ލަންކާ މަސްބޯޓާ ހަވާލުވާން ފޮނުވާ އުޅަނދު މާދަމާ ރާއްޖެ ވަންނާނެ: އެމްއެންޑީއެފް

ރާއްޖޭގެ ކަނޑުގެ ސަރަހައްދުން ހާލުގައި ޖެހިފައިވަނިކޮށް ފެނުނު ސްރީ ލަންކާގެ މަސްބޯޓު --- ފޮޓޯ/ އެމްއެންޑީއެފް

ރާއްޖޭގެ ކަނޑުގެ ސަރަހައްދުން ހާލުގައި ޖެހިފައިވަނިކޮށް ފެނުނު ސްރީ ލަންކާގެ މަސްބޯޓު ކަފު ޖަހައިގެން ގެންދިއުމަށް ލަންކާ ސަރުކާރުން ފޮނުވާ ބޯޓު މާދަމާ ރާއްޖެ ވަންނާނެ ކަމަށް އެމްއެންޑީއެފުން ބުނެފި އެވެ.

ހއ. ތުރާކުނުގެ ހުޅަނގު އުތުރުން 62 ނޯޓިކަލް މޭލު ބޭރުން މިދިޔަ ހޯމަ ދުވަހު ކޯސްޓްގާޑަށް ފެނުނު އެ ބޯޓު މިހާރު އޮތީ ހއ. އުލިގަމުގަ އެވެ. އެ ބޯޓު ފެނުނު އިރު އޭގައި ހަތް ފަޅުވެރިން ތިބިއިރު އެ އެންމެންގެ ހާލު ވެސް ރަނގަޅު ކަމަށް ކޯސްޓްގާޑުން ބުނެ އެވެ.

ނަމަވެސް އެ ބޯޓުގައި ބޯފެން ފޮދެއް ނެތް އިރު، ހާލުގައި ޖެހުނީ ބޯޓުގެ އިންޖީނު ހަލާކުވެގެން ކަމަށް ވެ އެވެ.

އެމްއެންޑީއެފްގެ އިންފޮމޭޝަން އޮފިސަރު ކެޕްޓަން އިބްރާހިމް އާޒިމް މިއަދު ވިދާޅުވީ، ރާއްޖޭން ފެނުނު މަސްބޯޓު ކަފު ޖަހައިގެން ލަންކާ އަށް ގެންދިއުމަށް ލަންކާގެ ކަމާބެހޭ އިދާރާތަކުން ރާއްޖެ އަށް ފޮނުވާ ބޯޓު މިހާރު ދަތުރުކުރަމުން އަންނަ ކަމަށެވެ.

އެ ބޯޓު މިހާރު އޮތީ ރާއްޖެއާ 200 މޭލު ބޭރުގައި ކަމަށް ކެޕްޓަން އާޒިމް ވިދާޅުވި އެވެ. އަދި ވިދާޅުވީ، އަންނަ އާދީއްތަ ދުވަހުގެ ހެނދުނު ނޫނީ މެންދުރުގެ ވަގުތެއްގައި އެ ބޯޓު އުލިގަމުގައި ބަނދަރު ކުރެވޭވަރު ވާނެ ކަމަށެވެ.

އުލިގަމުން ސަންއާ ވާހަކަ ދެއްކި މީހަކު ބުނީ، އެ ރަށު ބަނދަރުގައި އޮތް މަސްބޯޓުގައި ކޮންމެވެސް ވަރަކަށް ކާއެއްޗެހި ހުރި ކަމަށާއި ނަމަވެސް ރަށު ބައެއް މީހުން އެމީހުންނަށް ކާއެއްޗެހި ފޯރުކޮށްދެމުންދާ ކަމަށެވެ.

comment ކޮމެންޓް