"ޑޮން 3" އިން ދީޕިކާ ނުފެންނާނެ!

ޝާހުރުކްޚާން ލީޑް ރޯލުން ފެނިގެންދާ ބޮލީވުޑްގެ ފްރެންޗައިޒް ފިލްމް ސީރީޒް ޑޮންގެ ތިން ވަނަ ފިލްމުގެ އަންހެން ލީޑުން ޕްރިޔަންކާ ޗޯޕްރާގެ ބަދަލުގައި ފެނިގެން ދާނީ ދީޕިކާ ޕަދުކޯން ކަމަށް ދެކެވޭ ވާހަތައް ޕްރޮޑިއުސަރު ދޮގުކޮށްފި އެވެ.

'ޑޮން 3'ގެ ސްކްރިޕްޓުގެ މަސައްކަތް ކުރަމުން އަންނަ އިރު ފިލްމުގެ އަންހެން ލީޑު އަދި އޮތީ ނޭނގުމެއްގެ ތެރޭގަ އެވެ. ކުރީ ދެ ފިލްމުން ވެސް ފެނިގެން ދިޔައީ ބަތަލާ ޕްރިޔަންކާ އެވެ. ނަމަވެސް ޕްރިޔަންކާ މާ ބުރަކޮށް އުޅޭތީ 'ޑޮން 3' އަށް ވަގުތު ނުދެވޭނެ ކަމަށް ރިޕޯޓުތައް އަންނަނީ ބުނަމުންނެވެ.

ދީޕިކާގެ ނަން ފިލްމާ ގުޅުނީ އެހެންވެގެންނެވެ. ނަމަވެސް ފިލްމުގެ ޕްރޮޑިއުސަރު ރިތޭޝް ސިދްވާނީ މިވަނީ އެ ވާހަކަތައް ދޮގުކޮށްފަ އެވެ.

ރިތޭޝް ބުނީ ފިލްމުން ދީޕިކާ ނުފެންނާނެ ކަމަށެވެ. ނަމަވެސް ފިލްމުން ޕްރިޔަންކާ ފެންނާނެތޯ ނުވަތަ ނޫންތޯ ކުރި ސުވާލަށް ޖަވާބު ދީފައެއް ނުވެ އެވެ.

ބައެއް ރިޕޯޓުތައް ބުނާގޮތުން 'ޑޮން 3' ގައި ޕްރިޔަންކާ ހިމަނަން ޝާހު ބޭނުމެއް ނުވެ އެވެ. އެއީ 'ޑޮން 2'ގެ މަސައްކަތް ކުރިއަށް ދިޔަ އިރު ދެމީހުންގެ ދެމެދު ލޯބީގެ ގުޅުމެއް ހިނގައިފައި ވާތީ ކަމަށްވެ އެވެ. އަދި ދެމީހުން ވަކިވުމަށް ފަހު، އެކުވެރިކަން ވެސް ވަރަށް ބޮޑަށް ހީނަރުވެފައިވާ ކަމަށް ރިޕޯޓުތައް ބުނެ އެވެ.

'ޑޮން'ގެ ފުރަތަމަ ފިލްމު ނުކުތީ 1978 ވަނަ އަހަރު އެވެ. އެ ފިލްމުގައި ފެނިގެން ދިޔައީ އަމީތާބު ބައްޗަން އެވެ. އެއަށް ފަހު 2006 ވަނަ އަހަރު 'ޑޮން: ދަ ޗޭސް ބިގިންސް' ރިލީޒް ކުރި އެވެ. 'ޑޮން 2' ރިލީޒް ކުރީ 2011 ވަނަ އަހަރު އެވެ.

ފަރްހާން އަޚްތަރު ޑައިރެކްޓު ކުރާ އެ ފިލްމު ސީރީޒަށް ގިނަ ބައެއްގެ ތަރުހީބު ވަނީ ލިބިފަ އެވެ. 'ޑޮން' ސީރީޒްގެ ފިލްމުތަކުން ވަނީ ގިނަ އެވޯޑުތަކަކަށް ނޮމިނޭޓްވެ އަދި ފާހަގަ ކޮށްލެވޭ އެވޯޑުތައް ހޯދައިފަ އެވެ.

comment ކޮމެންޓް