މިއަހަރުގެ މޯލްޑިވްސް އިންވެސްޓްމަންޓް ފޯރަމް އިފްތިތާހުކުރުމުގެ ރަސްމިއްޔާތުގައި ބައިވެރިވެވަޑައިގަތުމަށްޓަކައި ނައިބު ރައީސް އަބްދުﷲ ޖިހާދު މިއަދު ދުބާއީއަށް ފުރާވަޑައިގެންފިއެވެ.
އިންވެސްޓްމެންޓް ފޯރަމް ފެށުމުގެ ރަސްމިއްޔާތު ބޭއްވުމަށް ހަމަޖެހިފައިވަނީ މިމަހުގެ 18 ވަނަ ދުވަހު، ދުބާއީ އިންޓަނޭޝަނަލް ކޮންވެންޝަން އެންޑް އެގްޒިބިޝަން ސެންޓަރު ގައެވެ. އެ ފޯރަމްގެ ކީނޯޓް ސްޕީކަރެއްގެ ގޮތުގައި ނައިބު ރައީސް ވާހަކަފުޅު ދައްކަވާނެ އެވެ.
ނައިބު ރައީސްގެ އަރިހުގައި އެ ދަތުރުފުޅުގައި، އިކޮނޮމިކް މިނިސްޓަރު މުޙައްމަދު ސަޢީދު ބައިވެރިވެ ވަޑައިގަންނަވައެވެ.
މިފަހަރުގެ އިންވެސްޓްމެންޓް ފޯރަމްގައި ޔޫއޭއީގެ އިކޮނޮމިކް މިނިސްޓަރު ސުލްތާން ބިން ސައީދު އަލް މަންސޫރާއި ދުބާއީ ވިޔަފާރިވެރިންގެ ޖަމިއްޔާގެ ޗެއާމަން މާޖިދު އަލް ޝަމްސްވެސް ބައިވެރިވެ ވަޑައިގަންނަވާނެއެވެ.
އެ ފޯރަމްގައި ހުޅުމާލޭގެ ޔޫތު ސިޓީގައި ހުރި އިންވެސްޓްމެންޓް ފުރުސަތުތަކާ ބެހޭ މައުލޫމާތާއި ރީޖަނަލް އެއާޕޯޓްތައް ތަރައްގީ ކުރުމަށް ހުރި ފުރުސަތުތަކާއި އިންވެސްޓްމަންޓް ބޭންކުތަކަށް ހުރި ފުރުސަތުތަަކާ ބެހޭ މައުލޫމާތު އިންވެސްޓަރުންނާ ހިއްސާކުރާނެއެވެ.
މީގެ އިތުރުން އިތުރުން ރާއްޖޭގައި ޓްރާންޝިޕްމެންޓް ޕޯޓެއް ހެދުމަށް އޮތް ފުރުސަތާ ބެހޭ މައުލޫމާތު ހިއްސާ ކުރުމަށް ވަނީ ހަމަޖެހިފައެވެ.
ރާއްޖެއިން މީގެ ކުރިން ތިން އިންވެސްޓްމެންޓް ފޯރަމެއް ބާއްވާފައިވެއެވެ. އެންމެ ފުރަތަމަ އިންވެސްޓްމެންޓް ފޯރަމް ބާއްވާފައިވަނީ 2014 ވަނަ އަހަރު ސިންގަޕޫރުގައެވެ. 2015 ވަނަ އަހަރުގެ ފޯރަމް ޗައިނާގައި ބޭއްވީ ޗައިނާގައެވެ. މިދިޔަ އަހަރުގެ ފޯރަމް ބާއްވާފައިވަނީ އިންޑިއާގައެވެ. މިފަހަރުގެ ފޯރަމް އެންމެ ފުރަތަމަ ބޭއްވުމަށް ނިންމީ ގަތަރުގައެވެ. ނަމަވެސް ގަތަރާއެކު ގާއިމްކޮށްފައިވާ ސިޔާސީ ގުޅުން ދިވެހި ސަރުކާރުން ކަނޑާލުމަށްފަހު އިންވެސްޓްމެންޓް ފޯރަމް ދުބާއީގައި ބާއްވަން ހަމަޖެއްސީއެވެ.