ށ. މިލަންދުއަށް ނަގޫ ރޯޅިއެއް އަރައި ގެއްލުންތަކެއް ލިބިއްޖެ އެވެ.
މިއަދު ހެނދުނު 11:50 އެހާކަންހާއިރު އެ ރަށަށް އެރި އެ ނަގޫ ރޯޅީގައި ދެ ގެއެއްގެ ފުރާޅު އެއްލާލައި ސީލިންގު ވެއްޓި ބޮޑެތި ގެއްލުންތަކެއް ވަނީ ލިބިފަ އެވެ.
ށ. މިލަންދޫ ކައުންސިލްގެ ނައިބު ރައީސް އަހުމަދު ޝިޔާމް މިއަދު ސަން އަށް ވިދާޅުވީ، ދެ ގެޔަކަށް ބޮޑެތި ގެއްލުންތަކެއް ލިބުނު ނަމަވެސް ނަގޫ ރޯޅީގެ ސަބަބުން ގިނަ ގެތަކަށް ގެއްލުމެއް ލިބިފައި ނުވާ ކަމަށެވެ.

މިއަދު އެރި ނަގޫ ރޯޅީގައި ގެޔަކަށް ގެއްލުން ވެފައި -- ފޮޓޯ/ށ. މިލަންދޫ ކައުންސިލް
ނަގޫ ރޯޅި އެރި ނަމަވެސް ރަށުގެ މޫސުން ރަނގަޅު ކަމަށާއި ގެއްލުން ލިބުނު ގެތައް ސާފުކުރުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށް އެ ރަށުގެ ކައުންސިލުން ބުންޏެވެ.