ގދ. ވާދޫގައި ކަރަންޓު ކެނޑި ރައްޔިތުން އުއްބަތި އަލީގައި

ގދ. ވާދޫ

ގދ. ވާދޫން ކަރަންޓު ކަނޑައިގެންގޮސް އާންމުންނަށް ބޮޑެތި ދަތިތަކަކާ ކުރިމަތި ލާން ޖެހިއްޖެއެވެ.

ވާދޫއިން "ސަން" އާ ވާހަކަ ދެއްކި މީހަކު ބުނީ މިރޭ 9:40 އެހައިކަންހާއިރު ކަރަންޓު ކެނޑުނުގޮތަށް އަދިވެސް ކަރަންޓު ނުލިބޭ ކަމަށެވެ.

އެ ރަށުގައި ތިބި ފެނަކަ ކޯޕަރޭޝަންގެ އޮފިޝަލުންނާ ހަވާލާދީ އޭނާ ބުނީ މިރޭ އެއްގޮތަކަށްވެސް ރަށަށް ކަރަންޓް ދެވޭނެ ކަމުގެ އުންމީދެއް ނެތް ކަަމަށެވެ.

"ފެނަކައިގެ އޮފިޝަލުންނާ ސުވާލުކުރުމުން ބުނަނީ ނޭނގެޔޭ ކަރަންޓު ދެވޭނެ އިރެއް. އަންހެނުންނާއި ތުއްތު ކުދިން ވަރަށް ދަތިހާލެއްގައި އުޅެނީ،" ވާދޫން ވާހަކަދެއްކި މީހާ ބުންޏެވެ.

އޭނާ ބުނީ ތަފާތު އެކި ގަޑިތަކުގައި އެރަށުން ކަރަންޓު ކެނޑެމުން އަންނަތާ ދުވަސްތަކެއް ވެއްޖެ ކަމަށެވެ.

އެރަށު އިންޖީނުގޭގައި ބޭނުންކުރަމުން ދަނީ 100 ކިލޯ ވޯޓުގެ ޖަނެރޭޓަރަކާއި 138 ކިލޯ ވޯޓުގެ ޖަނެރޭޓަރެކެވެ. އެ ދެ ޖަނެރޭޓަރަށް ދިމާވި މައްސަލަ އަދި ދެނެގަނެވިފައިނުވާ ކަމަށް ފެނަކައިގެ އޮފިޝަލުންނާ ހަވާލާދީ އެރަށުން ވާހަކަދެއްކި މީހަކު ބުންޏެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި އެ ރަށުގައި ހުންނަ ދިރާގު އެންޓަނާއިންވެސް ކަރަންޓް ކެނޑިފައިވާތީ ދިރާގު ނެޓްވޯކް މެދުވެރިކޮށް ފޯނުން ގުޅުމުގެ ޚިދުމަތް ވެސް ވަނީ ވަގުތީ ގޮތުން ކެނޑިފައެވެ.

ފެނަކަ ކޯޕަރޭޝަނުން އަންނަނީ އެމައްސަލަ ހައްލުކުރުމަށް މަސައްކަތް ކުރަމުންނެވެ.

comment ކޮމެންޓް