ޔޫސޭ ދޮރުން ދޮރަށް މާދަމާ ހެނދުނު 11:00 ގައި ސަން ޕްލޭއަށް

ސަން މީޑިއާ އާއި ޔޫސުފް ރަފީއު (ޔޫސޭ)އާ ގުޅިގެން އުފައްދާ "ޔޫސޭ ދޮރުން ދޮރަށް" ޕްރޮގްރާމް މާދަމާ ހެނދުނު 11:00ގައި ސަން ޕްލޭގައި ތައާރަފުކުރަން ނިންމައިފި އެވެ.

ސަން މީޑިއާ އޮފިޝަލަކު މިއަދު ވިދާޅުވީ، ޔޫސޭ ދޮރުން ދޮރަށް ސަން ޕްލޭގައި ފުރަތަމަ ތައާރަފުކުރަން ނިންމީ ރާއްޖޭގައި ޑިޖިޓަލް މީޑިއާގެ ދައުރު ފުޅާވެ އޮންލައިންކޮށް މިފަދަ އުފެއްދުންތައް ބަލާ މީހުން ގިނަވެފައިވާތީ ކަމަށެވެ.

"ޓީވީ ކައިރީ ތިބެގެން ވީޑިއޯ ބަލާ މީހުނަށްވުރެ މޯބައިލްކޮށް ނޫނީ ކޮމްޕިއުޓަރުން ވީޑިއޯ ބަލާ މީހުން ގިނަވަމުން މި އަންނަނީ. އެގޮތުން ބަލާ އިރު ސަން ޕްލޭ އަކީ އެންމެ ގިނަ ދިވެހި ވީޑިއޯ ހިމެނޭ އޮންލައިން ޕްލެޓްފޯމް،" ސަން މީޑިއާގެ އޮފިޝަލު ވިދާޅުވި އެވެ.

އޭނާ އިތުރަށް ވިދާޅުވީ ޔޫސޭ ދޮރުން ދޮރަށް ސަން ޕްލޭގައި ތައާރަފުކުރުމުން މި ޑްރާމާ ބަލައިލަން ބޭނުންވާ ކޮންމެ މީހަކަށް ވެސް އެމީހަކު ހުރި ތަނެއްގައި ހުރެހެން ބަލައިލުމުގެ ފުރުސަތު ލިބިގެން ދާނެ ކަމަށެވެ.

ސަން މީޑިއާއިން އިތުރަށް ބުނީ ޔޫސޭ ދޮރަށް ދޮރަށް ގެ އާ ޕްރޮގްރާމެއް ކޮންމެ ހަފުތާއަކު ވެސް ސަން ޕްލޭގައި ތައާރަފުކުރަމުން ގެންދަން މިހާރު ނިންމާފައިވާ ކަމަށެވެ.

ސަން ޕްލޭ އަކީ އެކި ކަހަލަ ވީޑިއޯތައް ބަލައިލެވޭ ގޮތަށް ރާއްޖޭގައި ތަޢާރަފުކޮށް ހިންގާ އެންމެ ބޮޑު އޮންލައިން ވީޑިއޯ ޕްލެޓްފޯމެވެ. ސަން ޕްލޭގައި މިހާރު 4000 އާ ގާތްކުރާ އަދަދަކަށް ވީޑިއޯ ހިމެނެ އެވެ.

ސަން ޕްލޭގައި އަމިއްލަ ޗެނަލްތައް ހަދައި ވީޑިއޯތައް ލުމުގެ ފުރުސަތު ވެސް ވަނީ ހުޅުވައިލައިފަ އެވެ. އެ ގޮތުން ސަން ޕްލޭއަށް އެކި ފަރާތްތަކުގެ ޗެނަލް ހަދައި ވީޑިއޯތައް ހިމެނުމަށް އެއްވެސް އަގެއް ދައްކާކަށް ނުޖެހެ އެވެ.

comment ކޮމެންޓް