބާކާރު ސިޔާސީ ބޭފުޅެއް ކަމަށާއި ނަފުރަތުގެ އެއްވެސް ބަހެއް އެއްވެސް މީހަކު އޭނާއަށް ނުބުނަން ނަސޭހަތްތެރިވާ ކަމަށް ގާސިމް ވިދާޅުވިއެވެ.

ގާސިމް މިހެން ވިދާޅުވިއިރު އުމަރު ޖޭޕީއާ ގުޅިވަޑައިގަތުމުން އިދިކޮޅު އެމްޑީޕީގެ ބައެއް މީހުން ދަނީ ސޯޝަލް މީޑިއާގައި އެކަމާ ނުރުހުންފާޅުކުރަމުންނެވެ.

އުމަރު ޖޭޕީއާ ގުޅިވަޑައިގަތުމާ ގުޅޭ ގޮތުން ކިޔަމުންދާ ފާޑުކިޔުންތަކަށް ރައްދުދެމުން ޖޭޕީގެ ބައެއް މެމްބަރުން ބުނެފައިވަނީ އެ ޕާޓީއަކީވެސް މިނިވަން ޕާޓީއެއް ކަމަށާއި އެ ޕާޓީ ހިންގަންޖެހޭނީ އެމްޑީޕީ އާއި ކުރީގެ ރައީސް މުހައްމަދު ނަޝީދު ބޭނުންވާގޮތަށް ނޫން ކަމަށެވެ.

އުމަރު ޖެޕީއަށް ސޮއިކުރެއްވީ މިދިޔަ ބުރާސްފަތި ދުވަހުއެވެ. ސޮއިކުރެއްވުމަށްފަހު އުމަރު ވިދާޅުވީ ގުޅިފައިވާ ސިޔާސީ ޕާޓީތަކުން އެއް ކެންޑިޑޭޓެއް ނެރޭ ނަމަ އެ ކެންޑިޑޭޓަކަށް ވާން ހައްގު ބޭފުޅަކީ ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް ކަމަށެވެ.

comment ކޮމެންޓް